މިފަހަރު ވެސް މުޙައްމަދު އިސްމާޢީލްގެ ބަންދުގެ މުއްދަތު އިތުރުކޮށްނުދީ ދޫކޮށްލައިފި

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު މުޙައްމަދު އިސްމާއިލް ހައްޔަރު ކޮށްގެން ގެންދަނީ --- ސަން ފައިލް ފޮޓޯ/ މުޙައްމަދު ޙައްޔާން

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ދެވަނަ ފަހަރަށް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވެސް ދޫކޮށްލައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 12 ޖަހަނިކޮށެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ މުޙައްމަދު އިސްމާޢީލްގެ ބަންދަށް 15 ދުވަސް އިތުރުކޮށްދިނުމަށެވެ.

ނަމަވެސް ފުލުހުން އެދުނު ގޮތަށް ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ އޭނާ ދޫކޮށްލުމަށް ގާޒީ އަމުރުކުރީ އޭނާ ޖިނާއީ އެއްވެސް ކުށެއް ކުރި ކަމުގެ ހެކި ފުލުހުންނަށް ދެއްކިފައި ނެތުމުން ކަމަށް ދިފާއީ ވަކީލް އާދަމް އާސިފް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ވެސް މުޙައްމަދު އިސްމާޢީލް ހައްޔަރު ކުރުމުން ޖެހިގެންއައި ދުވަހު ކޯޓުން އޭނާ ދޫކޮށްލީ, ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރު ހަވާލުކޮށްފައިވާތީއެވެ. އެހެންކަމުން އެއީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކުރުމެއް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

ރޭ މުޙައްމަދު އިސްމާޢީލް ހައްޔަރުކުރަން ގާޒީ އާދަމް މުޙައްމަދު ނެރުއްވި ކޯޓު އަމުރުގައި ވަނީ އަލުން އެ މައްސަލާގައި އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. ސަބަބަކީ ކުރިން ބޭއްވި މުއްދަތު މަޖިލީހުގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބާ ބެހޭގޮތުންނާއި އަދި ތުހުމަތު ކުރެވޭ ކުށާ ގުޅޭ ހެކި ނުވަތަ ގަރީނާ އާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީ ކަމަށް އެ އަމުރުގައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު އިތުރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ނަސީމް (ތަކަނޭ) އެވެ. އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

comment ކޮމެންޓް