މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ގޮނޑި ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ފާޠިމަތު ނާޒިމާ ކާމިޔާބުކުރުމާއެކު އަލުން ވޯޓު ގުނައިދިނުމަށް އެދެން އެމްއެންޕީން ނިންމައިފިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު އުޝާމް "ސަން"އަށް ވިދާޅުވީ ވޯޓު ގުނުމުގައި އޮޅުވާލައިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓު ގުނާ ސަރަހައްދުގައި ތިބި އެމްއެންޕީގެ އޮބްޒާވަރުންނަށް ވޯޓު ގުނި އިރު ބާތިލު ވޯޓު ސައްޙަ ވޯޓުކަމުގައި ކަނޑައަޅައި، ސައްޙަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެ ސަބަބުތައް އެހެން ހުރުމުން އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބުކޮށްފައިވުމަކީ އަލުން ވޯޓު ފޮށިތައް ގުނަންޖެހޭ ސަބަބެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިރޭގެ ވަގުތެއްގައި ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގައި އިއުލާންކުރި ޖުމްލަ ނަތީޖާ ދައްކާގޮތުން މި އިންތިޚާބު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމާއަށް ޖުމްލަ ލިބިފައިވަނީ 359 ވޯޓެވެ. އޭނާއާ ވާދަކުރި އެމްއެންޕީގެ ޝީޒާއަށް ލިބުނީ 358 ވޯޓެވެ.
މިއަދު ކުރިއަށް ދިޔަ އިންތިޚާބުގެ ވޯޓުލުން އެންމެ ފަހުވަގުތާ ހަމައަށް ކުރިއަށް ދިޔައީ މާބޮޑު ހަމަނުޖެހުމެއް ނެތިއެވެ. ނަމަވެސް 16:00ގައި ވޯޓުލާން ތިބި މީހުންގެ ކިއު ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން މަސައްކަތް ކުރުމުން، ވޯޓުލާ މަރުކަޒުގެ ބޭރުގައި ތިބި ބަޔަކު އެކަމާ ނުރުހުން ފާޅުކޮށްފައިވެއެވެ.