އިސްރާއީލާ މުއާމަލާތްކުރުމާއި ގުޅުން އުފެއްދުމަކީ އަދަބުދެވޭ ޖިނާއީ ކުށެއްކަމަށް ހަދާ ގާނޫނެއް އިރާގުން ފާސްކުރަނީ

އިރާގުގެ ޕާލަމެންޓް

ބަޣްދާދު (14 މޭ 2022): އިސްރާއީލަކީ ފަލަސްތީނުގެ ބިން ފޭރިގަތުމަށްފަހު އުފައްދާފައިވާ ޣައިރުގާނޫނީ ދައުލަތެއްކަމަށާ އެހެންކަމުން އިސްރާއީލާ އެއްވެސް ބާވަތެއްގެ ގުޅުން އުފެދުން އިރާގަށް މަނާކުރާ ބިލެއް ފާސްކުރުމުގެ މަސައްކަތް އެގައުމުގެ ޕާލަމެންޓުން ފަށައިފިއެވެ.

އިރާގުގެ ޕާލަމެންޓްގެ މިޑީއާއާބެހޭ އޮފީހުން ބުނިގޮތުގައި މި ބިލް ބިނާވެފައިވަނީ އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީގޮތުން އުފައްދާފައިވާ މުޖްރިމު އަދި ޓެރަރިސްޓް އެންޓިޓީއެއް ކަމަށްވާތީ އެއެންޓިޓީ އާ އެއްވެސް ބާވަތެއްގެ ގުޅުމެއް ގާއިމް ކުރުމާއި މުއާމަލާތެއް ކުރުން އިރާގުގެ ސަރުކާރަށާއި ރައްޔިތުންނަށް މަނާކުރުމުގެ މައްޗަށެވެ.

މިބިލު ބަލައިގަނެ ޕާލަމެންޓުން ތަޅުމުގައި އެއާބެހޭގޮތުން މެންބަރުން ޚިޔާލު ފާޅުކުރުމުގެ ކަންތައް ނިމިފައިވާއިރު އެއްވެސް މެންބަރަކު މިބިލާ ދެކޮޅަށް ވާހަކަ ދައްކާފައެއް ނުވާތީ އިއްތިފާގުން ނޫނީ ބޮޑު އަޣްލަބިއްޔަތަކުން މި ބިލް ފަސްވާނެކަމަށްވަނީ ބެލެވިފައެވެ. އެހެންކަމުން ދެން އޮންނާނީ މެންބަރުން ހުށަހެޅުއްވި އިސްލާހުތައް އޭގައި ހިމެނުމަށްފަހު އަލުން ތަޅުމަށް ގެނަސް ވޯޓަށް އެހުމެވެ.

މިބިލް ބިނާވެފައިވަނީ އިރާގުގެ އަރަބި އިސްލާމީ ހުވިއްޔަތު (އައިޑެންޓިޓީ) ރައްކާތެރި ކުރުމުގެ އިތުރުން އަނިޔާވެރިންގެ އަނިޔާތައް ތަހަންމަލުކުރާ ފަރާތްތަކަށް ހަމްދަރުދީ ފާޅުކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަމާނުއްސުރެ އިރާގުގައި އޮންނަ އިންސާނީ ޒަމީރުގެ ފަލްސަފާއާއި ޕްރިންސިޕަލްސްތައް އަލުން ވަރުގަދަކޮށް ރައްކާތެރި ކުރުމުގެ މައްޗަށްކަމަށް އިރާގުގެ ޕާލަމެންޓްގެ މިޑީއާއާބެހޭ އޮފީހުން ބުނެއެވެ.

މިބިލް ގައިވާގޮތުން އިސްރާއީލާ އެއްވެސް ބާވަތެއްގެ ގުޅުމެއް އުފައްދާ އިރާގުގެ ކޮންމެ ފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅުތައް އަޅައި އަދަބު ދެވޭނެއެވެ. އިރާގުގެ މުޖްތަމައު ބައިބައި ކުރުމަށް ޓަކައި އެގައުމުގެ ކުރުދީންގެ ތެރެއަށް ވަދެގަނެގެން މަސައްކަތްކުރާ ކަމުގެ ތުހުމަތު އިރާގުގެ ސަރުކާރުން ދާދިފަހުންވަނީ އިސްރާއީލުގެ މައްޗަށް ކޮށްފައެވެ.

އިސްރާއީލަކީ އިރާގުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާއިރު އިސްރާއީލާ މުއާމަލާތް ކުރުން ގާނޫނީގޮތުން އިރާގުގައި މަނާނުކުރާނަމަ ކުރުދީން ނުވަތަ އިރާގުގެ ބައިމަދު ދަރިކޮޅެއްގެ ބައެއްގެ ބޮލަށް ވަދެގެން އެފަދަކަމެއް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވެ އިރާގުގެ އިސް ސިޔާސީ އަދި ދީނީ ލީޑަރެއްކަމަށް މުގްތަދާ އައްސަދުރުވަނީ މިފަދަ ބިލެއް ޕާލަމެންޓަށް ހުށަހަޅާނެކަމަށް ކުރިން ވިދާޅުވެފައެވެ. އިރާގުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި އެއްޕާޓީއަކަށް ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މުގްތަދާ އައްސަދުރުގެ ޕާޓީއަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިރާގުގެ ކުރުދީންގެ މަދުބަޔަކުވަނީ އިސްރާއީލާއެކު ސުލްހަ ގާއިމްކުރަންޖެހޭ ކަމަށް ބުނެ އެކަމާބެހޭ ބައްދަލުވުމެއް ކުރުދިސްތާން ސަރަހައްދުގެ ސިޓީއެއްކަމަށްވާ އަރުބީލްގައި ބާއްވާފައެވެ. އެއަށްފަހު އިރާގުގެ އަވަށްޓެރި އީރާނުންވަނީ އިރާގުގެ ކުރުދީ ސަރަހައްދުގެ އަރުބީލް ސިޓީގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދު ގެ މަރުކަޒެއް ހުންނަކަމަށް ބުނެ އެސިޓީގެ އިމާރާތަކަށް މިސައިލް ހަމަލާތަކެއްދީ އެތަން ހަލާކުކޮށްލާފައެވެ.

އެހަމަލާގައި ބައެއްމީހުން ޒަޚަމްވެފައިވެއެވެ. އީރާނުން ހަމަލާދިން އިމާރާތް ހުންނަނީ އެމެރިކާގެ ކޮންސިއުލޭޓްއާ ވަރަށް ގާތުގައެވެ. ނަމަވެސް އީރާނުގެ މިސައިލް ހަމަލާތައް އެމެރިކާގެ ކޮންސިއުލޭޓަށް އަރާފައެއް ނުވެއެވެ.

އިސްރާއީލާ ގުޅުން އުފެއްދުމަކީ އަދަބުދެވޭ ކުށަކަށް ހެދުމުގެ ގާނޫނެއް އިރާގުން ފާސްކުރަން ނިންމައި އެކަން ކުރިޔަށްދާއިރު ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ބަހްރައިން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ދާދިފަހުންވަނީ އިސްރާއީލާ ގުޅުންތައް ގާއިމް ކޮށްފައެވެ. އަދި އުތުރު އެފްރިކާގެ އަރަބި ގައުމެއްކަމަށްވާ މަޣްރިބު އިންވެސްވަނި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ.

ބަހްރައިން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ގެ އިސް ވެރިންވަނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ޒަޔަނިސްޓް އެންޓިޓީ އުފެއްދި ދުވަހުގައި (ފަލަސްތީނުގެ ބިން ފަލަސްތީނަށް ގެއްލުނު ބޮޑު މުސީބާތުގެ ދުވަހުގައި) އިސްރާއީލުގެ ރައީސާއި އިސްރާއީލުގެ ބޮޑުވަޒީރަށް ތަހުނިޔާގެ މެސެޖްތައްވެސް ފޮނުވާފައެވެ.

comment ކޮމެންޓް