ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ގައުމީ ދިދަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާގައިވާ ގޮތުން އުމުރުފުޅުން 73 އަހަރުގެ ރައީސް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ، ޝައިޚް ޚަލީފާ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި ވަނީ މާދަމާއިން ފެށިގެން ހޯމަދުވަހުގެ ނިޔަލަށް ކަމަށެވެ.

ޝައިޚް ޚަލީފާ އަވާހަރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން 40 ދުވަހަށް ޔޫއޭއީގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ އޮފީސްތައް ތިން ދުވަހަށް ބަންދު ކުރާނެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޔޫއޭއީގެ ދެވަނަ ރައީސްގެ ގޮތުގައި ޝައިޚް ޚަލީފާ އެ މަގާމަށް އައްޔަން ކުރީ 2004 ވަނަ އަހަރެވެ.

ޝައިޚް ޚަލީފާ އަވަހާރަވުމުން ރައީސް ކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ.

comment ކޮމެންޓް