ފެރީގެ ނިޒާމު ގާއިމު ކުރުން އުއްމީދުކުރި ހަލުވި މިނުގައި ނުދިޔަކަން ގަބޫލުކުރަން: އަސްލަމް

ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އުއްމީދު ކުރި ބާރުމިނުގައި ނުދާކަން ގަބޫލު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އުއްމީދު ކުރަމުން އައީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހއ.، ހދ.، އަދި ށ. އަތޮޅުގައި މި ނިޒާމު ގާއިމު ކުރެވިގެން ދާނެ ކަމަށެވެ.

ނަމަވެސް ދިމާވި އެކިއެކި ގޮންޖެހުންތަކާއި ވެސެލްތައް ލިބުމުގައި ދިމާވި ލަސްތަކާއެކު މަސައްކަތުގެ ދުވެލި ލަސްވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އީދު ދުވަހު ހދ. އަތޮޅުގައި ފެރީގެ ޚިދުމަތް ދޭން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިވަގުތު ދަތުރުތައް ކުރަމުންދަނީ ރައްޔިތުން އެކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ކަމަށާއި އަގު ނަގަން ފަށާފައި ނުވާ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ދަތުރުތަކަށް އަގު ނަގަން ފަށާނީ މި ހަފްތާގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ޖޫން މަސް ނިމެންވާއިރަށް ހއ. ނިންމާފަ ޖުލައި މަސް ނިމެންވާއިރަށް ހއ.، ހދ.، އަދި ށ. އެކީގައި މި ނިޒާމު ގާއިމު ކުރެވޭނެ ކަމަށް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަތުރުފަތުރާ ނުލާ ގައުމު ލާމަރުކަޒީކޮށް، ގައުމު އެކަތިގަނޑެއްގެ ގޮތުގައި ތަރައްގީ ނުކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.

ހަލުވި ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޓީޓީސީއާ ހަވާލުކޮށް ކުރިއަށް ގެންދާއިރު ދާދި ފަހުން އެ މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

comment ކޮމެންޓް