މިވަގުތު ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ: އެޗްޕީއޭ

މަސް މާރުކޭޓު ސަރަހައްދުގައި މީހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިނގިރޭސިވިލާތުން މަންކީޕޮކްސް ވައިރަސްގެ ކޭސްތައް ރިފޯޓުކުރުމާއެކު އެ އޭޖެންސީން ބަލި ފެތުރޭ މިންވަރު ބަލަމުން ދިޔަ ކަމަށެވެ. އަދި މެއި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ނުވަތަ އަވަށްޓެރި ގައުމަކުން ވެސް އެ ބަލީގެ ކޭހެއް ފެނިފައި ނުވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

އެ އޭޖެންސީން ބުނީ މުސްތަގުބަލުގައި ރާއްޖެއަށް ވެސް ބަލި އައުމަކީ އެކަށީގެންވާ ކަމަކަށް ވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގައިންގަޔަށް އަރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފުކޮށް، މާސްކް އެޅުމަށާއި އެއްވެސް އަލާމާތެއް ހުރި ނަމަ އެހެން މީހުންނާ ގައިގޯޅި ނުވުމަށް ވަނީ އެދިފައެވެ.

މަންކީޕޮކްސްގެ ކޭސްތައް، އެ ބަލި އާންމުކޮށް ފެންނަ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނު ކަމުގައި ވިޔަސް މިއިން ގައުމަކާ ގުޅުމެއް ނެތް ގޮތަށް، އެހެން ގައުމުތަކުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި މިފަދަ އައުޓްބްރޭކެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އެ އޭޖެންސީން ފާހަގަކޮށްފައިވެއެވެ.

މި ވައިރަހާ ބެހޭ ދިރާސާތައް މިހާރުވެސް ކުރަމުންދާއިރު މިއީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖަހާ ވެކްސިނުން މަންކީޕޮކްސްއިން ވެސް ރައްކާތެރިކޮށްދެއެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ދުނިޔެއިން ކަށިވިދުރި ނައްތާލެވުމާއެކު އޭގެ ވެކްސިން ޖެހުން ހުއްޓާލި ފަހުން މިވީ އަހަރުތަކުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް، މިބަލި އުޅޭ ގައުމުތަކުގައި ވަނީ އިތުރުވެފައެވެ.

މި ބަލީގެ އަލާމާތްތަކަކީ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުގައި ގޮށްލުމެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށްފަހު ފެން ފޮޅަށްވެ، އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަޅައިގެންގޮސް ކުރަލައެވެ. އަދި ކުރައިގެ ދަށުން އާ ހަން އުފެދި، ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތްވެދާނެއެވެ. މިބައްޔަށް ސިދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

މި ބައްޔަކީ އާއްމުކޮށް މި ވައިރަސް ހުންނަ ޖަނަވާރުގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ.

އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުންމުންނެވެ. އަދި ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް