މަނީލޯންޑަރިންގެ ތަހުގީގަށް ހާޒިރުވާން އަލްހާނަށް ޗިޓް ފޮނުވައިފި

އަލްހާން ފަހުމީ: އޭނާ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ތަހުގީގަށް ހާޒިރުވާން އޭނާއަށް ފުލުހުން ޗިޓް ފޮނުވައިފިއެވެ.

ފުލުހުން އަލްހާނަށް ފޮނުވި ޗިޓްގައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:00އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައެވެ.

އެ ޗިޓްގައިވާގޮތުން އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

އަލްހާން ވަނީ އޭނާގެ ކުންފުންޏާ މެދު ކުރާ ތުހުމަތުތަކަށް މީގެކުރިން އިންކާރު ކުރައްވާފައެވެ.

އެކަމާ ގުޅިގެން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު ބަޔާނާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކުރީގެ ދެ ފަނޑިޔާރުން ކަމުގައިވާ މުޙައްމަދު ޙަލީމާއި، އަޙްމަދު ހައިލަމެވެ.

ޙަލީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ފޯރެކްސް ޓްރޭޑިން އަކީ މަނާ ކަމެއް ކަމަށް ބަޔާންވެފައި ނުވާކަމަށާއި، އެހެން ކަމުން އެއީ ހުއްދަ ނޫން ކަމެއް ކަމުގައި ނުބުނެވޭނެ ކަމަށެވެ.

"ފޯރެކްސް ޓްރޭޑްކުރާ ބަޔަކު ފަންޑެއް ރަޖިސްޓްރީ ކުރަން ޖެހޭނެކަމަށް ބަޔާން ވެފަ އޮތް ގާނޫނެއް ގަވާއިދެއް ވެސް ނެތް" ހަލީމް ވިދާޅުވިއެވެ.

ކްރިޕްޓޯކަރަންސީއަކީ އެމްއެމްއޭއިން ބަލައިގަންނަ އެއްޗަކަށް ނުވާތީ، އެތަނުގެ ހުއްދައެއް ވެސް ނަގާކަށް ނުޖެހޭނެ ކަމަށާއި، އެ ކުންފުންޏާއި ދެކޮޅަށް ނެރެފައިވާ ބަޔާންތަކަކީ އެއްވެސް ގާނޫނީ އަސާސެއް ނެތް ބަޔާނެއް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ކުރީގެ ފަނޑިޔާރު ހައިލް ވިދާޅުވީ އަލްހާންގެ ކުންފުނި ސީއެމްޑީއޭގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް މިއީ ކުންފުނީގެ ޝެއާއެއް ބަޔަކަށް ވިއްކައިގެން، ނޫނީ ސެކިއުރިޓީސް ނަމަވެސް ވިއްކައިގެން ފަންޑެއް ރައިޒް ކުރާ ގޮތަށް ކުރާ ކަމެއް ނޫން" ހައިލަމް ވިދާޅުވިއެވެ.

އަލްހާން ވަނީ އެ ކުންފުންޏަކީ ޕޮންޒީ ސްކީމެއްކަމަށް ކުރާ ތުހުމަތުތަކަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކުންފުންޏަށް އިންވެސްޓުކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދެނީ ސީދާ އެ ފައިސާ އިންވެސްޓުކޮށްގެން ލިބޭ އެއްޗެއްކަމަށެވެ.

"އެއްވެސް ހާލެއްގައި އެކަކު އަތުން ނަގާ ފައިސާ އަނެކަކު އަތަށް ދީގެން، އެހެންނެއް ނޫން މިކަން މި ކުރަނީއެއް" އަލްހާން ވިދާޅުވިއެވެ.

އެމްއެމްއޭގެ ބަޔާނުގައި ވަނީ މިފަދަ ސްކީމްތައް ހިނގަނީ އެއަށް އިތުރު ފަރާތްތައް ގުޅި ފައިސާ ލަމުން ދާތީ ކަމަށާއި އަދި އެ ފައިސާ ބޭނުންކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް