އެޗްއާރްސީއެމްގެ ކުޑަކުދިންގެ ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދެއްކުން މިއަދާއި މާދަން

އެޗްއާރްސީއެމްގެ ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދައްކާލުމުގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދެއްކުން މިއަދާއި މާދަން ކުރިއަށް ދާނެ ކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

މި މުބާރާތަކީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލުތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ގްރޭޑު އަށެއް ނުވައެއް އަދި 10ގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް، އިންސާނީ ހައްގުތަކުގެ ހޭލުންތެރިކަން ދަރިވަރުންގެ މެދުގައި އަށަގަންނުވާ އިތުރުކުރުވުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

އެޗްއާރްސީއެމްގެ ކުރެހުމުގެ މުބާރާތުގެ ކުރެހުންތަކެއް -- ފޮޓޯ/ އެޗްއާރްސީއެމް

މި މުބާރާތުގައި ދިވެހިރާއްޖޭގެ 15 ސްކޫލުން ބައިވެރިވެ، 90 ދަރިވަރުން ވަނީ ކުރެހުން ހުށަހަޅާފައެވެ. އަދި ބައިވެރިވި ހުރިހާ ކުދިންގެ ކުރެހުންތައް އެޗްއާރުސީއެމްގެ ވެބްސައިޓުން ފެނިގެންދާނެއެވެ.

ހިއުމަން ރައިޓްސް އާޓް އެގްޒިބިޝަންގެ ނަމުގައި ނެޝަނަލް އާޓް ގެލެރީގައި މި ހުރިހާ ކުރެހުންތަކެއް ދައްކާލުން ކުރިއަށް ދާނީ މިއަދާއި މާދަމާގެ ހެނދުނު 10:00ން 18:00 އަށް އަދި 20:00ން 22:00އަށެވެ.

އެޗްއާރްސީއެމް އިން ބުނީ، އިންސާނީ ހައްގުތަކަކީ އެންމެންނަށްވެސް ހަމަހަމައަށް ލިބެންޖެހޭ ހައްގުތަކެއް ކަމަށާއި އެހެންކަމުން އެންމެންނަށްވެސް، ލިބެންޖެހޭ ހައްގުތަކަކީ ކޮބާކަން ދެނެގަނެ، އެ ހައްގުތަކާ ބެހޭ މައުލޫމާތުތައް ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

comment ކޮމެންޓް