އެމެރިކާގެ ސިފައިންނާއި ރާއްޖޭގެ ސިފައިން ގުޅިގެން ތަމްރީނުތަކެއް ފަށައިފި

އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފެށުން -- ފޮޓޯ/ އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އެމެރިކާގެ ސިފައިން ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް ފަށައިފިއެވެ.

މިއީ ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ހިންގައި ތަމްރީނުތަކެކެވެ.

އެމްއެންޑީއެފުން ބުނީ "އެކްސަސައިޒް ބްލެކް މާލިން 22-2"ގެ ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ. ކައްދޫގައި އިއްޔެ ހެނދުނު ފެށި މި ތަމްރީނުތައް އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ މެރިން ކޯގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕު (އެސްއޯޖީ)ގެ މެރިންސް ބައިވެރިވާ މި ތަމްރީނުތަކުގައި، މެޑިކަލް، މާކްސްމަންޝިޕް، ކައުންޓާ އައިއީޑީ އަދި ބްރީޗިން އާއި ކްލޯސް ކްއޯޓާ ބެޓަލް ފަދަ އަސްކަރީ އުކުޅުތައް ފަރިތަކުރާގޮތަށް ވަނީ ނިންމާފައެވެ.

މިގޮތުން، މި ތަމްރީނުތައް ކުރިއަށްގެންދާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސަސައިޒް ބްލެކް މާލިން އަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ ދެނެގަނެ، އިތުރަށް ހަރުދަނާކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވަމުން އަންނަ އެކްސަސައިޒެކެވެ.

comment ކޮމެންޓް