ބިމު ކުލި ކުޑަކުރުމުން ޓެކްސް އާމްދަނީ އިތުރުވާނެ: ޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލިސް

ޓޫރިޒަމަށް ދޫކުރާ ރަށްތަކުގެ ބިމުކުލި ކުޑަ ކުރުމުން ބަދަލުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭ ފައިދާ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތަށް މިހާރު ފައިސާ ހޯދާ މައިގަނޑު ވަސީލަތަކީ ޓެކްސްގެ ނިޒާމު ކަމަށެވެ.

"މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ގެނައި ޓެކްސް ނިޒާމު. އެ ޓެކްސް ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ދައުލަތަށް މިހާރު ފައިސާ ހޯދަނީ" މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ ބިމުކުލި ބޮޑުކޮށް ބޭއްވުމުން ދައުލަތަށް ލިބޭ ފައިދާ އަށްވުރެ، ރިސޯޓުތައް ގިނަވުމުން ލިބޭ ފައިދާ މާބޮޑުވާނެ ކަމަށެވެ.

"ދުރުމުސްތަގުބަލަށް ބަލާއިރު ދައުލަތަށް އެންމެ ފައިދާހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލާ ޓެކްސް ފައިސާ އިތުރުވުން" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މަގުސަދެއް ކަމަށް ބުނެފައިވަނީ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތަކަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމަށް ކަމަށެވެ.

comment ކޮމެންޓް