ދެ ވޯޓު ކަރުދާސް ޗެކްކޮށްފި، މޮޅުވީ ޕީޕީއެމް ކެންޑިޑޭޓް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާގެ ގޮނީޑިއަށް ކުރިމަތިލި ނާޒިމާއާއި ޝީޒާ-----

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑިއަށް މީހަކު އިންތިޚާބުކުރަމަށް ބޭއްވި ބައި އިލެކްޝަންގައި ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް ޗެކުކުރުމުން ވެސް ނަތީޖާއަށް ބަދަލު އައިސްފައި ނުވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކަޝަން ކޮމިޝަނުންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ އެ ކޮމިޝަނުނަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް މިރޭ އަލުން ޗެކްކޮށްފައިވާ ކަމަށެވެ. އެއީ ވިލިމާލޭ މުހުޔުއްދީން ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮއްޓެވެ.

"މުހުޔުއްދީން ސްކޫލްގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށީގައިވާ ޝަކުވާ ލިބުނު ދެ ވޯޓު ކަރުދާސް އަލުން ޗެކްކުރިއިރު، ނަތީޖާއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނެތް،" ހަސަން ވިދާޅުވިއެވެ.

އެ އިންތިޚާބުގެ ވޯޓު އަލުން ގުނުމަށް އިންތިޚާބުގައި ބަލިވި އާމިނަތު ޝީޒާ ނިސްބަތްވާ އެމްއެންޕީން އެދުނެވެ. ނަމަވެސް ކޮމިޝަނުން ނިންމީ ޝަކުވާ ހުށަހެޅި ދެ ކަރުދާސް އެކަނި ޗެކްކުރުމަށެވެ.

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު އުޝާމް "ސަން"އަށް ވިދާޅުވީ ވޯޓު ގުނާ ސަރަހައްދުގައި ތިބި އެމްއެންޕީގެ އޮބްޒާވަރުންނަށް ވޯޓު ގުނި އިރު ބާތިލު ވޯޓު ސައްޙަ ވޯޓުކަމުގައި ކަނޑައަޅައި، ސައްޙަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވުނުކަމަށެވެ.

އެ ސަބަބުތައް އެހެން ހުރުމުން އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބުކޮށްފައިވުމަކީ އަލުން ވޯޓު ފޮށިތައް ގުނަންޖެހޭ ސަބަބެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ދައްކާގޮތުން އެ އިންތިޚާބު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމާއަށް ޖުމްލަ ލިބިފައިވަނީ 359 ވޯޓެވެ. އޭނާއާ ވާދަކުރި އެމްއެންޕީގެ ޝީޒާއަށް ލިބުނީ 358 ވޯޓެވެ.

comment ކޮމެންޓް