ދެ މީހުން މަރުވި އެކްސިޑެންޓްވި ވަގުތު ލޯންޗަކުން އެހީނުވެ ދިޔަކަމުގެ ތުހުމަތު!

ރޭގެ އެކްސިޑެންޓްގައި ލޯންޗް ވިލިނގިލީ ނެރުމައްޗަށް އަރާފައި: އެ ހާދިސާގައި ދެ މީހަކު ވަނީ މަރުވެފައި-- ސަން ފޮޓޯ

ގއ. ވިލިނގިލީ ނެރަށް ލޯންޗެއް އަރައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެ މީހަކު މަރުވެފައިވާއިރު، އެ އެކްސިޑެންޓް ހިނގި ވަގުތު އެހީނުވެ އެހެން ލޯންޗެއް ދިޔަ ކަމަށް، އެހީތެރިވާން އުޅުނު މީހުން ތުހުމަތުކޮށްފިއެވެ.

ރޭ ހިނގި އެ ހާދިސާގައި މަރުވީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ. އަދި އެ ލޯންޗްގައި ތިބި ތިން މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އެ ހާދިސާ ހިނގިކަން އެނގިގެން އެހީތެރިވުމަށް އެހެން ލޯންޗެއްގައި ދިޔަ މީހަކު ނަން ނުޖަހަން ޝަރުތުކޮށް "ސަން"އަށް ބުނީ، އެ އެކްސިޑެންޓް ހިނގިކަން އޭނާއަށް އެނގުނީ އެކްސިޑެންޓްވި ލޯންޗްގައި ހުރި މީހަކު ރޭ 7:30ގައި ގުޅާފައި އެހީއަށް އެދުމުން ކަމަށެވެ. އޭނާ ވަގުތުން އެހީވާން ފުރަން ދިޔައިރު އެހެން ލޯންޗެއް ވެސް ކޫއްޑޫއަށް ދާން ފުރަން ތައްޔާރުވެފައި އޮތް ކަމަށާއި އެ މީހުންކައިރި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާން ބައިވެރިވެ ދިނުމަށް އެދުމުން އެކަމަށް އިންކާރުކޮށް ފުރައިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

https://sun.mv/165043

"ވިލިނގިއްޔަށް ގުރުއާން މުބާރާތަށް އައި ޖަޖުން ފުރުވަން ކޫއްޑޫ އެއާޕޯޓަށް ލޯންޗެއްގައި ދާން ފުރަންވެގެން އެވަގުތު ވިލިނގިލީ ތެޔޮއަޅާ ޖެޓީގައި ހުރި މީހެއް ކައިރީ އަޅުގަނޑު ބުނިން ހިނގާށޭ އެހީވާންދާން. އެ ޖެޓީން ހާދިސާ ހިނގިތަނަށް ލޯންޗެއްގައި ދާން މިނިޓެއް ވެސް ނުނަގާނެ. ދެން އޭނާ ބުނީ ޗެކިން ފެށެނީޔޭ. މިގަޑީގަ ދެވޭކަށް ނެތޭ،" އެ މީހާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އިތުރު ލޯންޗެއްގައި އެކްސިޑެންޓްވި ނެރު ކައިރިއަށް ދިޔައިރު ވެސް މިސްބާހް ވަނީ ގެއްލިފައެވެ. ދެން އެ ހާދިސާގައި މަރުވި ޝާފިއު އޮތީ ލޯންޗްތެރޭގައި ކުރުގެޅިފައެވެ. އަދި ހާލު ސީރިއަސްވެފައިވާ ތިން މީހަކު ލޯންޗުގައި އޮތެވެ.

"އަޅުގަނޑުމެން ބެލީ ވީހާވެސް އަވަހަށް އެ ހަތަރު މީހުން ހޮސްޕިޓަލަށް ގެންދެވޭތޯ. މިސްބާހް ހޯދާކަށް ނޫޅެވުނު. އެ ލޯންޗުން އެހީވާން އައިނަމަ ޝާފިއުގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ވެސް އޮތީސް. އަދި ތަންކޮޅެއް އަވަހަށް މިސްބާހް ހޯދުމުގެ ފުރުސަތު ވެސް އޮތީސް،" އޭނާ ކިޔައިދިނެވެ.

ލޯންޗް އެކްސިޑެންޓްގައި މަރުވި އަހުމަދު ޝާފިއު އަދި މިސްބާހު ----

އޭނާ ބުނިގޮތުގައި އެކްސިޑެންޓްވި ސަރަހައްދަށް ފުލުހުންނަށް ދެވުނީ ހާދިސާ ހިނގިތާ 35 ވަރަކަށް މިނެޓް ފަހުންނެވެ.

"ފުލުހުން އައިސް ހަމަ އެއްފަހަރުން މިސްބާހް ނަގައިފި. އެހެންވީމަ ކުރިން ދެވުނު ނަމަ ދިރިހުއްޓާ މިސްބާހު ސަލާމަތް ކުރުމުގެ ފުރުސަތު އޮތްކަން އެނގޭ ނޫންތޯ މިކަމުން ވެސް،" އޭނާ ބުންޏެވެ.

އެހީއަށް އެދުމުން އަޅައި ނުލައި ދިޔަ ކަމަށް ތުހުމަތު ކުރެވޭ ލޯންޗްގެ ކެޕްޓަންއަށް ވެސް މި ނޫހުން ގުޅާލީމެވެ. އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.

އޭނާ ބުނީ އެ އެކްސިޑެންޓް ހިނގައިގެން މީހަކު އެހީތެރި ކަމަށް ނޭދޭ ކަމަށާއި އަދި އެ އެކްސިޑެންޓް ހިނގިތަން ވެސް ނުފެންނަ ކަމަށެވެ. ނަމަވެސް ބަޔަކު ގޮވައިގެން ކޫއްޑޫއަށް ދިޔައިރު ލޯންޗެއްގެ ނެވިގޭޝަން ފެނުނު ކަމަށާއި ނަމަވެސް އަނދިރިކަމުން އެއީ ކިހާވަރެއްގެ ހާދިސާއެއްކަން އޭރު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ކޫއްޑޫއަށް ވެސް ދިޔަތާ ބައި ގަޑިއިރެއްހާއިރު ފަހުން އެނގުނީ،" އޭނާ ބުންޏެވެ.

ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ބުނީ އެކްސިޑެންޓް ވެގެން އޭނާގެ އެހީއަށް މީހަކަ ނޭދޭ ކަމަށެވެ.

comment ކޮމެންޓް