ޑެންގީ ފެތުރޭތީ މަދިރި ނައްތާލަން ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ-- ފޮޓޯ: ސިޓީ ކައުންސިލް

ރާއްޖޭން ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ މަދިރި ނައްތާލުމަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް، މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހު 26 މީހަކަށް ވަނީ ޑެންގީ ޖެހިފައެވެ. ނިމިދިޔަ އޭޕްރީލް މަހު އެ އަދަދު ހުރީ 92ގައެވެ.

އެ އޮތޯރިޓީން ބުނާގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަހާ އަޅާބަލާއިރު އޭޕްރީލް މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ކޮންމެ ދުވަހެއްގެ މަސައްކަތްތަކުގެ ތެރޭގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުން ހިމެނޭ ކަމަށެވެ. އަދި ޑެންގީ ފެތުރޭތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ޚާއްޞަ ސަމާލުކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކުގެތެރޭގައި މާލެ އާއި، ވިލިމާލެ ހިމެނޭހެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ފޮގް ކުރުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ.

ޑެންގީން ރައްކާތެރިވުމުގެ ގޮތުން މަދިރިން ހަށިގަނޑު ރައްކާކުރަން ޖެހެއެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުން މުހިންމެވެ. އޭގެ އިތުރުން މަދިރި ގިނަވާ ވަގުތުތައް ކަމަށްވާ ފަތިހާއި އިރުއޮއްސޭ ވަގުތު ގޭގޭ ދޮރުތަކާއި ކުޑަދޮރުތައް މަދިރިއަށް ނުވަދެވޭނެހެން ލައްޕާފައި ބެހެއްޓުން މުހިންމެވެ.

comment ކޮމެންޓް