އެމްއެމްސީގެ ރައީސަށް މަނީލޯންޑަރިންގެ ތުހުމަތު، އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް

އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ-- ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް، ތަހުގީގު ފަށާފައިވީ ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރަނީ، އޭނާގެ ބޭބެ އަލްހާން ފަހްމީއާއެކު ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތާ ގުޅިގެންނެވެ. އަންނަ އަންގާރަ ދުވަހު އަލްހާން ޕޮލިހަށް ހާޒިރުވާން އަންގާފައިވާއިރު ޝަހުބާން ޕޮލިހަށް ހާޒިރު ކުރަނީ ބުދަ ދުވައެވެ.

އެ ޗިޓްގައިވާގޮތުން އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

އެކަމާ ގުޅޭގޮތުން ޝަހުބާން މިއަދު މި ނޫހަށް ވިދާޅުވީ އޭނާ މަނީލޯންޑަރިންގެ އެއްވެސް އަމަލެއްގައި ބައިވެރި ނުވާ ކަމަށެވެ. އެ ކުންފުނިން ހުރިހާ މުއާމަލާތެއް ކުރީ ބެންކް މެދުވެރިކޮށް ކަމަށްވާއިރު މާ ފަހުން މަނީލޯންޑްރިންގެ ތުހުމަތު ކުރުމުން އެކަމުގެ ފަހަތުގައި ވަނީ "އެހެން ކަމެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

"މަނީލޯންޑަރިން ކުރިކަން އެނގެނީ މިއަދުތޯ؟ މިއީ ކުއްލިއަކަށް ވެގެން ދިޔަ ގޮތެއް. އަޅުގަނޑުމެން މުއާމަލާތައް ކުރަމުން ދިޔައީ އެކައުންޓްތައް މެދުވެރިކޮށް،" ސަންގް ޓީވީގައި ވެސް މަސައްކަތް ކުރައްވާ ޝަހުބާން ވިދާޅުވިއެވެ.

"މަނީ ލޯންޑާއެއް ނުކުރަން، ޓްރޭޑް ކުރީ."

އޭނާގެ ކުންފުންޏަށް ފައިސާ ދިން މީހުންނަށް އަނބުރާ ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަހުބާން ވިދާޅުވިއެވެ.

މިނިވަން މުއައްސަސާއެއްގެ ރައީސަކަށް އެވަރުގެ ތުހުމަތެއް ކުރެވޭއިރު އިސްތިއުފާ ދެއްވަން ނުވިސްނަންތޯ ސުވާލު ކުރުމުން ޝަހުބާން ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވުމަކީ ކުށްވެރިވާ ކަމެއް ނޫން ކަމަށެވެ. މިއީ މީޑިއާ ކައުންސިލާ ގުޅުންހުރި ކަމަކަށް ނުވާތީ އިސްތިއުފާ ދެއްވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޝަހުބާން ވިދާޅުވިއެވެ.

އަލްހާނާއި ޝަހުބާންގެ ކުންފުނިން އެ ސްކީމް ހިންގަމުން އައީ މީހުން އިންވެސްޓް ކުރާ އަދަދަށް ވުރެން ބޮޑު އަދަދެއް ދޭނެ ކަމަށް ބުނެއެވެ. އެ ކުންފުނިން ކުރިން ބުނިގޮތުގައި ފައިދާގެ ގޮތުގައި އެހާ ބޮޑު އަދަދެއް ދެމުން އަންނަނީ ފޮރެކްސްގައި އިންވެސްޓް ކޮށްގެން ރަނގަޅު ފައިދާއެއް ލިބޭތީއެވެ.

ނަމަވެސް އެމްއެމްއޭއިން ތުހުމަތު ކުރާގޮތުގައި މިއީ ރަނގަޅު ސުކީމެއް ނޫނެވެ. އެހެންކަމުން މަރުކަޒީ ބެންކުން ވަނީ އެކަން ހުއްޓުވައިފައެވެ.

އެމްއެމްއޭގެ ބަޔާނުގައި ވަނީ މިފަދަ ސްކީމްތައް ހިނގަނީ އެއަށް އިތުރު ފަރާތްތައް ގުޅި ފައިސާ ލަމުން ދާތީ ކަމަށާއި އަދި އެ ފައިސާ ބޭނުންކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް