12 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކަށް ދައުވާ ނުކުރަން ނިންމައި ދޫކޮށްލައިފި

12 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި ހައްޔަރުކުރި މީހުން--- ފޮޓޯ/ ޕޮލިސް

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާޗް މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި ބަންދުން ދޫކޮށްލައިފިއެވެ.

ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު އޭރު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

އެއީ ނ. ވެލިދޫ މަރިޔާޒު، މުޙައްމަދު ޢަބްދުއްލަތީފް، 30، ގެ އިތުރުން އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ، 37، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ކަވްސަރު އަލަމް، 30، އެވެ.

އެ އޮޕަރޭޝަނުގައި، މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

ނަމަވެސް އަނެއް ދެ މީހުން ކޯޓަށް ހާޒިރު ނުކޮށް ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނާގޮތުގައި އެމައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް އެ ކަމުގައި ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެކެވެ.

އޭނާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް