އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި އިތުރު މީހަކު ހައްޔަރުކުރުމުން އެ ހަރަކާތުގެ އަޑު އިތުރަށް ގަދަކޮށް މުޒާހަރާކޮށްފިއެވެ.
އިންޑިއާ އައުޓް ލިޔެފައިވާ ގިނަ އަދަދެއްގެ ބެނާތަކާއި ދިދަތަކާއެކު މިރޭ 9:00ގައި މުޒާހަރާ ފެށީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެ އޮފީސް ކުރިމަތީ ޝުއޫރު ފާޅުކުރަން ތިބުމަށްފަހު މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ މަޖީދީ މަގަށެވެ.
މަޖީދީ މަގުގައި މުޒާހަރާގެ ބައިވެރިން ތިއްބައި އެސްއޯ ފުލުހުން ވަނީ މުޒާރާ ރޫޅާލައިފައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ މުޒާހަރާ ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
"މިރޭ މަޖީދީ މަގަށް މި އެއްވީ މަދު ބަޔެއް. އެހެން ނަމަވެސް ފިރިހެން ފުލުހުން އަންހެނުން ފަހަތުން ދުވެ ބިންމަށްޗައް ވައްޓައި ބޮޑެތި އަނިޔާތެކެއްދީ އެ މީހުން ހައްޔަރު ކޮށްފައި މިވަނީ،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން އެއްވުމުގެ ބައިވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ވެސް ޖަހައިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ މީހަކު ހޭނެތިގެން ވެއްޓިގެން މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ހީނާ ވިދާޅުވިއެވެ.
މިރޭގެ އެ އެއްވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންވީކަމަށް ބުނެ ތިން މީހަކު ހައްޔަރު ކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތާކީ ކުރިއަށް ނުގެންދެވޭނެ ހަރަކާތެއްކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ޤަރާރެއް ނެރުއްވާފައެވެ. އަދި ޤަރާރުގައި އެ އެހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ވަނީ އަމުރުކޮށްފައެވެ.
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާބެހޭ ކޮމެޓީން ވެސް ވަނީ ނިންމާފައެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ އެ ޤަރާރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށޫއަރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރަކީ ބާތިލު ޤަރާރެއްކަަމަށް ނިންމައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ޕީޕީއެމްއިން ބުނަނީ ރައީސް ނެރުއްވާ ޤަރާރަކުން އެ ކެމްޕޭން ދެން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ "އިންޑިއާ އައުޓް" ލިޔެ ހަރުކޮށްފައި ހުންނަ ބެނާތައް ވެސް ނަގަމުންނެވެ. އަދި އިންޑިއާ އައުޓް ޖަހާފައި ހުރި ގުރެފިޓީތަކުގައި ފުލުހުން ވަނީ ކުލަ ވެސް ލައިފައެވެ.
އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާ ކަމުގެ ތުހުމަތުގައި މުޙައްމަދު އިސްމާޢީލް ހައްޔަރުކުރަން ނެރުނު އަމުރުގައި ވަނީ އެ ހަރަކާތް އިތުރަށް ފުޅާކޮށް، އެކަމުގައި އިތުރު މީހުން ބައިވެރިކުރުވާ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ގޮންޖަހައި އޭނާ ހުރަސްއަޅަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވާގޮތުން އިންޑިއާ އައުޓް ބެނާތަކާއި ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި އަތޮޅުތަކުގެ ރަށްތަކަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެއެވެ.
އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.