ބޮޑު އީދާ ދިމާކޮށް މޯލްޑިވިއަން އިން މެލޭޝިއާ ޓިކެޓް އަގުހެޔޮކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި --- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މެލޭޝިއާއަށް ކުރާ ދަތުރުތަރުތަކުގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ސަން"އަށް ވިދާޅުވީ މި ފެއާގެދަށުން މެލޭޝިއާ ދެކޮޅު ޓިކެޓު ވިއްކާނީ 399 ޑޮލަރަށް ކަމަށެވެ.

"ކުޑަކުދިންނަށް ޓިކެޓު ވިއްކާނީ 299 ޑޮލަރަށް," ޖެނިފާ ވިދާޅުވިއެވެ.

މި ފެއާގެ ދަށުން މެލޭޝިއާށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ހަތަރު ފްލައިޓެވެ. އެގޮތުން ފްލައިޓުތައް ބާއްވަނީ 8 ޖުލައި، 15 ޖުލައި، 22 ޖުލައި އަދި 29 ޖުލައިގައެވެ.

މިހާރު މެލޭޝިޔާއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގު އުޅެނީ 500 ޑޮލަރާއި 600 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ޖެނިފާ ވިދާޅުވީ ބޮޑު އީދާ ދިމާކޮށް މިފަދަ ފެއާއެއް ބާއްވަން ނިންމީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލުމަށް ފުރުސަތު ހޯދައި ދިމުނަށްކަމަށެވެ. އެހެންކަމުން މިއީ މެލޭޝިއާގައި ތިބި ދިވެހީން ވެސް ރާއްޖެ އައިސް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މެލޭޝިއާ ބަންދުކުރީމަ މެލޭޝިއާގަ ވެސް ތާށިވެފަ ވަރަށް ގިނަ ދިވެހީން ތިބެފި. އެމީހުންގެ ވެސް ސްކޫލު ބަންދާ ދިމާވާނެ މި އީދު ބަންދާ އެހެންވީމަ އެކޮޅުގަ ތިބި މީހުން މިކޮޅަށް އަންނަން ވެސް، މިކޮޅުގަ ތިބި މީހުން އެކޮޅަށް ދާން ވެސް ވަރަށް ރަނގަޅު ފުރުސަތެއް މިއީ." އޭނާ ވިދާޅުވިއެވެ.

މިދިޔަ އީދާ ދިމާކޮށްވެސް މޯލްޑިވިއަން އިން މެލޭޝިއާއަށް ޚާއްސަ ފެއާއެއް ބޭއްވިއެވެ. އެ ފެއާއަށް ވެސް ދިވެހީންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

comment ކޮމެންޓް