ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް މަންމަގެ މައްޗަށް ސާބިތުވެއްޖެ

ށ. ފުނަދޫ، ދިނަށަ، އާމިނަތު ޝާހިދާ: އޭނާގެ ދަރިފުޅު މަރާލި ކަމުގެ ކުށް ވަނީ ސާބިތުވެފައި ---- ސަން ފައިލް ފޮޓޯ

ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު މަރާލިކަމުގެ ކުށް އެ ކުއްޖާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ތޫނުއެއްޗަކުން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.

ނޫމަރާގައި ޝާހިދާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔައިރު، ކޮޓަރީގެ އެނދުމަތީގައި ޝައިހާ މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ މަރާލި އިރު އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ޝާހިދާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

ދަރިފުޅު މަރާލި ކަމަށް އާމިނަތު ޝާހިދާ އިއުތިރާފުވެފައިވާ ކަމަށާއި ހާދިސާ ހިނގި އިރު ޝާހިދާގެ ނަފްސާނީ ހާލަތު ހުރިގޮތް ދެނެގަތުމަށްޓަކައި އެސެސްމަންޓެއް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް ފަހުން ކޯޓު މަރުހަލާގައި ޝާހިދާ ވަނީ އެ ކުށަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ މައްސަލާގައި އަށް އަހަރު ފަހުން މިއަދު ވަނީ ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފައެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ, ވާރިސުންގެ ބަސް ނެގުމާއި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.

ޝައިހާ މަރުވެފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ. އެގޮތުން ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް