ވިލިނގިއްޔަށް ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކު މަރުވެއްޖެ

ލޯންޗް އެކްސިޑެންޓްގައި މަރުވި އަހުމަދު ޝާފިއު އަދި މިސްބާހު ----

ގއ. ވިލިގިނލީ ނެރުން ވަންނަން އުޅުނު ލޯންޗެއް އެކްސިޑެންޓްވެ އޭގެން ދަތުރުކުރި ދެ މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަސް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ގއ. ވިލިނގިލީ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި ލޯންޗުގައި ތިބި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގީ މިރޭ 7:15 ހާއިރުއެވެ.

ގެއްލުނު ދެ މީހުން މަރުވެފައިވާކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަޙްމަދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެނގިފައިވާގޮތުގައި މަރުވެފައި ވަނީ ގއ. ވިލިނގިލި، ދޫރެސް، މިސްބާހު ޢަބްދުލްމުޙްސިން، 37، އާއި ނ. ލަންދޫ، އުރަހަ، މުޙައްމަދު ޝާފިއު، 27، އެވެ.

ލޯންޗްގައި ތިބި އިތުރު ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ތިން މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު 'ސަން' އަށް ވިދާޅުވީ, ނީމޯ ލޯންޗް އައީ ޕުލްމަން މޯލްޑިވްސް ރިސޯޓުން މީހަކު ގޮވައިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވިލިނގިލިން އިތުރު ހަތަރު މީހުންނާ އެކު އެ ލޯންޗް ޕުލްމަން ރިސޯޓަށް ގޮސްފައިވަނީ ހާދިސާގައި މަރުވި ޝާފިއު ބަލައެވެ.

"މިސްބާހުގެ އާއިލާ މީހަކާ ޝާފިއުގެ އާއިލާ މީހަކު ކައިވެނިކުރާތީ ޝާފިއު ބަލާ މި ދިޔައީ," އެ ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މަންޒަރުދުށް ބައެއް މީހުން ބުނީ ނެރުގެ ފައިކައްޓަށް ލޯންޗު އެރާފައިވަނީ ބާރު ސްޕީޑެއްގައި އަންނަނިކޮށް ކަމަށެވެ.

އެ ހިތާމަވެރި ހާދިސާގައި މަރުވި މިސްބާހުގެ ދެ އަނބިން ތިބޭއިރު ދޮށީ އަނބަތް 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިން ތިބެއެވެ. އަދި ހަނގު އަނބަތް ދެ އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވެސް ހުރެއެވެ.

އެނގިފައިވާ ގޮތުގައި ދެން އެ ހާދިސާގައި މަރުވި ޝާފިއު އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް