އެމްއެންޔޫގެ އެމެޑް މަޝްރޫއު ނިންމާލައިފި، ވަރަށް ކާމިޔާބު

އެމެޑް މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން މޯލްޑިވްސް ތްރޫ އީ ލާނިން ޑިވިލޮޕްމަންޓް (އެމެޑް) ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލައި، އެކަން ފާހަގަކުރުމޔުގެ ގޮތުން ޤައުމީ ޔުނިވާސިޓީގައި ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އެމެޑް ޕްރޮޖެކްޓަކީ އީ-ލާރނިންގެ ޒަރީޢާއިން، ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި، ޖެނުއަރީ 2019 ގައި ފެށި ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުއަށް 720،592 ޔޫރޯ (12.3 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. އެ ފައިސާ ހަމަޖެއްސީ ޔޫރަޕްގެ އެރަސްމުސް މުންޑުސް އިންނެވެ.

މި ޕްރޮޖެކްޓްގައި ޤައުމީ ޔުނިވާސިޓީގެ އިތުރުން ކްރޮއޭޝިއާގެ ދެ އިންސްޓްޓިއުޓެއް ކަމަށްވާ ޔުނިވާސިޓީ އޮފް ޒެގްރެބްގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި)، އަދި ކްރޮއޭޝިއަން އެކަޑަމިކް އެންޑް ރިސާޗް ނެޓްވޯކް (ކާނެޓް) އާއި، ސްޕެއިންގެ ޔުނިވާސިޓީ އޮފް ކެޓަލޯނިޔާ ހިމެނެއެވެ.

އެމެޑް މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ޕްރޮޖެކްޓްގެ ބެނެފިޝަރީގެ ގޮތުގައި ޤައުމީ ޔުނިވާސިޓީ ހިމެނެއެވެ. އީޔޫގެ މި ޕްރޮޖެކްޓް ވިލަރެސް ކޮށްފައިވަނީ ޔުނިވާސިޓީ އޮފް ޒެގްރެބް ގެ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އިންފޮމޭޓިކްސް (ފޮއި) އިންނެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކޮށް ތަރައްޤީކުރުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެގޮތުން، އީ-ލާރނިންގެ ދާއިރާއިން ކަމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި، މަތީ ތަޢުލީމުދޭ އިންސްޓްޓިއުޓް ތަކުގައި ކިޔަވައިދެއްވާ ބޭފުޅުންނަށް ފަރުމާ ކޮށްގެން އި-ލަރނިން ޕްރޮގްރާމެއް ހިންގާފައިވެއެވެ.

މީގެ އިތުރުން، އެޑިޔުކޭޝަންގެ ދާއިރާގައި އައިސީޓީ ގެ ބޭނުން ކުރުމަށް ޢަމާޒުކޮށް، ޕީޑީ ޕްރޮގްރާމް ފަރުމާ ކޮށް ޕައިލެޓް ޓެސްޓް ކުރުމާއި، ޤައުމީ ޔުނިވަރސިޓީގެ އީ-ލާނިންގ ފްރޭމްވޯކް އެކުލަވާލައި، އައިޓީ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރުމާއި އީ-ލާރިންގ އަށް ފަހިވާނޭހެން ޑިޕާޓްމަންޓްތައް ރީ-އޯގަނައިޒް ކުރުން ހިމެނެއެވެ.

ފަރުމާކޮށް ކުރިއަށް ގެންދެވުނު ސްޓަޑީ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި މޮނިޓަރ ކުރުމަކީވެސް ޕްރޮޖެކްޓްގެ މަޤްޞަދުތަކުތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ.

އެމެޑް މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަތް ވޯކް ޕެކޭޖަކަށް ބަހާލެވިގެން ހެދިފައިވާ ޕްލޭންއެއްގެ ދަށުންނެވެ.

އެގޮތުން ތިން ވޯކް ޕެކޭޖެއް، މުޅި ޕްރޮޖެކްޓުގެ ތިން އަހަރަށް ދެމިގެން ދިޔައިރު، ހަތަރު ވޯކް ޕެކޭޖެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ މަސައްކަތް ފެށުމާއި ނިންމުމަށް ވަކި ތާރީޚްތަކެއް ކަނޑައަޅައިގެންނެވެ. މި ޕްރޮޖެކްޓް ނިންމަން ކަނޑައަޅަފައި ވަނީ ޖުލައި 2022 ގައެވެ.

comment ކޮމެންޓް