ޑްރަގް ކޮތަޅެއް އެއްލާލި ކަމަށާއި އެއީ ފިރިމީހާގެ އެއްޗެއް ކަމަށް ރޫމާ ބުނި: ފުލުހުން

ޓިކްޓޮކް ތަރި ފާތިމަތު ރޫމާ -- ފޮޓޯ/ ސޯޝަލް މީޑިއާ

ޓިކްޓޮކް ތަރި ފާތިމަތު ރޫމާ، މަސްތުވާތަކެތި ހުރި ކޮތަޅެއް އެއްލާލި ކަމަށާއި އެއީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ރޫމާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ރޫމާއާއެކު އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

އެ ކޯޓުން ނިންމީ ދެ މީހުން ވެސް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އެހެންކަމުން ދެ މީހުންގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ.

ނަސީމްގެ ބަންދުގެ މުއްދަތު ޖަހާފައިވާ އަމުރުގައިވާ ގޮތުން، އެ ދެ މީހުންނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ބަލާފާސްކުރި ގެ ނޫން އެހެން ގެއެއްގެ ފުރާޅުމަތިން މަސްތުވާތަކެތި އަޅާފައިވާ ކޮތަޅެއް ފެނުނެވެ.

އެ ކޮތަޅު އެއްލާލި މަންޒަރު އެއްވެސް ފުލުހަކަށް ނުފެނެއެވެ. ނަމަވެސް، ގެ ފާސް ކުރަން ދިޔަ ފުލުހުން ގާތުގައި ރޫމާ ވަނީ އެ ކޮތަޅު އެއްލާލީ އޭނާ ކަމަށާއި އެއީ ނަސީމްގެ ކޮތަޅެއް ކަމަށް ވެސް ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ރޫމާގެ ދިފާއީ ވަކީލު ވަނީ އޭނާ ފުލުހުން ގާތުގައި އެހެން ބުނި ނަމަވެސް އެވަގުތު ރޫމާ ހުރި ހާލަތަށް ބަލާއިރު އެއީ ރަނގަޅު މައުލޫމާތެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. އަދި ވަކި ގޮތަކަށް ބަޔާން ދިނުމަށް ރޫމާއަށް ފުލުހުން ބާރުއެޅި ކަމުގެ ތުހުމަތު ވެސް ދިފާއީ ވަކީލު ކުރެއްވި ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން ފުލުހުން ބަލާ ފާސްކުރަން ކޯޓު އަމުރު ހޯދީ ރޫމާ އާއި އޭނާގެ ފިރިމީހާ ދިރިއުޅޭ ހ. ބްލޫބާޑަށް ކަމަށްވީ ނަމަވެސް ފުލުހުން ހޯދާފައި ވަނީ ނުވިލާމަންޒިލް ކިޔާ ގެޔެއް ކަމަށް ދިފާއުން ބުނެފައިވެއެވެ. އަދި ކޮތަޅުން ފެނުނު މަސްތުވާތަކެއްޗާ ރޫމާއާ ގުޅުވައިދޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށް ވެސް ދިފާއުން ބުނެފައިވެއެވެ.

ޓިކްޓޮކްގައި ޕްރިޓީ ރޫމީގެ ނަމުން މަޝްހޫރުވެފައިވާ ރޫމާގެ ފޮލޯވަރުންގެ އަދަދު 25،000އަށް އަރައެވެ.

comment ކޮމެންޓް