އުމުރު ހަގުކޮށް، ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން: -- ސަން ފައިލް ފޮޓޯ

ގްރޭޑް އެކަކަށް ވަދެވޭ އުމުރު ދަށް ކޮށް، މާލޭ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިިދިޔަ ދިރާސީ އަހަރު މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް ކަނޑައަޅާފައި ވަނީ، ޑިސެމްބަރު 31އަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ.

ނަމަވެސް އެޑިއުކޭޝަނުން އެ ނިންމުން މުރާޖައާކޮށް، މިފަހުން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ޖުލައި 31 އަށް ހަ އަހަރު ފުރި، ހަތް އަހަރު ނުފުރޭ ކުދިންނަށް މާލޭ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް ފުރުސަތު ހުޅުވައިލާ ކަމަށެވެ.

ކުރިއަށް އޮތް ދިރާސީ އަހަރު މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމާ ގުޅޭ
އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނީ، މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުން ޚާއްޞަ ކުރެވިފައިވަނީ، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކަށް ޖާގަ ހޯއްދެވުމަށް ފޯމު ހުށަހަޅާނީ ޖުލައި މަހުން ފެށިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިނެވެ.

މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމުގެ ލިންކް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

comment ކޮމެންޓް