އަމާންކަން ހޯދައިދޭ ފުލުހުންނަށް ނާމާންކަން

ފެބުރުއަރީ އަށް ވަނަ ދުވަހު ރަށްރަށުގެ ފުލުސް ސްޓޭޝަންތަކުން ފުލުން ބޭރުކޮށް ފައްސާލި އެވެ. ބައެއް ރަށްރަށުގައި ފުލުހުންނަށް އަނިޔާ ކުރުމަށްފަހު އެވެ. ބައެއް ރަށްރަށުގައި ފުލުހުންގެ ޔުނިފޯމަށް ކަޅުތެލާ ކުލަޕެޓީ ޖެހުމަށްފަހު އެވެ. ދެން ފުލުހުންގެ ސްޓޭޝަންތައް ރޯކޮށް އަންދާ އަޅިއަށް ހަދާލީ އެވެ. އެ ހިސާބުން ފެށިގެން ފުލުހަކަށް ހަމަލައެއް ނުދޭ އަދި ފުލުހެއް އެއްޗަކަށް ގެއްލުމެއް ނުދޭ ފުލުހުންގެ އާއިލާއެއްގެ މީހަކަށް ގޯނާއެއް ނުކުރާ ދުވަހެއް އައި ހެނެއް ހީއެއް ނުވެއެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކެއް ސީރިއަސް ގެއްލުންތައް ލިބުނު ހަމަލާތަކެވެ. މިހާރު އެފަހުން 43 ދުވަސްވީ އެވެ. ހަމަލަތަކަށް މެދުކެނޑުމެއް މަޑުޖެހުމެއް ނާދެ އެވެ.

މަގުމަތި ޕެޓްރޯލު ކުރަމުންދާ ފުލުހުންނަށް ހަމަލަދެމުންދާއިރު، ޑިއުޓީގައި ނުތިބޭ ފުލުހުންނަށް ވެސް ހަމަލަ ދިނުން އަންނަނީ އިތުރުވަމުންނެވެ. އިއްޔެ މެންދުރު ވަޅި ހިފައިގެން ފުލުހެއްގެ ގެޔަށް ވަދެ ފުލުސް މީހާ އަށް ހަމަލަދޭން މަސައްކަތް ކުރިއިރު، އިއްޔެރޭ ވެސް މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔަ ތިން ފުލުހަކަށް ހަމަލާދީ ވަނީ ޒަޚަމްކޮށްލާފަ އެވެ. ރޭ ވެސް ފުލުހަކަށް ވަނީ ހަމަލާ ދީފަ އެވެ.

ވެރިކަން ބަދަލުވި ފަހުން ކުރި ކޮންމެ މުޒާހަރާއަކާ ގުޅިގެން ފުލުހުންނަށާއި ސިފައިންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު ދެ ފުލުހަކު ވަނީ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ވެސް ފޮނުވާލާފަ އެވެ. އަދި އަނިޔާ ލިބުނު ބައެއް ފުލުހުންނަށް ވަޒީފާއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ތިބެން ޖެހިފަ އެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފުލުހުންނަށް އަނިޔާ ލިބެމުންދަނީ، ރައްޔިތުންނަށް ލާއިންސާނީ ރަހުމްކުޑަ އަނިޔާކޮށް ނުހައްގުން މީހުންގެ މުދާ ތަޅާ ސުންނާފަތި ކުރާތީ އެވެ. އަދި ޚާއްސަކޮށް މިދިޔަ ފެބުރުއަރީ މަހު މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމުގައި ފުލުހުންގެ ފަރާތުން އާންމުންނަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ދިވެހި ފުލުހުންނަށް ދިވެހި ރައްޔިތުން ނުކުމެ އަނިޔާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފުލުހެއްގެ ކިބައިން މީހަކަށް އަނިޔާއެއް ކޮށްފައިވާނަމަ އެކަން ބަލައި އެ ފުލުހަކަށް އަދަބު ދެވޭނެ ގޮތް ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ވަނީ ހަމަޖެހިފަ އެވެ. ތަހުގީގުކޮށް ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް، ހިއުމަން ރައިޓްސް ކޮމިޝަނެއް ވެސް އެބައޮތެވެ. ފުލުހުންގެ މުއައްސަސާ އޮތީ އެކަމަށް ތައްޔާރަކަށް ފުލުހުންގެ މުއައްސަސާއިން ބުނެ އެވެ. އެހެން އޮއްވާ މުޅި ފުލުހުންނަށް އަމާޒުކޮށް ރެއާ ދުވާލު ނުކުމެ އެމީހުންގެ އާއިލާތަކަށާއި އެމީހުންނަށާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ބޭނުމަކީ ކޮބައި ކަމެއް ނުވިސްނެ އެވެ.

"ފުލުހަކު ރައްޔިތަކާ ދޭތެރޭ ވެސް ގާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ އެކަން ބެލޭނެ ނިޒާމު ގާއިމުކޮށްފައިވާއިރު، އެންމެ ފުލުހަކު ކުރާ ކަމަކުން މުޅި މުއައްސަސާގެ ބޮލުގައި އެކަން އަޅުވައި ފެންނަ ކޮންމެ ފުލުހަކަށް ދިމާކޮށް އަނިޔާ ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން،" ފުލުހަކު ބުންޏެވެ.

ފުލުހުން ރެއާ ދުވާލު ގާނޫނީ ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެން ރައްޔިތުންގެ އަމާން ކަމަށް މަސައްކަތް ކުރާއިރު އެމީހުންނަށް އަމާން ކަމެއް ނެތުމަކީ ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު މައްސަލަ އެވެ. ފުލުންނަށް އަމާންކަން ނުލިބޭ ވެއްޓަކަށް ފުލުހުންގެ ކިބައިން ރައްކާތެރިކަން ލިބިދާނެ ކަމަށް ބަލާނެ ޖާގައެއް ނެތެވެ. އެހެން ކަމުން ފުލުހުންނަށް ހަމަލާ ދިނުން ހުއްޓުވަން، އެފަދަ އަމަލުތައް ކުރާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ވަނީ އަޅަން ޖެހިފަ އެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ވެސް ބަޔަކު އަބަދުވެސް ހޭލާ މިތިބެނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި. އެހެންވީމަ އަޅުގަނޑުމެންނަކަށް ނުވިސްނޭ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ނުކުމެ ފުލުހުންނަށް ސީދާ ހަމަލާދެމުން މިދަނީ ކީއްވެ ކަމެއް،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. "ކަމަކާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު މަގުމައްޗަށް މީހުން ނުކުމެ ސަލާމާތީ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކުގެ ގަޔަށް ބޮލަށް އެއްޗެހި އުކައި އެއްވެސް ބެލުމެއްނެތި އެމީހުންގެ ޖިސްމަށް އަނިޔާ ލިބޭ ގޮތަށް ކުރުން މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ އެއްވެސް ޑިމޮކްރަސީއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،"




ގުޅޭ ޓެގު
comment ކޮމެންޓް