ވިލިމާލޭ އިރުމަތީ އަތިރިމަތިން ރުއްގަސް ނެގުމާ ދެކޮޅަށް އެ ސަރަހައްދުގައި އެއްވުންތަކެއް ބާއްވަން ފަށައިފިއެވެ.
އެ އެއްވުންތައް އިންތިޒާމް ކުރަނީ ސޭވް ދަ ބީޗް (އެސްޓީބީ) އާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ އިތުރު ފަރާތްތައް ގުޅިގެންނެވެ. އެ އެއްވުންތައް ބާއްވަން ނިންމާފައި ވަނީ މިއަދާއި މާދަމައެވެ.
ސޭވް ދަ ބީޗް ޖަމިއްޔާއިން ބުނި ގޮތުގައި، ވިލިމާލޭ އިރުމަތީ އަތިރިމަތިން ރުއްގަސް ނަގަން ފެށީ މިދިޔަ މާޗް މަހުގެތެރޭގައެވެ. އެއީ ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގައި މިހާރު ހަދާފައިވާ ފައިބަރު ބޯޓްޔާޑު އިރުމައްޗަށް ބަދަލުކުރުމަށްޓަކައެވެ.
އެ ބަދަލު ގެންނަނީ ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަން ޖެހޭތީއެވެ.
ސޭވް ދަ ބީޗް ޖަމިއްޔާއިން ވަނީ އެކަމާ ގުޅިގެން ފިތުރު އީދު ދުވަހު ވެސް އެއްވުން ބާއްވާފައެވެ.
ސޭވް ދަ ބީޗް އިން ބުނިގޮތުގައި، ފައިބާގެ މަސައްކަތުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކަށް މީހުން ހުށަހެޅެއެވެ. އަދި ބޯޓުޔާޑު އެޅުމަށްޓަކައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކުރާ ކަމަށް ކަމަށް އެޖަމިއްޔާއިން ތުހުމަތުކުރެއެވެ.
މީގެ އިތުރުން ސޭވް ދަ ބީޗް އިން ބުނީ، މާލޭ އަވަށްތަކުގެ ތެރެއިން ގުދުރަތީ ގޮނޑުދޮށެއް ލިބިފައި ވަނީ ވިލިމާލެއަށް ކަމަށާއި އެހެންކަމުން އެތަން ހިމާޔަތް ކުރަން ޖެހޭނެ ކަމަށެވެ.