ހޫނުގަދަ ކެމްޕެއިނަށް ފަހު ނަޝީދާއި ފައްޔާޒުގެ ފުރަތަމަ ފެނިލުން ކޭކު ފެޅުމަކުން

ފައްޔާޒް އިސްމާއިލްގެ އުފަންދުވަސް ފާހަގަކުރުމަށް ރައީސް ނަޝީދާއެކު ކޭކު ފަޅަނީ--ފޮޓޯ/ސޯޝަލްމީޑިޔާ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވުނު ވާދަވެރި، ހޫނު ކެމްޕެއިނަށްފަހު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފުރަތަމަ ފެނިލުން ފެނިގެންދިޔައީ ކޭކުފެޅުމަކުންނެވެ.

އެމްޑީޕީ ޗެއާޕާސަން ކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒާއި ނަޝީދު މިއަދު އެމްޑީޕީ އޮފީހުގައި ވަނީ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލު ކުރެއްވުމަށް ފަހު ފައްޔާޒުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ވަނީ އެ ބޭފުޅުން އެކުގައި ކޭކު ފަޅައިފައެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ވާދަކޮށްފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި މިނިސްޓަރު ފައްޔާޒެވެ.

މި އިންތިޚާބު ޖުމްލަ 52 އިންސަތައާއެކު ކާމިޔާބުކުރީ ފައްޔާޒެވެ. ފައްޔާޒާއެކު، އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކެމްޕޭންކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް އެ އިންތިޚާބު ބޮޑު ތަފާތަކުން ވަނީ ކާމިޔާބުކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި މިފަހަރު ގަދަވެގެން ދިޔައީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. އެގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވި ފައްޔާޒުގެ ފަހަތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވި އިރު، ނަޝީދު ހުންނެވީ އިންތިއާ އެކުއެވެ.

ކެމްޕެއިންގެ ފޯރީގެ ތެރެއިން ދެފަރާތުންވެސް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.

އެގޮތުން އިމްތިޔާޒް ފަހުމީއަށް ވުރެ، ޕާޓީ "ހިންގާލަން" މާ މޮޅުވާނެ ކަމަށް، ފައްޔާޒް އިސްމާއީލް ދިޔައީ ވިދާޅުވަމުންނެވެ.

އަދި އެމްޑީޕީ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވި ދަނޑިވަޅުގައި ރައީސް ނަޝީދުވަނީ ސަރުކާރުދަނީ ފެތެމުންކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ވެސް ދައްކަވާފައެވެ.

އަދި ރައީސް ނަޝީދު ދިޔައީ ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވަމުނެވެ.

ނަމަވެސް އިންތިހާބު ނިމުމާއެކު ބަލި ގަބޫލުކުރައްވާ، ނަތީޖާ ޤަބޫލުކުރާކަމަށް އިއުލާނުކޮށް ރައީސް ނަޝީދު ވަނީ ފައްޔާޒަށް މަރުޙަބާ ދަންނަވާފައެވެ. އަދި ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެކަމާއިމެދު ޝައްކު ނުކުރާކަމަށް ވެސް ނަޝީދު ވަނީ މަރުޙަބާގެ ޓުވީޓުގައި ވިިދާޅުވެފައެވެ.

comment ކޮމެންޓް