"ހެނދުނާއި ހަވީރު ޒިކުރުކުރުމުން ގިނަގުނަ ސަވާބު ލިބުން، ފާފަތައް ފުހެވުން، ނުބައިތަކާއި ނުރައްކާތަކުން ރައްކާތެރިކަން ލިބުން، އަދި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުން ހިމެނެއެވެ."

***

މިފަހަރުވެސް ސުފިޔާން ނުކުމެގެން ދިޔައީ އެ މަޑުމައިތިރި އަޑާއި ހިނިތުންވުންތަކާއި އެ މަޑުމައިތިރި ޝަޚުސުން އޭނަގެ ހިތުގައި ބިންވަޅު ނަގާފައެވެ. ރޯޒްކްލިފްގެ އީދު މުނާސަބާގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދޭން ބަލައިލިއިރު ސުފިޔާން އެތަނުންގޮސް އަވަދިވެއްޖެއެވެ. ސުފިޔާން ބުނީ އޭނައާއި އޭނަގެ އެކުވެރިޔާކަމުގައެވެ. މެހެކް އަބަދު ލައިބްރަރީގައި އިންނަތަން ސުފިޔާންއަށް ފާހަގަވީހެއްޔެވެ؟ އެހާ ގިނައިން މިތަނަށް ޒިޔާރަތްކުރާ ސަބަބަކީ އެއީބާވައެވެ. ފަހަރެއްގައި އޭނަ މެހެކްއަށް ޝައުގު ހުރީހެއްޔެވެ؟ ހިތުގެ ކަނުގައި އުފެދުނު ހަސަދައިގެ ކަންޏާއެކު އަލްވާއަށް ހިންދިރުވައިލެވުނެވެ.

***

ރަމަޟާން މަސް ފާއިތުވެގެން ދިޔައީ ބައެއް މީހުންނަށް ހެޔޮ އަމަލުތައް ހިތްހަމަޖެހޭވަރަށްވުރެ މަދުވުމުން ހިތާމަކުރާ ހާލުގައެވެ. ކުރިއަށް އޮތް ރަމަޟާންއަށް އިންތިޒާރުކުރަމުންނެވެ. އީދު ވިލޭރޭ އަލްވާއާއި ކޮއްކޮ އީދަށް ޕައި އަދި ކޭކު ހެދުމުގައި މަންމައަށް އެހީތެރިވާން އުޅުނެވެ. ނާކިއާ އައީ ޕައިއަށްޓަކާ ފޮނި ރަތް އާފަލުތައް ހިފައިގެންނެވެ.

"އަލްވާ ކޯންޗެއް ހަދަން ތިއުޅެނީ؟" އަމީރާ އަލްވާގެ ކޮނޑުމަތިން ބޯ ދިއްކޮށް ބަލައިލިއެވެ. އަލްވާ ބަލަހައްޓައިގެން އިނީ ޝަހްނާޒް އާދަމްގެ ރެސިޕީ ފޮތަކަށެވެ. އޭނަ އުޅުނީ ގްލޫޓެން ފްރީ ވީގަން ބްރައުނީޒް ތައްޔާރުކޮށްލުމަށެވެ.

"އޯ....އެއީ ވަރަށް މަޝްހޫރު ޝެފެއް. މަންމަވެސް އޭނަ ދަންނަން. އޭނަގެ ފޮތެއް ހޯދީ ކިހިނެއް؟" އަމީރާ ސުވާލުކުރިއެވެ.

