ވިސާއާ ނުލާ ޔޫރަޕަށް ދެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އުއްމީދުކުރަން: ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

ޔޫރަޕްގެ އިއްތިހާދާއެކު އޮންނަ ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން ދާދި އަވަހަށް ދިވެހިންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޔޫރަޕް ޑޭ" ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ، ޔޫރަޕްގެ އިތުރު ގައުމުތަކުން ރާއްޖެއިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދައުވަތު އަރުވާފައެވެ.

މި ރަސްމިއްޔާތިގައި، ނައިބު ރައީސް ފައިސަލް ނަސީމްއާއި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް އެގައުމުތަކަށް ދިޔުމަށް ޝެންގެން ވިސާ ނެގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވާތީ ޖަރުމަންވިލާތާއި، ޗެކް ރިޕަބްލިކް އަދި އޮސްޓްރިއާ އާއި އިޓަލީވިލާތުގެ ސަރުކާރުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19ގެ ހާލަތުގައި ޔޫރަޕްގެ އިއްތިހާދުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ ޔޫރަޕިއަން ޔޫނިއަން އިން ދިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ފުރަތަމަ ފަހަރަށް އީޔޫގެ ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ދިވެހިރާއްޖެއަށް ވަކިން ހާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ކުރަމުން ގެންދަވާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވެސް ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދާދިފަހުން ދިންކަން ފާހަގަކުރައްވައި، އެކަމަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޔޫރަޕަށް އެތެރެކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސަގާފަތް ބަލައިގަނެ، ޔޫރަޕްގެ ގައުމުތަކުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް ދާދި އަވަހަށް އުވާލާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް