ސިޓީ ކައުންސިލާއެކު ބަނދަރުގެ އާމްދަނީ ހިއްސާކުރާނެ އަގަކާމެދު އެއްބަހެއް ނުވެވުނު: އެމްޕީއެލް

ޓީޖެޓީ ސަރަހައްދު--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ޓީޖެޓީއާއި ނޯތު ހާބަރުން ލިބޭ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާކުރާނެ އަގަކާމެދު އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް އެމްޕީއެލުން ބުނެފިއެވެ.

އެ ކުންފުނީގެ ތަރުޖަމާނު، ދާނިޝް ނިޒާމު ވިދާޅުވީ އެ ދެ ބަނދަރުގެ އާމްދަނީ ހިއްސާ ކުރާނެ ނިޒާމެއް އެކުލަވާލުމަށް މިއަހަރުގެ ޖަނަވަރީމަހުގެ ފަހުކޮޅު ރައީސް އޮފީހުން އެދިފައިވާ ކަމަށެވެ.

އެހެންކަމުން، މާލޭ ސިޓީ ކައުންސިލާއެކު ބައްދަލުކޮށް، މާލީ ގޮތުން ދެކޮޅުޖެހޭ އަގެއް ހުށަހަޅާފައިވާނެ ކަމަށާއި، ނަމަވެސް، އެ އަގާމެދު ކައުންސިލުން އެއްބަސް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދާނިޝް ވިދާޅުވީ އޭގެ ބަދަލުގައި ސިޓީ ކައުންސިލުން ހުށަހެޅި އަގަކީ މާ ބޮޑު، ދެކޮޅުނުޖެހޭ އަގެއް ކަމަށެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކުރެވިފައިވާ ކަމަށާއި، އެއްވެސް އިރެއްގައި ކައުންސިލާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ބަނދަރުތަކުގެ އާމްދަނީ ސިޓީ ކައުންސިލާ ހިއްސާކުރެވޭނެ ގޮތެއް ހޯދުމަށް ރައީސް އޮފީހުން އެންގީ އެ ތަންތަނާ ހަވާލުވުމަށް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ގޮސްފައި ވަނިކޮށެވެ. އޭގެ ކުރިން ކައުންސިލުން ވަނީ ބަނދަރުތައް ހަވާލުކުރުމަށް އެދި އެމްޕީއެލް އަށް ނޯޓިސް ވެސް ފޮނުވާފައެވެ.

comment ކޮމެންޓް