ޔޫއޭއީގެ ރައީސްގެ މަގާމަށް ވަލީ އަހުދު ޝެއިޚް މުޙައްމަދު

ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން

ޔޫއޭއީގެ ރައީސްކަމުގެ މަގާމަށް އަބޫ ދާބީގެ ވަލީ އަހުދު ކަމުގައި ހުންނެވި ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލުން އައްޔަނުކޮށްފިއެވެ.

އެ ގައުމުގެ ރައީސް ކަމަށް ޝެއިޚް މުޙައްމަދު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.

ޝައިޚް ޚަލީފާއަށް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހި، ސާޖަރީއެއް ހެދި ފަހުން ރައީސްގެ ގިނަ މަސްއޫލިއްޔަތުތަކާ ހަވާލުވެ ޝައިޚް މުޙައްމަދު ބިން ޒައިދުއެވެ.

މިއާއެކު ޝެއިޚް މުޙައްމަދު ވެގެންދާނީ އެގައުމުގެ ތިންވަނަ ރައީސަށެވެ. ދެހާސް ހަތަރުވަނަ އަހަރު އެ މަގާމާ ހަވާލުވެ ވަޑައިގަތް، ޝެއިޚް ޚަލީފާގެ ކުރިން އެ މަގާމު ފުރުއްވީ އެ ދެ ބޭކަލުންގެ ބައްޕާފުޅު އަދި އެ ގައުމުގެ ބާނީ ޝެއިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާނެވެ.

ޝެއިޚް މުޙައްމަދު ފާހަގަ ކުރެވިފައިވަނީ ޔޫއޭއީގެ ޚާރިޖީ ސިޔާސަތުގައި ފަހުގެ ތާރީޚެއްގައި ގެނެވުނު އެންމެ ބޮޑު ބަދަލުތަކުގެ މޭސްތިރިޔާގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް