އެމްޓީސީސީން ހިއްސާއަކަށް 3.50 ރުފިޔާ ބެހުމަށް ނިންމައިފި

އެމްޓީސީސީގެ 2022ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި 3.50 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި އޮތް އަހަރީ އާންމު ޖަލްސާއިން އެހެން ފާސްކުރީ ޖަލްސާގައި ބައިވެރިވި 396 ހިއްސާދާރުންގެ ވޯޓާއެކުގައެވެ. އެގޮތަށް ފާސްކުރުމާ ދެކޮޅަށް 257 ހިއްސާދާރަކު ވޯޓު ދީފައިވެއެވެ.

މި ޖަލްސާގައި ޖުމްލަ 69 ހިއްސާދާރަކު ބައިވެރިވެފައިވެއެވެ. މި ހިއްސާދާރުން ކުންފުނީގެ 70 އިންސައްތަ ހިއްސާ ތަމްސީލުކުރެއެވެ. އެއީ 5.6 މިލިއަން ރުފިޔާގެ އަގުހުރި ހިއްސާ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި 2020ވަނަ އަހަރުން ފެށިގެން ތިއްބެވި މުޙައްމަދު އިމްރާން އަދުނާނާއި، ނަސްރަތު މުހައްމަދު ވަނީ އިތުރު ދައުރަކަށް އިންތިހާބުވެފައެވެ. އޭގެތެރެއިން އިމްރާނަށް 496 ވޯޓު ލިބުނުއިރު، ނަސްރަތަށް 662 ވޯޓު ލިބުނެވެ. އިތުރަށް ވާދާކުރި އަބްދުﷲ ސައީދަށް ލިބުނީ 188 ވޯޓެވެ.

އިމްރާން މީގެ ކުރިން ވަނީ 2014ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުއްވާފައެވެ. އަދި ނަސްރަތު ވަނީ އެ މަގާމު 2013އިން ފެށިގެން 2019އަށް ފުރުއްވާފައެވެ.

މިބައްދަލުވުމުގައި މިއަހަރަށް އެމްޓީސީސީގެ އޮޑިޓަރެއްގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޕްރައިޒްވޯޓާހައުސްކޫޕާސްއެވެ.

އެ ކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވަނީ 1.95 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފުފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް