ހަތް ލައްކަ ހަރަދުކޮށް، 5 ރަށެއްގެ އަންހެނުންގެ ކޮމެޓީގެ އިންތިހާބު އަލުން ބާއްވަނީ

މީހަކު ވޯޓް ލަނީ: އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން މެމްބަރުން އިސްތިއުފާ ދިނުން އާއްމު-- ސަން ފޮޓޯ

ބޮޑު ޚަރަދުކޮށް، ފަސް ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު އަލުން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ އަދި ކ. ތުލުސްދޫގެ އިތުރުން އއ. ތޮއްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް އިން ނިންމާފައި ވަނީ ޖުލައި ދެވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ވިދާޅުވީ، މި އިންތިޚާބަށް 750،000 ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ފަސް ރަށުގެ އިންތިޚާބުވެސް ބާއްވަނީ، އެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދިނުމުގެ ސަބަބުންނެވެ.

އެގޮތުން ކޮމަންޑޫގެ އަންހެނުންގެ ކޮމިޓީން ދެ މެމްބަރަކާއި، އަނެއް ރަށްތަކުގެ، ކޮންމެ ރަށަކުން އެއް މެމްބަރަކު ވަނީ މިިދިޔަ ދެ ހަފްތާގެ ތެރޭގައި އިސްތިއުފާ ދީފައެވެ.

ފުއާދު ވިދާޅުވީ، ކޮމިޓީއަށް ކުރިމަތިލާ މީހުންނަކީ، މަގާމުގެ މުއްދަތު ހަމަވަންދެން ތިބޭނެ މީހުންނަށް ވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ކޮންމެ ބައި-އިލެކްޝަންއަށް ގާތްގަނޑަކަށް ދައުލަތުން ދޮޅު ލައްކައެއްހާ ރުފިޔާ އެވްރެޖްކޮށް އެބަ ޚަރަދުވޭ. ދައުލަތުގެ ބަޖެޓުން އެގޮތަށް ވާ ޚަރަދު އެއީ މުޅި ރާއްޖޭގެ ތަރައްޤީއަށް ޚަރަދުކުރަން ހުރި ފައިސާގެ ތެރެއިން އެ ދަނީ އެކަހަލަ ކަންތައްތަކަށް،" އަންހެނުންގެ ކޮމިޓީ މެމްބަރުން އިސްތިއުފާ ދެއްވާ މިންވަރު ގިނަކަން ފާހަގަ ކުރައްވައި ފުއާދު ވިދާޅުވިއެވެ.

މިކަމަށް ކުރިމަތިލާއިރު މިހާރަށްވުރެ ސީރިއަސް ވުމަށާއި އިންތިޚާބުވާ މުއްދަތުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރުމަށް ފުއާދު އެދިލެއްވިއެވެ.

އަންހެނުންގެ ކޮމިޓީއަށް މިހާރު އަހަރެއް ވެފައި ވާއިރު، ދައުރުގެ ބާކީ ހަތަރު އަހަރު އޮންނާނެއެވެ.

މީގެ އިތުރުން، ބައި އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަނީ، ވޯޓުލެވޭ އާދާބީގެ 30 ޕަސެންޓް ވަރު މީހުން ކަމަށާއި، ނަމަވެސް 100 ޕަސެންޓް މީހުންގެ ވޯޓަށް ޚަރަދު ކުރަން ޖެހޭކަން ފުއާދު ފާހަގަ ކުރެއްވިއެވެ.

ބައި-އިލެކްޝަންސްއަށް ކުރާ ޚަރަދާ އަލާ ބަލާއިރު، އާއްމު ރައްޔިތުންގެ ތަރުހީބު ލިބޭ މިންވަރު ކުޑަކަމަށް ފުއާދު ވިދާޅުވިއެވެ.

https://sun.mv/159550

ކައުންސިލްތަކަށް ހޮވައިފައި ތިބޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ގިނަ އަދަދަކަށް މެމްބަަރުން އިސްތިއުފާ ދޭ މައްސަަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު އީސީން ބުނެފައި ވަނީ، އޯގަސްޓު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަަލަށް 11 ބައި އިލެކްޝަން ބާއްވައިފައިވާކަމަށެވެ.

comment ކޮމެންޓް