އެސްޓީއޯއިން އެ ކުންފުނީގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 65 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ އެގޮތަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމީ އިއްޔެ ކަމަށެވެ.
މީގެ ކުރިން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރުމުގެ މުއްދަތު މިމަހުގެ 15އަށް އިތުރުކޮށްފައެވެ.
ސީއެމްޑީއޭގެ ގަވާއިދުގެ ދަށުން މި އަހަރުގެ އަހަރީ ރިޕޯޓު އާންމުކުރަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 30 ވަނަ ދުވަހެވެ. އެސްޓީއޯއިން ބުނީ އެ މުއްދަތު އިތުރުކުރަން ނިންމީ އެ ކުންފުނީގެ ދަށުގައިވާ ބައެއް ކުންފުނިތަކުގެ އޮޑިޓް ނިންމުން ލަސްވުމުން ކަމަށެވެ.
އަހަރީ ރިޕޯޓު އާންމުކުރުމުގެ މުއްދަތު އިތުރުކުރީ ސީއެމްޑީއޭ އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ހުއްދައާއެކު ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މިދިޔަ އަހަރުގެ ކުއާޓާލީ ރިޕޯޓުތަކަށް ބަލާއިރު އެސްޓީއޯއިން ވަނީ މުޅި ޖުމްލަ 131 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. މުޅި އަހަރުގެ ޖުމްލަ އާމްދަނީ އުޅެނީ 10 ބިލިއަން ރުފިޔާގައެވެ. މިއީ 2020ވަނަ އަހަރާ އަޅާބަލާ އިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއާއެކު ޓެކުހަށް ކެނޑުމަށް ފަހު، މުޅި އަހަރުގެ ސާފު ފައިދާ 478 މިލިއަނަށް އަރައެވެ. ދެހާސް ވިހި ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 359 މިލިއަން ރުފިޔާއެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާއެއް މިވަގުތު އުޅެނީ 650 ރުފިޔާއަށެވެ.