ފިއޮރެންޓީނާ އަތުން ބަލިވެ ޔުވެންޓަސްއަށް ލީގު ނިންމާލަން ޖެހުނީ ބައްޔަކުން

ފިޔޮރެންޓީނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން---

ރޭ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން ބަލިވެ ޔުވެންޓަސްއަށް ބައްޔަކުން ލީގު ނިންމާލަން ޖެހިއްޖެއެވެ.

ފިއޮރެންޓީނާ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު އެ މެޗު އެ ޓީމު ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ. މިރޭގެ ބައްޔާއެކު ޔުވެންޓަސް ވަނީ މި ސީޒަންގައި އަށް މެޗުން ބަލިވެފައެވެ.

ރޭގެ މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ވެސް ފިއޮރެންޓީނާއިންނެވެ. އިޓަލީގެ ގަދަބާރު ކަމަށްވާ ޔުވެންޓަސްއަށް ފިއޮރެންޓީނާގެ ގޯލަށް ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމެން ދިޔަ ނަމަވެސް ފުރަތަމަ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ގިއަކާމޯ ބޮނަވެންޗޫރާގެ އެހީތެރިކަމާއެކު އަލްފްރެޑް ޑުންކަން ވަނީ ފިއޮރެންޓީނާގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ.

ފިއޮރެންޓީނާ މެޗުގެ ދެވަނަ ގޯލު ޖަހައިފައިވަނީ ދެވަނަ ހާފުގެ ފުރިހަަމަ ވަގުތު ހަމަވެގެން ދިން އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލަކީ ފިއޮރެންޓީނާގެ ޓީމުގެ ލޫކަސް ޓޮރެއިރާއަށް ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޮއްޗީ އެ ޓީމުގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީން ޖެހި ގޯލެކެވެ. އެ ގޯލު މެޗުގެ 92 ވަނަ މިނެޓުގައި ޖަހައިދިނީ ނިކޮލަސް ގޮންޒާލޭޒް އެވެ.

އެ ނަތީޖާއާއެކު މެޗު ނިމުމުން ޔުވެންޓަސްއަށް މިސީޒަނުގައި ލިބުނީ 70 ޕޮއިންޓެވެ. އެއާއެކު އެ ޓީމު ތާވަލުގެ ހަތަރު ވަނައިގައި އޮތްއިރު މެޗުން މޮޅުވި ފިއޮރެންޓީނާ ތާވަލުގެ ހަތްވަނައިގައި އޮތީ އެ ޓީމަށް މި ސީޒަނުގައި ލިބުނު 62 ޕޮއިންޓާއެކުގައެވެ.

މިއީ 2010/2011 ވަނަ ސީޒަނަށް ފަހު އެ ޓީމު ތަށްޓެއް ކާމިޔާބުނުކޮށް ސީޒަން ނިންމާލަންޖެހުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިޓާލިއަން ލީގު ވެސް އެ ޓީމަށް ގެއްލިފައިވަނީ މި އަހަރުގައެވެ.

ދާދި ފަހުން އެ ޓީމަށް ވަނީ އިޓާލިއަން ސުޕަކަޕް ފައިނަލުގައި އިންޓަމިލާން އަތުން ވެސް ބަލިވެ އެ ތަށި ވެސް ގެއްލިފައެވެ. އަދި ޗެމްޕިއަންސް ލީގުން ސްޕެއިންގެ ވިލަރިއާލް އަތުން އެ ޓީމު ކެޓީ ގަދަ 16އިންނެވެ.

comment ކޮމެންޓް