ދަރިންނަށް ދޭންޖެހޭ ދީނީ ތަރުބިއްޔަތު ނުދެވޭނަމަ އެކުދިން ދެދުނިޔެއިން ގެއްލި ހަލާކުވެދާނެ: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިންނަށް ދޭން ޖެހޭ ދީނީ ތަރުބިއްޔަތު ނުދެވޭނަމަ އެ ކުދިން ދެ ދުނިޔެއިން ގެއްލި ހަލާކުވެދާނެކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަށް އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އީމާންތެރިކަމުގެ ތަރުބިއްޔަތު ދިނުމުގެ ފިޔަވަޅުކަމަށެވެ. އަދި އެ ތަރުބިއްޔަތު ދޭންވާނީ ލޯތްބާއެކުއެވެ. އެހެން ނޫންނަމަ އެ ކުދިން ދީނީ ކަންކަމަށް ލޯބި ނުޖެހޭނެކަމަށް ބުންޏެވެ.

"ޅަދަރީން ލައްވާ ގަދަކަމުން ނަމާދުކުރުވާ، ރޯދަ ހިއްޕުވާ ނަމަ އެ ކުދިން އެކަން ކުރާނީ ކުރާހިތަކުން ނޫން. އޭރުން އެ ކުދިން ބޮޑުވަމުން އެ އަންނަނީ ބިރުވެރި މާހައުލެއްގަ." ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން ވެސް ދަރިންނަށް ގަޞާގަދަރަށް އީމާންވާން ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ. އެގޮތުން ދަރިންނަށް ހެޔޮބަސް ބުނަން ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމެއްކަމަށާއި ހެޔޮބަސްބުނާ ދަރިން ދަސްވެނިވާނީ ޞިއްދީގުންގެ މަތިވެރި ސަނަދު ލިބިގެންކަމަށް ޚުތުބާގައި ބުންޏެވެ.

ދަރީންނަށް އަޅާނުލާ ދޫކޮށްލައިފިނަމަ އެހެން މީހުން އެކުދިން ފާސިދުކުރާނެއެވެ. އެކުދިން ވައިވައްދާނެއެވެ. އެހެންކަމުން ދީނާއި ސުލޫކާއި އަޚްލާގު ރައްކާތެރިކުރުމަށް ދޭންޖެހޭ ތަރުބިއްޔަތަކީ ދަރިންނަށް މުހިންމު އެއްޗެކެވެ.

ޚުތުބާގައި ބުނީ ޔަތީމު ކުދިންނަކީ ހަމައެކަނި މައިންބަފައިން މަރުވެފައި ތިބޭ ކުދިން ނޫންކަމަށެވެ. އަޅާލާނެ މަޔަކު ލިބިފައިނުވާ ކޮންމެ ކުއްޖަކީ ވެސް ޔަތީމު ކުއްޖެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް ޔަތީމު ކުއްޖެއް." ޚުތުބާގައި ބުންޏެވެ.

މައިންބަފައިން ދުނިޔޭގައި ތިބެ ދަރިން ޔަތީމުނުކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް