ބާރަ ދާއިރާއަކުން ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލަނީ

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

މިއަހަރު ދޭން ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާނީ އަންނަ މަހުގެ އެކަކުން 30އަށް ކަމަށެވެ.

މި ހަފްލާގައި ދޭން ހަމަޖެހިފައިވާ އެވޯޑުތައް ހަތަރު ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓާފް އެކަމަޑޭޝަން، ސްޓާފް ސާވިސަސް، ލޯކަލް އިންވޯލްވްމަންޓް އަދި ހިއުމަން ރިސޯސަސް ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް ކެޓަގަރީއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މި ކެޓަގަރީތައް އެކުލަވާލުމުގައި އިސްކަން ދީފައިވާނީ މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ މިންވަރަށާއި، ދިވެހިން ބައިވެރިކުރާ މިންވަރަށް ކަމަށެވެ.

މި އެވޯޑް ޑިޒައިން ކުރުމަށް މިހާރު ހުޅުވާލައިފައި ވާއިރު، އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 27ން އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހަށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ ހަފްތާގެ ތެރެއިންނެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އިވެލުއޭޝަން މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. އަދި އެވޯޑުތަކަށް އިންސާފުކުރާނީ މިނިސްޓްރީން އެކުލަވާލާ ޕެނަލަކުންނެވެ.

comment ކޮމެންޓް