"ބުކްސްޓޯރުން. އިތުރު ފޮތްތައް ގެނެސްދެވިދާނެ. މަންމަ ބޭނުން ފޮތްތަކުގެ ލިސްޓެއް ދިނީމަ ވަޒީފާއަށް ގޮސް ހިފައިގެން އާދެވިދާނެ." އަލްވާ ހީލިއެވެ. ނާކިއާވެސް އެހީވާން ބޭނުންވިޔަސް އަމީރާއޮތީ އޭނަ އެއްވެސް މަސައްކަތެއް ކުރުން މަނާކޮށްފައެވެ. ސަބަބަކީ ނާކިއާ ބަލިކަށިކަމާއި ވަރުބަލިކަމުންނެވެ. އެކަމަކުވެސް މިރޭ އެހީތެރިވާންވެގެން ކޭކުތައް ޑެކަރޭޓްކުރަން ނިންމިއެވެ. އެ އާއިލާއިން ކޭކުތައް އެގޮތަށް އެކި ޑިޒައިންތަކަށް އައިސިން ޖަހާފައެއްނުވެއެވެ. ހަމައެކަނި ދެކެނީ ބޭކަރީތަކުގައި ބަހައްޓާފައި ހުންނަ އައިސިން އަދި ޗޮކްލެޓްޖަހާފައި ހުންނަ ކޭކުތަކެވެ. ނާކިއާ ތައްޔާރުކުރި އެކި ކުލަކުލައިގެ އައިސިންގަނޑު ފެނި އެލީސާ ވަރަށް ފޯރިހިފިއެވެ. އެހީތެރިވުމަށްވުރެ ބޮޑަށް އެލީސާ ސިއްރުސިއްރުން އައިސިންގަނޑު އަނގަ ފުރެންދެން ލައިގެން އިނދެ ކާލައެވެ. މަންމަ އޭނަ އެހާވަރަށް ހަކުރު ކެވުނަކަ ނުދޭނެއެވެ. ޚާއްސަކޮށް ރޭގަނޑުއެވެ. އަލީސާ އަދި ނާކިއާ އެކަކު އަނެކަކަށް ސިއްރުވެރި ހިނިތުންވުންތަކެއް ބަދަލުކޮށްލީ އެލީސާ ކެއުމަށް ނާކިއާ ޗޮކްލެޓް ފްރޮސްޓިން ދީފައި ހިނގައިގަންނަމުންނެވެ. ކުއްލިއަކަށް ނާކިއާ ސިންކާއި ދިމާލަށް ދުވެގޮސް ހޮޑުލުމުން އެންމެން ކަންބޮޑުވިއެވެ.

"އާ ޔޫ އޯކޭ؟" އަމީރާ ފެންތަށްޓެއް ގެނެސްދިނެވެ. ނާކިއާ އެއްޗެކޭ ބުނަން އުޅެނިކޮށް އެކުއްޖާ ގެ ހަށިގަނޑުން ވަރުދޫވިއެވެ. އެންމެނަށް ކުއްލި ހާސްކަމަކާއި ބިރުވެރިކަމެއް ލިބުނެވެ. ޚާއްސަކޮށް ހަމަޖެހެން މަސައްކަތްކުރަމުން ދިޔަ އެލީސާއަށެވެ.

"އަލްވާ. އަހަރެން ކުރިކަމެއްނޫން. މިފަހަރު އަހަރެން ނޫން ނާކިއާއަށް އެހެން ހެދީ..." ހާސްކަމާއެކު ވައި އަޑަކުން އަލްވާ ގާތު އަވަސް އަވަހަށް އެލީސާ ކިޔާލައިފިއެވެ.

"ތިބުނީ ކީކޭތަ؟"

" ނާކިއާ ވެއްޓުނުއިރު އަހަރެން ނުބަލަމޭ. މަގޭ ލޮލުގެ ކުށެއް ނޫން.."އެލީސާ ތަފްސީލް ދިނެވެ. އަލްވާ ފުން ނޭވާއެއް ދޫކޮށްލައިފިއެވެ. އޭނަގެ ކޮއްކޮއަށް އެކުއްޖާގެ ލޮލުގައި މީހުން މަރައިލާފަދަ އާދަޔާ ޚިލާފު ރޫހާނީ ބާރެއް ނުހުންނަކަން ބުނެދޭނީ ކިހިނެއްހެޔެވެ؟ އަދި ނާކިއާއަށް ކެންސަރު ޖެހިފައިވާ ކަމާއި ދުނިޔޭގައި ހުންނަން އެހާ ވަގުތެއް ނެތްކަންވެސް އަންގާދެވޭނީ ކިހިނެއްހެއްޔެވެ؟

"މިދަނީ ޑޮކްޓަރ ހޯދަން.." އަލްވާ އަވަހަށް ގޮސް ބައިސްކަލަށް އަރައިގެން ނައްޓައިލީ ދެފަޔަށް ލެވުނުހާ ބާރެއް ބައިސްކަލްގެ ފާލުގަނޑަށް ލަމުންނެވެ.

***

ޝަހަރުގެ ކްލިނިކާއި ހަމަޔަށް އަލްވާ ފޯރިއިރު ޑޮކްޓަރަކު ނޫޅެއެވެ.ގަޑިތަކެއްވާންދެން އިންތިޒާރުކުރަން ޖެހުނެވެ. އަލްވާއަށް ފިކުރު ކުރެވުނެވެ. ނާކިއާގެ ހާލަތު ގޯސްވެ ބަލިކަށިވެ ކެންސަރުގައި ކުއްލިއަކަށް މަރުވެގެން ހިނގައިދާނެއެވެ. އަނެއްކާވެސް އޭނަ ކްލިނިކަށް ޒިޔާރަތްކޮށް ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ގާތު އާދޭސްކޮށްގެން ޑޮކްޓަރަށް ގުޅާދިނެވެ. އަންހެންކުއްޖާވެސް އެހީއެއް ވެވެން ނެތުމުން ހާސްވިއެވެ. ޑޮކްޓަރ ފޯނު ނުނަގަންޏާ އެކުއްޖާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ކުއްލިއަކަށް ދެމަފިރިއަކު ކުއްޖަކު އަތްދަނޑިމައްޗަށް ލައިގެން ދުވެފައި އައެވެ. އެއީ ބަދަރުކައިރީގައި ހުންނަ ރެސްޓޯރެންޓް ހިންގާ އުމުރުން ދުވަސްވީ މޭރީގެ ދަރިފުޅެވެ. އެހާ ދިމާވެފައި ނެތަސް އަލްވާ މޭރީގެ ދަރިފުޅު ދަނެއެވެ. އެކުއްޖާއަކީ ވާހަކަ ނުދެއްކޭ ކުއްޖަކަށްވާތީ ގިނަވަގުތު އުޅެނީ ގޭގައެވެ. އަލްވާއަށް އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު ސަލާމްކުރެއެވެ.

"އަހަރެމެންނަކީ ޑޮކްޓަރުން. މިކުއްޖާއަށް ފިޓް ޖެހެނީ. އަހަރެމެން އިމަޖެންސީ ރޫމް ބޭނުންކުރިޔަ ދީ...."

ރިސެޕްޝަނުގައި ހުރި ކުއްޖާވެސް އެމީހުންނާއި އެއްބައިވެ އެކުއްޖާ ސަލާމަތްކުރަން ވެވެންއޮތްހާ ކަމެއްކުރިއެވެ. އެ ތިރީސްމިނިޓް އަލްވާގެ ލޮލުގެ ކުރިމަތީގައި ހަލުވިކަމާއެކު ނިއުޅެމުން ދިޔައިއިރު އޭނަވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ. މޭރީގެ ދަރިފުޅު ނިޔާވުމުން މޭރީ ކަރުނަ އޮއްސިއެވެ. އެކުއްޖާއަށް އެހީތެރިވާން އުޅުނު ޑޮކްޓަރ ދެމަފިރިންވެސް މޮޅިވެރިވެފައި ތިބިތަން އަލްވާއަށް ފެނުނެވެ. ބޭނުންވާ ސާމާނާއި އެއްޗެހި ހުރިނަމަ ފަހަރެއްގައި އެ ކުއްޖާ ސަލާމަތްކުރެވުނީހެވެ. އަލްވާވެސް ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮހެލާފައި މޭރީ ގާތުގައި އިށީދެ އޭނައަށް އެނގޭގޮތަކަށް ހިތްވަރުދިނެވެ. ދެން ހަނދާންވީ އޭނަ ކްލިނިކަށް މިއައީ ޑޮކްޓަރެއް ހޯދަންކަމެވެ. މާކެންއަށް ޗުއްޓީއަކަށް އައިސްތިބި ޑޮކްޓަރ ދެމަފިރިން ރިޗަޑް އަދި ދީނާއަށް އޭނަ ނަޒަރު ހުއްޓައިލިއެވެ. ނާކިއާ އަބަދު ބުނަމުން އައީ އޭނަ ފިރިހެން ޑޮކްޓަރެއް ބޭނުންނުވާ ކަމަށެވެ.

"އެކްސްކިއުޒް މީ..." އަލްވާ އެދެމީހުން ގާތަށް ހިނގައިގަތެވެ."އަޅުގަނޑުގެ އެކުވެރިޔާ......ވަރަށް ބަލި. އެކުއްޖާ ކެންސަރުޖެހި އަދި މިވަގުތު ޑޮކްޓަރެއްވެސް ނޫޅުއްވާ....."

އަލްވާ ދީނާއާއި ހަތަރުކަޅި ހަމަކޮށްލި ވަގުތު އޭނަ އަލްވާއާއިއެކު ދާން އެއްބަސްވިއެވެ.

***

އަލްވާއާއި އާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން ދިޔައީ ޑޮކްޓަރ ބުނާނެ އެއްޗެއް އެހުމަށެވެ. ޑޮކްޓަރ ދީނާ ނާކިއާ ޗެކްކޮށް އެކި ސުވާލުތައް ކުރަމުން ދިޔައެވެ.

"އޭނަގެ ހާލު ރަގަޅުވާނެތަ ޑޮކްޓަރ؟ އެ އުދަގޫތައް ކުޑަކުރަން އަޅުގަނޑުމެންނަށް ކޮންކަމެއް ކޮށްދެވޭނީ؟" އަމީރާގެ އަޑުގައި ނުތަނަވަސްކަންވިއެވެ. އަލްވާވެސް ކަރުނަ ހިފަހައްޓަން މަސައްކަތްކުރިއެވެ. ދާދި ފަހުން އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުމަކަށްވިޔަސް އޭނައަށް އިހުސާސްވަނީ އެތައް ދުވަހުއްސުރެ ދެކެފަރިތަ އެކުވެެރިއެއްހެންނެވެ. ނާކިއާއަކީ ވަގުތީ މެހްމާނެކެވެ. ކެންސަރުގެ ފަހު ސްޓޭޖްގައި ހުރި ޅަ އަންހެންކުއްޖެކެވެ.

" ކެންސަރުގެ ފަރުވާއެއް ފަށާކަށް ނުޖެހޭތޯ؟ އެއަށް ކިޔަނީ ކޮންނަމެއްތޯ؟ ކީމޯ؟" ހާމިދު ސުވާލުކުރިއެވެ. ޑޮކްޓަރގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ސުވާލު މާކްތަކެވެ."ކެންސަރ؟"

ޑޮކްޓަރ އަލްވާއާއި އާއިލާގެ މެމްބަރުންނަށް އަދި ނާކިއާއަށްވެސް ނަޒަރު ހިންގާލާފައި އަމީރާގެ ކަންފަތް ކައިރީގައި މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ." މި އަންހެންކުއްޖާއާއި ޕްރައިވެޓްކޮށް ވާހަކަދައްކައިލެވިދާނެތަ؟"

"އޯ.....ލައްބަ. ސޮރީ. އަޅުގަނޑުމެން މާ ބޮޑަށް ފިކުރުބޮޑުވީ. ހާމިދު. ބޭރުގައި މަޑުކޮށްލަމާ ހިނގާ. ކުދިންވެސް އާދޭ.." އަމީރާ އަވަހަށް އަލްވާއާއި އެލީސާ އެތަނުން ނެރުނެވެ.

ޑޮކްޓަރ ދީނާ އިށީދެލީ ނާކިއާ އޮތް ކައުޗް ކުރިމަތީގައި ހުރި ގޮނޑީގައެވެ."މިފަހުން ޕީރިއަޑް ނުވޭ ދޯ..."

ނާކިއާ އާއެކޭ ބުނުމުން ދީނާ އިތުރު ސުވާލުތަކެއްކުރުމަށްފަހު ނާކިއާ ހައިރާންކޮށްލަމުން ހީލިއެވެ.

"ތިއީ ކެންސަރެއްނޫން. ޔޫ އާ ޕްރެގްނެންޓް.." ޑޮކްޓަރގެ ޖުމްލައިން ނާކިއާގެ ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ. އޭނައަށް މިއިވުނީ ކޮންފަދަ ވާހަކައެއްހެއްޔެވެ؟ އެހެންވާންވީ ކީއްވެހެއްޔެވެ؟

"ކޮން ޑޮކްޓަރެއް ކެންސަރޭ ކިޔާ ބަލި ދެނެގަތީ؟" ޑޮކްޓަރ ދީނާ މޫނު ބަނަކޮށްލިއެވެ." ކޮންމެ މީހަކަށްވިޔަސް ބޭއިންސާފުން ކުރެވުނު ކަމެއް. ކެންސަރ ލޭބަލް އަޅުވައިގެން ދިރިއުޅުން ފަސޭހައެއްނުވާނެ ކަން ގައިމު. އަހަރެންގެ އިރުޝާދަކީ އެހެން ހޮސްޕިޓަލަކަށް ދައްކައިގެން ދަރިފުޅުގެ ހާލަތު ގާތުން ބެލުން....."

ޑޮކްޓަރ ދީނާއަށް ޝޮކެއް ލިބުނީ ޑޮކްޓަރ ނުބައިކޮށް ބަލި ކަނޑައަޅާ ކެންސަރުގެ ބޭސްވެސް ދީފައި ހުރިކަން އެނގުމުންނެވެ. އެ ބޭހުގެ ސަބަބުން ދަރިފުޅަށްވެސް ބޮޑެތި ގެއްލުންތަކެއް ވެދާނެއެވެ. އޭނަގެ އުއްމީދަކީ ދަރިފުޅުގެ ސިއްހަތު ސަލާމަތުން ހުރުމެވެ. ޑޮކްޓަރ ބޭނުންވީ ވީހާވެސް އަވަހަށް ނާކިއާ ހޮސްޕިޓަލަކަށް ދައްކައިގެން ސްކޭނާއި އިތުރު ޓެސްޓްތައް ކުރުމެވެ. އޭނައާއި ފިރިމީހާ ދަންނަ މޮޅު ޑޮކްޓަރަކަށް ދައްކާދޭންވެސް ދީނާ އަމިއްލައަށް ނިންމިއެވެ. އޭރު ނާކިއާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔުމާއެކު ބޭއިޚުތިޔާރުގައި އަތް ޖައްސައިލެވުނީ ބަނޑުގައެވެ. މިހުރިހާ ދުވަހު އޭނަ ހަމަ އިނީ ބަލިވެހެއްޔެވެ؟ އެކަމަކު އެމްސްޓަޑަމްގައި އޭނަ ދެއްކި ޑޮކްޓަރު ޔަގީންކަމާއެކު ބުނީ ކެންސަރުކަމުގައެވެ. ކީއްވެބާވައެވެ.

އަލްވާ އަދި އާއިލާގެ މީހުންނަށް ނާކިއާ ކެންސަރު ނެތްކަމުގެ އުފާވެރި ޚަބަރު ލިބުނަސް އެމީހުންގެ ހިތް ކިލަބުވިއެވެ. ކައިވެނިން ބޭރުގައި ނާކިއާ ބަލިވެ އިނީއެވެ. އެމީހުން ނާކިއާއާއިމެދު ދެކެމުން އައިގޮތް ވަގުތުން ބަދަލުވިއެވެ. އެކަމަކު ނާކިއާއަކީ ކައިވެނިން ބޭރުގައި އެފަދަ ގުޅުމެއް ހިންގާނެ ކުއްޖެއްކަމުގައި ގަބޫލުކުރަން އަލްވާގެ ހިތް ދެކޮޅުހެދިއެވެ. ހާމިދުއާއި އަމީރާ އަލްވާއަށް އެންގީ އިތުރަށް ނާކިއާގެ ކަންތައްތަކަށް ބޯނުބޭނުމަށެވެ. އެކަމާއި ބެހޭގޮތުން އިތުރަށް ކޮންނަން ނެހެދުމަށެވެ.

ހާމިދުއާއި އަމީރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނި އެމީހުންނަށްވެސް އޭނަ ކައިވެނިން ބޭރުގައި ދަރިއަކު ލިބެނީކަމުގައި ހީކުރެވުނީކަން ޔަގީންވިއެވެ. އެހެންވެ ނާކިއާގެ ހިތުގެ ލޯތްބާއި ކުލުނު ޖެހިފައިވާ މި އާއިލާއަށް އޭނަގެ ދިރިއުޅުމުގެ ކުރު ޚުލާސާއެއް ދޭން ނިންމިއެވެ. އޭނަގެ ކައިވެނި ކުރެވުނީ މިސްރުގައެވެ. އޭނަގެ ގާތުގައި ބުނެފައިވަނީ ދުވަހަކު ދަރިއެއް ނުލިބޭނެކަމުގައެވެ. އެފަހުން އޭނަގެ ހަޔާތުގެ އުފާވެރިކަން އެއްކޮށް ގެއްލިގެން ދިޔައެވެ. ދުނިޔޭގައި ހުރި އެންމެ އޯގާތެރި އެންމެ ރަގަޅު ފިރިމީހާކަމުގައި އޭނަ ދެކުނު ފިރިމީހާ ކުއްލިއަކަށް ބަދަލުވިއެވެ. އަދި އޭނައާއި އޮތް ގުޅުން ކެނޑި ދުރުކަން އިހުސާސްވިއެވެ. ނާކިއާ ކުއްލިއަކަށް ބަލިވާން ފެށުމން ޑޮކްޓަރު ބުނީ އޭނައަށް އޯވަރީ ކެންސަރު ޖެހިފައިވާ ކަމަށާއި ދުނިޔޭގައި ހުންނާނީ ހަ މަހަށް ކަމަށެވެ.

ނާކިއާ އޭނަގެ އުފަން ފަސްގަނޑު ދޫކޮށް އައީ މަންމަގެ ރަށް ކަމުގައިވާ އެމްސްޓަޑަމްއަށެވެ. އެތަނުން އޭނައަށް ފެނުނީ ދުނިޔޭގައިވާ އެންމެ އަމާން ކުޑަ ރަށެވެ. އޭނަ މުޅި ހަޔާތް އެތަނުގައި ހޭދަކުރަން ބޭނުންވި ތަނެވެ. އޭނަ ބަލިވެއިންކަން އެނގުމުން ޝޮކެއް ލިބި އެ ހަގީގަތް ގަބޫލުކުރަން އަދިވެސް ދަތިވިއެވެ. އެކަން ޔަގީންކުރަން އޭނަ ޗެކަޕް ހައްދާނެއެވެ.

ނާކިއާ ދީނާއާއި ފިރިމީހާއާއެކު އެމްސްޓަޑަމްއަށްގޮސް އެތަނުން ރަގަޅު ހޮސްޕިޓަލެއްގައި އެޑްމިޓްކުރިއެވެ. އެއީ ކެންސަރު ބޭހުން ލިބިފައިވާ ގެއްލުންތަކަށް ފަރުވާދިނުމަށެވެ. ނާކިއާ ކެންސަރު ނެތްކަމާއި ބަލިވެއިންކަން އެނގުމުން އަލްވާ އިންތިހާއަށް އުފާކުރިއެވެ. އެއީ ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތެކެވެ.

***

އީދު ދުވަހު ހެނދުނު އަލްވާ މެހެކް އަތުން އަތުލި މޭކަޕްސެޓް ހިފައިގެން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެއީ އޭނަ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ޕައުޑަރ ބުރުހަކުން އޭނަ ކޯތާފަތްމަތީގައި ބާރަށް ކާއްތައިލިއެވެ. އެގޮތަށް ހަދައިލުމުން މޫނުމަތީގައި ހުރި ލައްތައް ފޮރުވުނެވެ. އޭނަ ފަޚުރުވެރިކަމާއިމެދު ހީލިއެވެ. އެއަށްފަހު ލޮލުގައި ޖައްސާ ނޫކުލައިގެ އައިޝެޑޯއިން ލޮލުގެ އެސްފިޔަތަކުގައި ޖައްސަން އުޅުމުގެ ތެރޭގައި ލޮލަށް އެޅި އަނދިރިނުވީވެސް ކިރިޔާއެވެ. ބުމައަށް ބަލަން ފުދޭވަރަކަށް ގިނައިރު ހުރުމުން ބުމައިގާ އަޅައިގަންނަ ކަހަލަ ގޮތެއް ނެތްކަން އެނގުނެވެ. ކަޅު ފަންސުރަކުން ވަރުގަދަ ރޮގެއް ބުމަމަތީ ދަމާލުމުން ފުދޭވަރަކަށް ކުލަގަދަވެ ފާހަގަވާފަދަ ގޮތެއް ހުއްޓެވެ. މަޖައްލާތަކުގައި ތިބޭ އަންހެންކުދިންގެވެސް ހުންނަނީ އެފަދަ ހިމަ ބުމައެކެވެ. އޭނައަށް އެގޮތަށް ހުރުމުން އެހާ ރީތިނުވިޔަސް މަޖައްލާތަކަށް އިތުބާރުކުރަންވާނެ ތާއެވެ. އެންމެފަހުން ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލައިފިއެވެ. ދެން ލޯގަނޑުން ބަލައިލިއިރު ފެންނާން ހުރީ މުޅިން އެހެން މީހެކެވެ.

އޭނަ ލަދުވެތިގޮތަކަށް ހީލަން ފަރިތަކުރިއެވެ. މިހާރު އަންހެންކުއްޖަކާއި ވައްތަރެވެ. ރަގަޅެވެ. އެކަމަކު އަދި ލޯ.....ދެކުލައެއް ލޮލުގައި ހުރުމުން "ނޯމަލް"ހެނެއް ހިޔެއްނުވެއެވެ. ވަތްގަނޑު ހާވާލައިގެން އަވިއައިނެއް ނަގައިގެން ލޮލުގައި ޖަހައިލުމަށްފަހު ޖިންސަކާއި ފިޔާތޮށިކުލައިގެ ސްވެޓަރެއްވެސް ލިއެވެ. އެއަށްފަހު އިސްތަށިގަނޑު ގަތާލާފައި ދެ ފަރާތަށް އައްސައިލާފައި ސްޓިކާތަކުން ޒީނަތްތެރިކުރެވިފައިވާ ދެ ޕާރުސަލް ހިފައިގެން އޭނަ ނުކުތެވެ. އެއީ އޭނަ ތައްޔާރުކުރި ބްރައުނީޒްއެވެ. ސުފިޔާންއާއި މެހެކްއަށެވެ.

އެންމެ ފުރަތަމަ އަލްވާ ފެނުނު މީހަކީ އެލީސާއެވެ. އެލީސާ ތޫނުއަޑަކުން ހަޅޭއްލަަވައިގަތެވެ."ތިއީ ކާކުތަ؟"

"ކަމޯން އެލީސާ. އަހަރެން އެހެން ދުވަހު މިހާ ރީތި ނޫންކަމަށް އެކްޓްކުރާނެކަމެއް ނެތް..."އާވާ ކަޅި ހިންގައިލިއެވެ.

"ސާކަސްއަކަށް ތިދަނީ؟" އެލީސާ ހީގަތެވެ." ގޯޝް އަލްވާ. އަހަރެމެންނާއިއެކު އީދު ޕާޓީއަށް ޓައުން ސްކުއޭއަށް ނުދާތީ ވަރަށް އުފާވެއްޖެ. ލަދުން މަރުވާނެ ވިއްޔަ..... މޫނު ތިހާ ހުދުކޮށް ހުރީ ކީއްވެތަ؟ ދިގު މުއްދަތުގެ ނިންޖަކުން ހޭލައިގެން އައި ވެމްޕަޔާއަކާއި ވައްތަރީ. އަދި ރަތްކުލައިގެ ބޮޅުތަކެއް ކޯތާފަތުގައި ކުރަހާފައި އެހެރީ ކީއްވެ؟"

އަލްވާ އަޑުއިވޭކަމަށްވެސް ނެހެދިއެވެ. ކުޑަ އަންހެންކޮއްކޮއެއް އަބަދާ އަބަދު ބޮލަށް އުދަަގޫކޮށް އުޅެނީ ކީއްވެބާވައެވެ. "ބްލަޝް"އަކީ ކޯންޗެއްކަން ނޭގޭ އެލީސާއަށް ޖަވާބުދޭކަށް އަލްވާ ބޭނުމެއްނުވިއެވެ.

ބަސްސްޓޮޕްގައި އަލްވާ މެހެކްގެ އިންތިޒާރުގައި ހުރެ ޚަބަރެއްނުވިއެވެ. ފޮތް ފިހާރައިގާ އީދު ޕާޓީއެއް އޮތްކަން މެހެކް ހަނދާން ނައްތައިލީ ހެއްޔެވެ؟ ބަސް މަޑުކޮށްލުމުން އޭނަ ގަސްތުކުރީ މެހެކް ނެތަސް ބަހަށް އަރާށެވެ. މެހެކް ނެތަސް އޭނަ މަރުވާނީއެއް ނޫންވިއްޔާއެވެ. މިއީ އީދު ދުވަހެވެ. އަދި ދުވާލުގެ ވަގުތެވެ. އެހެންވީމަ ނުރައްކަލެއް ނާންނާނެކަން ޔަގީނެވެ. އަލްވާ ބަހުގައި އިށީދެގެން އިންއިރު ހިތުގެ ވިންދު ތަންކޮޅެއް ބާރުވެލައިފިއެވެ. ސުފިޔާންއަށް ހަދިޔާ ދޭހިތުން ކެތްކުރެވެނީއެއް ނޫނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު