ފަހަތުންއަރައި ސައުތުއެމްޓަން ބަލިކޮށް ލިވަޕޫލް އުންމީދުގައި

ލިވަޕޫލާއި ސައުތުއެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ސައުތުއެމްޓަން ބަލިކޮށް ލީގު ހޯދުމުގެ އުންމީދު ލިވަޕޫލުން ދަމަހައްޓައިފިއެވެ.

ސައުތުއެމްޓަން ދަނޑުގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މިރޭގެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ސައުތުއެމްޓަނުންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ދެވަނައިގައި 89 ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ. އެ ދެ ޓީމަށް ވެސް ލީގުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ ސިޓީއަށް ލީގު ލިބޭނެއެވެ. ނަމަވެސް ދެން ކުޅޭ މެޗުގައި ސިޓީ ބަލިވެ އަދި ލިވަޕޫލް މޮޅުވެއްޖެނަަމަ ލިވަޕޫލަށް ލީގު ލިބޭނެއެވެ.

މިރޭގެ މެޗު ލިވަޕޫލް ކުޅެފައިވަނީ އެ ޓީމުގެ ފުރަތަމަ 11ގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އަރާމުކުރުމަށް ފުރުސަތު ދިނުމަށްފަހު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެންނެވެ. ނަމަވެސް، އެ ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފައެވެ.

މެޗުގެ 13ވަނަ މިނެޓުގައި ސައުތުއެމްޓަންގެ ނަތަން ޓޭލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ނަތަން ރެޑްމޮންޑް ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ލީޑުނަގައިދީފައެވެ.

ލިވަޕޫލުގެ މެޓިޕް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---

އެ ގޯލާއެކު ވެރިވި ހާސްކަން ލިވަޕޫލުން ފިލުވާލީ މެޗުގެ 27ވަނަ މިނެޓުގައި އެ ޓީމުގެ ޓަކޫމީ މިނަމީނޯ ޖަހައިދިން ރީތި ގޯލުންނެވެ. އެ ގޯލަކީ ލިވަޕޫލުގެ ޑިއޭގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.

މީގެ އިތުރުން ލިވަޕޫލުގެ ޑިފެންޑަރު ޖޮއިލް މެޓިޕް 67ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ގޯލުން އެ ޓީމު ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ކޯނަރަކުން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗު ނިމުނު ނަމަވެސް އެ ދެ ޓީމަށް އަދި ލީގުގައި ބާކީ އެއް މެޗު އެބައޮތެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު ސައުތުއެމްޓަން ލީގުގައި ކުޅޭ އެންމެ ފަހު މެޗުގައި ލެސިސްޓާ ސިޓީއާ ދެކޮޅަށް ނިކުންނަ އިރު ލިވަޕޫލުން ނިކުންނާނީ ވޯލްވްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް