ވަގުން ހިފުމުން ވެސް ފުލުހުންނަށް ނާދެވުނު، އެންމެ ފަހުން ބަދަލުހިފުމުގެ ހަމަލާއެއް

ވަގުން ހަމަލާދީ ތަޅާލި ބީޖީ މާޓް ފިހާރަ --- ސަންފޮޓޯ

މާފަންނު ފުނަ ގޯޅީގައި ހުންނަ އައިޓަމްސް ފިހާރައިން ރޭ ވައްކަން ކުރި މީހަކު އެ ސަރަހައްދުގެ އާންމުން ހިފެހެއްޓުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި, ގެއްލުން ދީފިއެވެ.

ރޭ 21:00 ހާއިރު އައިޓަމްސް ފިހާރައަށް ވަން އެ މީހާ ވަގަށް ނެގީ ފައިވާނެއް ކަމަށް އެ ވަގުތު ފިހާރައިގައި ތިބި މުވައްޒަފުން "ސަން"އަށް ބުންޏެވެ. އޭނާ ފައިވާން ވަގަށް ނަގައިގެން ދާން އުޅެން ފެށުމުން އެ ވަގުތު ފިހާރައިގައި ތިބި މީހުން ވަނީ އޭނާ ހިފައްޓާފައެވެ.

"ދެން އޭނާ ބޭރަށް ނެރުނު ތަނުން އަންނަނީ އޭނާގެ އެއްބަނޑު އެއްބަފާ އިތުރު ދެ މީހުން އޭނާ ސަލާމަތްކުރަން. ކަޓަރު ވެސް ހިފައިގެން އެމީހުން އައީ," މަންޒަރު ދުށް މީހަކު ބުންޏެވެ.

ހާދިސާގެ ވީޑިއޯތައް "ސަން"އަށް ލިބިފައިވާއިރު, އެ ވީޑިއޯއިން ވައްކަން ކުރި މީހާ އައިޓަމްސް ފިހާރައިގެ ބޭރުން ހިފަހައްޓައިގެން އުޅޭ މަންޒަރު ފެނެއެވެ. އަދި, އެމީހާ ހިފަހައްޓައިގެން ތިބޭ މީހުންނާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަމުން ދިޔައިރު, އެމީހުންގެ އަތުގައި ކަޓަރެއް އޮތް ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

ރޭ އައިޓަމްސް ކުރިމަތީ ހިންގި ހަމަނުޖެހުމުގެ ތެރެއިން --- ސަން ގްރެފިކްސް/ ޢަލީ ޝާހީން

"އެންމެނަށް ވެސް އެނގޭ އެ ތިން މީހުންނަކީ އެހެން އުޅޭ ބައެއްކަން. މިތާ ކައިރީ އުޅޭ ބައެއް އެއީ. އަބަދު ވެސް ސަމާލުވާން ޖެހޭ އެމީހުން އައިސްފިއްޔާ ވައްކަމެއް ކޮށްފާނެ ކަމަށް," އެ ފިހާރައިގެ މުވައްޒަފަކު ބުންޏެވެ.

ރޭ 00:30 ހާއިރު ހަމަ އެމީހުން ވަނީ އެ ސަރަހައްދުގައި ހުރި "ބީޑީ މާޓް"ކިޔާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާ ގެއްލުން ދީފައެވެ. އެ ފިހާރައިގެ ވެރިފަރާތުން "ސަން"އަށް ބުނީ އެ ހަމަލާއަކީ އެ މީހުން ހިފެހެއްޓުމުން, އެކަމަށް ބަދަލުހިފުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"އެމީހުން ހަމަ މިތަނަށް އައިސް އިންޒާރު ދީފަ ދިޔައީ ފިހާރަ ތަޅާލާނެ ކަމަށާއި, ރޯކޮށްލާނެ ކަމަށް ބުނެ ހަމަ އެ ވަގުތު އަޅުގަނޑުމެން ފުލުހުންނަށް އެންގިން. ފުލުހުން ކައިރީ ބުނިން ރައްކާތެރިކަން ބޭނުމޭ ވެސް," އޭނާ ބުންޏެވެ.

ބީޑީ މާޓަށް ވަގުން ގެއްލުންދީފައި --- ސަން ފޮޓޯ

އެ ފިހާރައިގެ ވެރިފަރާތުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އެ އިންޒާރު ލިބުނު ވާހަކައާއި, ހިމާޔަތް ބޭނުންވާ ވާހަކަ އެންގި ކަމަށެވެ. ނަމަވެސް ކުޑަ އިރުކޮޅެއްތެރޭ އެމީހުން ފިހާރައަށް އައިސް ހަމަލާ ދިން ކަމަށް އޭނާ ބުންޏެވެ.

"ހަމަ އަޅުގަނޑުމެން މިތަނުގައި ތިއްބަ އެމީހުން އައީ. އައިސް ލަކުޑިބުރި ތަކަކުން ހަމަލާ ދީ, ބިއްލޫރިގަނޑުތައް ތަޅާލީ," އޭނާ ބުންޏެވެ.

މި ހަމަލާގައި ޖުމްލަ 5,000އަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާނެ ކަމަށް އެ ފިހާރައިގެ ވެރިފަރާތުން ލަފާކުރެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުރި މީހަަކަށް ވެސް ވަނީ އެ ވަގުތު އަނިޔާވެފައެވެ.

އެ މައްސަލައިގައި ހިމެނޭ ތިން ބެއިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް