ގަނާގެ ޝިކާރައަކަށްވި ކުއްޖާއާއި އާއިލާއަށް ނަފްސާނީ އެހީ ދެނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން --

އުތުރުގެ ރަށެއްގައި ކުއްޖަކަށް ގަނާ ކުރި މައްސަލައިގައި، ގަނާގެ ޝިކާރައަކަށްވި ކުއްޖާއާއީ އޭނާގެ އާއިލާއަށް ނަފްސާނީ އެހީ ދިނުމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ނިންމައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ، ފިރިހެންކުދިންތަކެއް އެހެން ފިރިހެންކުއްޖަކަށް މަލާމާތްކޮށް، އެ ކުއްޖާގެ ގައިގައި ތަޅާ މަންޒަރެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ކުދިންތަކެއް އެ ފިރިހެންކުއްޖާ ވަލު ތެރެއަށް ވައްދާ އަނިޔާކުރެއެވެ. އަދި އެ ކުއްޖާ ބިންމައްޗައް ވައްޓާލާ އަނިޔާކުރާ އިރު، އެ ކުއްޖާގެ ރުއިމުގެ އަޑު ވެސް ކޮންމެވެސް ވަރަކަށް ވީޑިއޯއިން އިވެއެވެ.

ސްކޫލަށް ދާ އުމުުރުގެ، 18 އަހަރުން ދަށުގެ މި ކުދިން ހިންގި އަމަލުގެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި އާންމުވެ، އިސާހިތަކު ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް އެ މައްސަލައައެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާކަމުގެ މައުލޫމާތު ލިބި، ސީއެފްޕީއެސް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރި މެމްބަރުންނާ އެކު މަސައްކަތްކުރަމުން ދާކަމަށެވެ.

އެ މައްސަލައާ ގުޅިގެން، އެރަށު ސްކޫލުގެ ސީނިއާ މެނޭޖްމަންޓުން ދަނީ، މައްސަލައިގައި ހިމެނޭ ކުދިންނާއި އެކުދިންގެ އާއިލާތަކާ ވާހަކަ ދައްކައި، އެކަން ހައްލު ކުރެވޭތޯ ބަލަމުން ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން، މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި އެ ވީޑިއޯ އާންމު ނުކުރަމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް