އަލަށް ފަށާ ދެ ކޯހަކާއެކު، އެމްއެންޔޫ އޯގަސްޓް އިންޓޭކަށް ހުޅުވާލައިފި

އަލަށް ފަށާ ދެ ކޯހަކާއެކު، އެމްއެންޔޫ އޯގަސްޓް އިންޓޭކަށް ހުޅުވާލުން -- ސަން ފޮޓޮ/ މުހައްމަދު ހައްޔާން

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދެވަނަ ޓާމުގެ ކޯސްތައް އިއުލާންކޮށްފިއެވެ.

މި ޓާމުގައި 89 ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޯސްތަކަށް ޖުމުލަ 5615 ޖާގައަށް ކުދިން ނަގާނެއެވެ.

މި ކޯސްތަކަކީ، ޔުނިވާސިޓީގެ 11 ފެކަލްޓީގެ ތެރެއިން، ސްކޫލް އޮފް މެޑިސިން ފިޔަވައި އެހެން ހުރިހާ ފެކަލްޓީތަކެއްގައި ކިޔަވައިދެމުންދާ، ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހިސާބަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ.

އެހެންކަމުން ޕީއެޗްޑީ ފިޔަވައި، އެހެން ހުރިހާ ލެވެލްއެއްގެ ކޯސްތައް މި އިންޓޭކްގައި ހިމެނޭނެއެވެ.

ކޯސްތަކަށް ކުދިން ނަގަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ވިޔަސް، ނާސިން ފަދަ ބައެއް ކޯސްތަކަށް ކުދިން ނަގަން ހަމަޖެހިފައި ވަނީ މެރިޓް އުސޫލުންނެވެ.

މި ޓާމުގައި އަލަށް ފަށާ ދެ ކޯހުގެ ތެރެއިން، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން ހާއްސަ ކޮށްފައި ވަނީ އެމްއެންޔޫގެ ސްޓާފުންނަށް ކަމަށްވީ ނަމަވެސް، އެ ކޯހަށް ވެސް އާއްމުކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޯހަކީ ހަޔާ އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރާ، ޓީޗިން ބެކްގްރައުންޑް ނެތް މީހުންނަށް ހާއްސަކޮށްފައިވާ ކޯހެކެވެ.

އެމްއެންޔޫއިން މިފަހަރު އަލަށް ފަށާ ދެވަނަ ކޯހަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެމްއެންޔޫގެ ކެމްޕަސްތަކުން ވެސް އެ ކޯސްތައް ހިންގާނެއެވެ.

އެ އިންޓޭކަށް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ޖުލައި 28ގެ ނިޔަލަށް ކޯސްތަކަށް ފޯމު ހުށަހެޅޭނެއެވެ.

އެމްއެންޔޫގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 14 ވަނަ ދުވަހުއެވެ.

ކޯސްތަކަށް ވަނުމަށް އެދި ޕޯޓަލް މެދުވެރިކޮށް އަދި އެމްއެންޔޫއަށް ގޮސްގެންވެސް ފޯމު ހުށަހެޅޭނެއެވެ.

comment ކޮމެންޓް