މާއުނގޫދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލު ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.

ށ. މާއުނގޫދޫއަކީ 1،155 މީހުންގެ އާބާދީއެއް އޮތް މަސްވެރި ރަށެކެވެ.

އެމްޓީސީސީން ބުނީ، މަސްދޯނިފަހަރުތަކަށް ފަސޭހަ އަމާން ބަނދަރެއް އޮތުމަކީ ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތައް ކަމަށެވެ.

މާއުނގޫދޫގައި ސިމެންތި ބަސްތާއިން ހަދާފައިވާ ތޮށީގެ ބައެއް ހަލާކުވެފައި ހުރުމާއެކު، މިހާރު އޮތް ބަނދަރުވަނީ ފުރިހަމައަށް ބޭނުން ނުކުރެވި ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިފައި ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މާއުނގޫދު ރައްޔިތުންގެ ކަނޑު އުޅަނދުފަހަރު ބޭނުން ކުރެވޭ ވަރަށްވުރެ އެ ބަނދަރު ކުޑަކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި ބަނދަރު ނިމިގެންދިޔުމާއެކު ތަނަވަސް އަދި ޒަމާނީ ބަނދަރެއް ބޭނުންކުރުމުގެ ފަހި ފުރުޞަތު މާއުނގޫދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ތެރޭގައި، 59،013 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 3،245 މީޓަރުގެ ނެރު ފުންކުރުމާއި، 312
މީޓަރު އެއްގަމު ތޮށި އަދި 362 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ.

މީގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 1،509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، މޫރިން ބޮއެ ހަރުކުރުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި މަސައްކަތް ނިމުމާއެކު، މާއުނގޫދޫގެ ބަނދަރުގެ ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އަދި ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ 59،713،156 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 475 ދުވަސް ތެރޭގައެވެ.

comment ކޮމެންޓް