ދުރު ނުފެންނަ ބައްޔާއި އޭގެ މުޖައްރިބު ފަރުވާ

ބަޔަކު ހިތް ފަސޭހަ މައިދާނެއްގައި މަޑުކޮށްލައިގެން-- ސަން ފައިލް ފޮޓޯ

ދުރު ނުފެނުމުގެ ބައްޔަކީ ވަރަށް ގިނަމީހުންނަށް ކުރިމަތިވަމުންދާ، ސީރިޔަސް މައްސަލައެކެވެ. މި ބަލީގެ ދެބާވަތުގެތެރެއިން ފުރަތަމަ ބާވަތަށް ފަރުވާ ލިބޭނީ ޑަކުޓަރީ ބޭހުންނެވެ. އަދި ދެވަނަ ބާވަތަށް ފަރުވާ ކުރަންޖެހޭނީ ބަލި ޖެހިފައިވާމީހާ އަމިއްލައަށެވެ. ފަހުން މިބުނި ވައްތަރުގެ ބަލިކަން ތަހަންމަލު ކުރަމުންދާ މީހުންނަށް ޑަކުޓަރީ ގޮތުން ކުރެވޭނެ ފަރުވާއެއް ނޯންނާނެއެވެ!

މި ލިޔުމުގައި ބަޔާންކުރާ، ދުރު ނުފެންނަ ބަލީގެ މާނައަކީ؛ ތިމާގެ އަމިއްލަ ނަފުސަށްވުރެ ދުރަށް ވިސްނަން ނޭނގުމެވެ. ދުނިޔޭގައި އުޅެނީ ތިމާ އެކަނި ކަމަށް ބަލައިގެން ކަންތައްތައް ކުރަމުން ގެންދިއުމެވެ. ތިމާ އުޅޭ މުޖުތަމައުގައި އެހެންމީހުންވެސް އުޅޭނެކަމުގެ އިހުސާސެއްނެތި، އަމިއްލަ މަސްލަހަތަށް ފައިދާވާނެހެން ހުރިހައި ކަމެއް ކުރަމުން ދިއުމެވެ. މި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ފެންނާނެ މައިގަނޑު އަލާމާތްތަކާއި އަދި ބަލީގެ ފަރުވާއަށް ބަލައިލާފައިވާނެއެވެ.

ކިތަންމެ ގިނަ ބައެއްގެތެރޭގައި ދިރިއުޅެމުން ދިޔަނަމަވެސް، 'ދުރު ނުފެންނަ ބަލި ޖެހިފައިވާ މީހެއްނަމަ' އޭނާގެ ވަށައިގެން އުޅޭ އެހެން މީހުންނާމެދު ސަމާލުކަން ދީގެން ކަންކަން ކުރުމުގެ ވިސްނުމެއް ނުހުންނާނެއެވެ. ތިމާގެ އަމިއްލަ މުހުތާދުތައް، ހިތު ހުރި ގޮތަކަށް ފުއްދަމުންދާއިރު އޭގެ ސަބަބުން އެހެން ބަޔަކަށް ވެދާނެ އުނދަގުލަކާމެދު ފިކުރު ކޮށްލާނެ ހިތްވަރެއް އޭނާގެ ނުހުންނާނެއެވެ. އޭނާ ކުރާ ކަންތައްތަކުގެ ސަބަބުން އުނދަގޫވާ އެހެންމީހުން ކުދި ކިޔައި ލޯ އަޅާ މަންޒަރެއް އޭނާއަކަށް ނުފެންނާނެއެވެ.

ދުރު ނުފެންނަ ބަލީގެ ޝިކާރައަކަށްވެފައިވާ މީހާ، ވިޔަފާރި ކުރަން ބޭނުންވެއްޖެނަމަ އޭނާއަށް ވީ ކޮންމެ ގޮތަކުން އެކަން ކުރާނެއެވެ. މަނާކޮށްފައިވާ ގޮތެއްވިޔަސް ވަރިހަމައެވެ. ބޭނުން ކޮންމެ ތަނެއްގައި ޓެންޓު ޖަހައިގެން ނުވަތަ މޭޒު ބަހައްޓައިގެންވިޔަސް އެކަން ކުރިއަށް ގެންދާނެއެވެ. ކާބޯ ތަކެތި ވިއްކުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އަމުދުން އޭނާއަކަށް މުހިންމެއް ނުވާނެއެވެ. އަވިން ހޫނު ކުރި 'ތާޒާ' ބޯފެނާއި އެނޫންވެސް ބުއިންތައް ވިއްކަންވީއެވެ. ސިމެންތިއާއި ގާކުނޑި އަދި ހިރަފުހުން ތަޣައްޔަރުވެފައިވާ ކާބޯ ތަކެތިވެސް ވިއްކަންވީއެވެ. މިފަދަ ތަކެތި ވިއްކާ މޭޒުތަކުން އަންނަ މެއްސާއި ތަފާތު ސޫފިތައް، އެހެންމީހުންގެ ގެތަކަށް ވަދެ ކިތަންމެ ވަރަކަށް އުނދަގޫވިޔަސް އެއީ މައްސަލައެއްނޫނެވެ.

ދުރު ނުފެންނަ ބަލި ޖެހިފައިވާ މީހުންގެ ކިބައިން ފެންނާނެ އިތުރު އަލާމާތްތަކަށް ބަލައިލަމާ ހިނގާށެވެ. އެފަދަ މީހާ ކުނި އަޅާކަށް ވަކި ތަނެއް ނޯންނާނެއެވެ. ކުނި އަޅާ ޑަސްބިން، އޭނާގެ ކުރިމަތީގައި ހުއްޓަސް އޭނާއަކަށް އެއެއް ނުފެންނާނެއެވެ. ޕިކަޕަށް އަރުވައިގެން ގެންގޮސް ވަކި ތަނަކަށް އުކާލަންޖެހޭ ބާވަތުގެ ބޮޑެތި ކުންޏާއި، ކުނިވާ ޒާތުގެ ތަކެތި ހިމެނޭ ކޮތަޅުތައް ގެންގޮސް މީހުން ހިނގާ މަގު މައްޗަށް އަޅައިލާއިރު އެއީ މަގުމަތި ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އެތަނުން ހިނގާ މީހުންނާއި ދުއްވާ އުޅަނދުފަހަރެއް އޭނާއަކަށް ނުފެންނާނެއެވެ. ކުނިވަސް ދުވާތީ މީހުން ނޭފަތުގައި އަތް އަޅައިގެން ދާ މަންޒަރެއް އޭނާއަކަށް ނުފެންނާނެއެވެ.

ދުރު ނުފެންނަ ބަލިޖެހިފައިވާމީހާގެ ވެހިކަލް ޕާކުކޮށްލާއިރު އެތަނުގައި އެހެން ވެހިކަލު ހުއްޓަކަސް އޭނާއަކަށް ނުފެންނާނެއެވެ. އެތަކެތި ނުފެންނާތީ، އެހެން މީހެއްގެ ވެހިކަލެއް ނުނެރެވޭގޮތަށް އޭނާގެ ވެހިކަލު ޕާކުކުރެވޭއިރުވެސް އޭނާއަކަށް ނޭނގޭނެއެވެ. މަގުމައްޗަށް ނިކުންނަންޖެހޭ މީހުން ނިކުތުމަށް ހުންނަ ކުޑަ ޖާގަ ކޮޅުވެސް ބަންދުވާނެހެން ޕާކުކޮށްލާފައި ދާއިރު އަނެކާއަށް ވާނެ އުނދަގުލަކާމެދު ވިސްނައިލާނެ ހަކަތައެއް ނުހުންނާނެއެވެ.

ދުރު ނުފެންނަ ބަލި ޖެހިފައިވާ މީހާ ވެހިކަލު ދުއްވާއިރުވެސް ގިނަ އަލާމާތްތަކެއް ފެންނާނެއެވެ. ވެހިކަލަށް މީހަކު އަރުވަން ބޭނުންވާ ހިނދު، ޖެހުނު ތަނަކަށް ވެހިކަލު މަޑުކޮށްލާނެއެވެ. މަގު މެދަށާއި ކަފިހި ހުރަހުގެ މެދަށްވެސް ހުއްޓައިލައިގެން އޮންނާނެއެވެ. މަގުމަތީގައި ފެން ހެދިފައި އޮތަސް، ހިނގާފައިދާ މީހަކަށް ބަލައެއްނުލާނެއެވެ. މީހުންގެ ގަޔަށް ފެންގަނޑު ބުރާނެހެން ދުއްވާލާފައި ދިޔުމަކީ އެފަދަ މީހާއަށް ލިބޭ ހިތްޖަމަޖެހުމެއް ކަމަށް ހީވާނެއެވެ. ދުއްވަން ހުއްދަކޮށްފައިވާ މިންގަނޑަށްވުރެ ދެތިން ގުނަ ބާރަށް ދުއްވަމުން އަރި އަރިމަތިން ދެމިގަނެގެންދާއިރު މަގު މަތީގައި އެނޫން މީހަކު ނެތް ފަދަވާނެއެވެ.

ދުރު ނުފެންނަ ބަލީގެ މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަން ހުންނަ އިރު އޭނާގެ ކުރިމަތީގައި ޖެހިގެން ހުންނަ މީހާއާ މެދު އެއްވެސް ސަމާލުކަމެއް ނުދޭނެއެވެ. ސިގިރޭޓު ނުވަތަ ވޭޕު ދަމާލާފައި ދޫކޮށްލާ ދުންތައް އަނެކާގެ މޫނަށް ފޮނުވައިލާއިރު ހީވާނީ ޖެއްސުމެއް ކުރާހެންނެވެ. އުނދަގޫވާނަމަ އެމީހަކު ޖެހޭނީ އަމިއްލައަށް ދުރަށް ދާށެވެ. ހަގީގަތުގައި ދުރަށް ދާންޖެހޭނީ ކާކުހެއްޔެވެ؟ އެއްވެސް ހައްގަކާނުލައި، ނުރައްކާތެރި ދުންފަތުގެ ދުމުން ގެއްލުންދޭން ހުރި މީހާ ހެއްޔެވެ؟ ނުވަތަ އެ ދުއްތުރާލުގެ އުނދަގޫ ފޯރާ ފަރާތް ހެއްޔެވެ؟

މަތީގައި ފާހަގަ ކުރި އަލާމާތްތަކަކީ 'ދުރު ނުފެންނަ ބަލި' ޖެހިފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް އަލާމާތްތަކެވެ. ތިމާގެ އަމިއްލަ ނަފުސަށްވުރެ ދުރު ނުފެނުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ކަންތައްތަކެވެ. ތިމާގެ ވަށައިގެން އެހެން ބަޔަކުވެސް އުޅޭކަމުގެ އިހުސާސެއް ނެތުމުން ދިމާވާ ހިތާމަވެރި ހާލަތްތަކެވެ. މިއީ ކިތަންމެ ނުރައްކާތެރި ބައްޔެއްނަމަވެސް ވަރަށް ކުޑަކުޑަ ފަރުވާއަކުން މި ބަލި ރަނގަޅު ކުރެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅާމެދު ވިސްނާށެވެ. الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ (متفق عليه) ފުރިހަމަ މުސްލިމެއްވިއްޔާ އޭނާގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ގެއްލުމެއް ނުދޭނެއެވެ. ތިމާގެ ދުލުން ނެތިމޮށުމާއި ދެބަ އޮޑުވުންފަދަ ކަންތައްތަކެއް ނުކުރާނެއެވެ. ތިމާގެ އަތުން އަނެކާއަށް އުނދަގުލެއް ނުވަތަ ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ގަސްތުގައި ނުކުރާނެއެވެ. ވީމާ، މި ހަދީސްފުޅަށް އަމަލުކޮށްފިނަމަ، 'ދުރު ނުފެންނަ ބަލީގެ މުޖައްރިބު ފަރުވާ' ލިބޭނެކަން ޔަގީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް