އިންތިއަށް މި ސަރުކާރާއެއްކޮށް މަސައްކަތް ކުރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރާ ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް މި ސަރުކާރާއެކު މަސައްކަތްކުރެވިދާނެކަމަށް ގަބޫލުނުކުރެވޭކަމަށް އޭނާގެ ވާދަވެރި ކެންޑިޑޭޓު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރާ ގުޅިގެން އިންތިއަށް މަސައްކަތްކުރެވިދާނެކަމަށް ގަބޫލު ނުކުރެވެނީ އިންތިގެ ކެމްޕެއިން ވާހަކަތަކަށް ބަލާފަކަމަށެވެ. އަދި ޕާޓީ ކުރިއަރާނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވިގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މަސަތްކަތް ކުރާނީ ސަރުކާރާ އެއްކޮށް ސަރުކާރު ދިފާއުކޮށް މި ޕާޓީ ވަރުގަދަކުރުމަށް. ސިޔާސީ ހަގީގަތްތަކަކީ އޮންނަ އެއްޗެއްކަން އެނގިހުރެ އެ ގައުމެއްގައި އެކަންކަން އޮންނަ ގޮތެއްގެ މަތިން އެ ކަންކަން ކޮށްގެން." އޭނާ ވިދާޅުވިއެވެ.

އެ ބަހުސްގައި އިންތި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެ ފައްޔާޒު ވިދާޅުވީ، އިންތި ސިޔާސީ ކަންކަމުގައި ތަންދޮރު ނުދަންނަވާކަމަށް ހައްދަވާތީ ކަންބޮޑުވާކަމަށެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭނުންވަނީ އެޑްމިނިސްޓްރޭޓިވްލީ އިފެކްޓިވް މީހެއްކަަށާއި އެކަމުގެ ތަޖުރިބާ ވެސް އިންތިގެ ކިބައިގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެވާހަކައަށް ރައްދުދެމުން އިންތި ވިދާޅުވީ ފައްޔާޒަކީ ގަމު ދާއިރާގެ ރައީސްކަމަށްވީއިރު ދާއިރާގެ ބައްދަލުވުމެއް އަދި ބާއްވާފައި ނުވާކަމަށެވެ.

"ހިންގުމުގެ ހުނަރެއް ނުފެނުން އަޅުގަނޑަކަށް. އެމްޑީޕީގެ އެތެރޭގެ އިކޮނޮމިކް ކޮމިޓީގެ ޗެއާ ވޭތުވެދިޔަ ހަތަރު އަހަރުގަ އެންމެ ބައްދަލުވުމެއް ވެސް ނެތް ބޭއްވިފައެއް." އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒު ހޮވިވަޑައިގެންފިނަމަ ޕާޓީގެ ލީޑަރު ރައީސް މުހަންމަދު ނަޝީދު ޕާޓީން ބޭރުކުރަން މަސައްކަތް ކުރާނަންތޯ ކުރި ސުވާލަށް ޖަވާބުދެމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ ކުޑަކުޑަ ޝަޚުސިއްޔަތެއް ނޫންކަމަށެވެ. އަދި އެ ވާހަކައަކީ ދަށުދަރަޖައިގެ ވާހަކައެއްކަމަށާއި ރައީސް ނަޝީދު ޕާޓީން ނެރެލައިފިނަމަ މުޅި ޕާޓީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެވާހަކަ ދައްކަން އަދި މާ ހުތުރުކޮށް ގައުމީ މަޖިލީހުގެ ލައިވްގަ ރައީސް ނަޝީދަކީ އަސްލު ބްރޯކަމަށް ސިފަކުރެއްވުން އެއީ ވަރަށް ބޮޑު މައްސަލައެއް އިނގޭތޯ." އެވާހަކައަށް ރައްދުދެއްވަމުން އިންތި ވިދާޅުވިއެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ދަނީ ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

ގިނަބަޔަކު މިއީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކުރިމަތިލުމެއް ކަމުގައި ދެކޭއިރު އަނެއްބަޔަކު ދެކެނީ މިއީ އެމްޑީޕީ، އެ ޕާޓީގެ އަސްލަށް ރުޖޫއަކުރުމަށް ލިބިދާނެ އެންމެ ފަހު ފުރުސަތުގެ ގޮތުގައެވެ.

comment ކޮމެންޓް