"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... އިންޝާﷲ ދޮންބެއަށް ދެރަގޮތެއް ނުވާނެ..." ވިޝްކާ އިދާންގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

އިދާން ފާޑަކަށް ހީލާފައި ތެދުވެގެން ދިޔައީއެވެ. ވިޝްކާއަށް އިނދެވުނީ އެކަމާއި ވިސްނާށެވެ. އިދާން ހެދީ ދޮގެއް ހެއްޔެވެ؟ ނޫނީ އެއީ ތެދަކަށް ވާނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

********

ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލަން ޒަރީނާއަށް ހުރެވުނީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖެހި އިރުވެސް، ސައްތާރު ގެއަކަށް ނާދެއެވެ. ސައްތާރުގެ އިންތިޒާރުގައި ކޮންމެ ރެޔަކު އެތައް ދަމެއް ވަންދެން ހޭލާ ހުންނަން ޒަރީނާއަށް މަޖުބޫރު ކުރުވައިފިއެވެ. އެއީ އޭގެ ކުރިން ސައްތާރު ކަންތައްކުރި ގޮތެއް ނޫނެވެ. އަބަދުވެސް ޒަރީނާ އާއި ދޭތެރޭގައި ވިސްނާ ސައްތާރުގެ މިޒާޖަށް އައިސްފައިވާ ބަދަލުން ޒަރީނާ ހާސްކުރުވާފައިވީ މާ ވަރަކަށެވެ. ގެއަށް ނުވަންނަ ތަނުގައި ޒަރީނާ ގުޅިޔަސް، ސައްތާރު އޭނާގެ ފޯނަށް ޖަވާބު ދެނީ މަދު ފަހަރަކުއެވެ. އެންމެން ނިދާހާއިރު ކޮށްފައި ގެއަށް އައިސް، އެންމެން ހޭލުމުގެ ކުރިން ގެއިން ނުކުމެގެން ދެވޭތޯ އޭނާ ބަލައެވެ. ވީގޮތް އެނގެން ޒަރީނާ ކިތަންމެ ބޭނުންވި ނަމަވެސް، އެ ފުރުސަތު ނުލިބޭތީ، ހިމޭނުން ހުންނަން މަޖުބޫރު ވަނީއެވެ. އެއީ ޒަރީނާގެ ހިތަށް ކެތްވާ ވަރުގެ ކަމަކަށް ނުވިއެވެ.

ގަޑިން މެންދަމުން އަލިވެ ދެ ގަޑި ބައިވީ ތަނާ ކޮޓަރީގެ ތަޅު އަނބުރައިލި އަޑު އިވުނެވެ. އެނދުގައި އިށީނދެލައިގެން އިން ޒަރީނާއަށް ދޮރާއި ދިމާއަށް ބަލައިލެވުނީ އުއްމީދުން ފުރިގެންވީ ނަޒަރަކުންނެވެ. އެތެރެއަށް ވަނީ އޭނާ ދެކެން ބޭނުންވި ސޫރަ ނަމަވެސް، ސައްތާރު ފެނުމުން ޒަރީނާއަށް ތެދުވެވުނީ ކޮޅަށެވެ. އެއީ ހަމަ ސައްތާރު ހެއްޔެވެ؟ ސައްތާރުގެ މުޅި މޫނު އޮއްސިފައިވާއިރު، ކުރިން އެ މޫނުން ފެންނަމުންދިޔަ އުފާވެރިކަމާއި ދިރުމެއް ނެތެވެ. އެ މޫނު ވަނީ މިލާފައެވެ. ދިރިއުޅުމުގައި އެއްވެސް އުއްމީދެއް ނެތްފަދައެވެ.

"ސައްތާރު!..." ޒަރީނާއަށް ގޮވައިލެވުނެވެ.

އިރުކޮޅަކު ދޮރުމަތީގައި މަޑުކޮށްލުމަށްފަހު، ސައްތާރު ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތަށް ނައްޓުވަން ހުރެފައި، ޒަރީނާއަށް އޭނާ ބަލައިލީ ލޯގަނޑުންނެވެ.

"ޒަރީނާ އަދިވެސް ނުނިދަނީތަ؟..." ސައްތާރު ސުވާލުކުރީ ފަރުވާކުޑަ ރާގަކަށެވެ.

"ސައްތާރު ބުނެބަލަ އަހަރެން ނިދާނެ ގޮތެއް؟..." ޒަރީނާއަށް ރޮވޭގޮތް ވިއެވެ.

ޒަރީނާގެ ހިތް ޝަކުވާއިން ފުރެމުން ދަނީއެވެ. އަމިއްލަ މައްސަލަ އޮތްކަން އެނގޭ އިރުވެސް، ސައްތާރު އެ މަސައްކަތް ކުރަނީ ޒަރީނާ ދުރުކޮށްލާށެވެ. އެ ސުވާލު އޭނާ ކުރީ ޒަރީނާގެ ހިތަށް ތަދުކުރަން ހެއްޔެވެ؟ ނޫނީ ވަމުންދާ ކަންތައް ފޮރުވުމުގެ ނިޔަތުގައި ހެއްޔެވެ؟

އެއްޗެހި ބަދަލުކުރިގޮތަށް ސައްތާރު ގޮސް ވަނީ ފާހާނާ އަށެވެ. އޭނާ ފާހާނާއިން ނުކުތްއިރު، ޖެހި ބުދެއްހެން ޒަރީނާ އޭނާ އިންތަނުގައި އިނެވެ. ސައްތާރު ގޮސް އެނދުގައި އޮށޯވެލިއެވެ.

"ކީއްވެތަ ކުއްލިއަކަށް ސައްތާރު ތިހާ ބަދަލުވީ؟... ކޮންމެސް ސަބަބެއް އޮންނާނެ... އެއްފަހަރުވެސް ވީގޮތެއް ބުނެދީބަލަ..." ޒަރީނާގެ ހިތް ފަޅައިގެން ދިޔައެވެ.

"އަހަރެންތަ ބަދަލުވީ؟... ނޫނީ ޒަރީނާތަ؟..." ސައްތާރު ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ޒަރީނާ ވާހަކަ ދައްކަން އޭނާ ފުރުސަތު ދީފީމޭ ބުނާ ފަދައިންނެވެ.

"އަހަރެންދެކެ ފޫހިވީތަ؟... ނޫނީ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟..." ޒަރީނާވެސް ކުރީ ސުވާލެވެ.

ސައްތާރު އެއްޗެއް ނުބުނެ ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. އޭނާ އަލަމާރީގެ ތެރެއިން ނެގި ސިޓީއުރަ ޒަރީނާގެ އަތަށް ލައިދިނެވެ.

"ޒަރީނާ ބޭނުންވެގެން އުޅޭ ޖަވާބު ތީގެން ލިބޭނެ..." ސައްތާރު ބުނެލިއެވެ.

ޒަރީނާ އެއްފަހަރު ސިޓީއުރައަށް އަނެއް ފަހަރު ސައްތާރުގެ މޫނަށް ބަލައިލުމަށްފަހު، ސިޓީއުރައިގައި ހުރި އެއްޗެއް ނެގިއެވެ. އޭގައި ހުރީ ތަސްވީރުތަކެކެވެ.

"ތީ މުހައިމިނުގެ ގެއިން އަހަންނަށް ފެނުނު އެއްޗެއް..." ސައްތާރު އިތުރު ތަފުސީލު ދިނެވެ.

ފަހަރަކު ތަސްވީރެއް ބަލަމުން ދިޔަ ވަރަކަށް ޒަރީނާގެ ދެލޯ ބޮޑުވަމުން ދިޔައެވެ. އޭނާ އިނީ އިސް އުފުލައި ސައްތާރާއި ދިމާއަށް ބަލައިލަންވެސް ނުކެރިފައެވެ. ހަމަ އެއާއި އެއްވަރަށް މުހައިމިނުދެކެ ހިތްހަމަވެސްނުޖެހިފައެވެ.

ސިޓީއުރައިގައި ހުރީ އިރަމް އާއި އައިޒަކްގެ ތަސްވީރުތަކެކެވެ. އައިޒަކާއި އިރަމްގެ ކައިވެނީގެ ތަސްވީރުތަކާއި، އިރަމް އާއި އައިޒަކް ވަކިން ހުއްޓާ ނަގާފައިވާ ތަސްވީރުތަކެވެ. ޒަރީނާ އާއި އިރަމް އަދި އައިޒަކް ބައްދަލުވި ދުވަހު ނަގާފައިވާ ތަސްވީރުތަކުގެ އިތުރުން ދެން އޮތީ، ޒަރީނާއަށްވެސް ހައިރާންކަން ގެނުވި ތަސްވީރެކެވެ. އެއީ އައިޒަކްގެ މަންމަ އާއިއެކުގައި އިރަމް ހުއްޓާ ނަގާފައިވާ ތަންކޮޅެއް ކުރީގެ ތަސްވީރެކެވެ. އެހާ ދުވަސް ކުރިންވެސް، މުހައިމިނު އައީ އިރަމްއަށް ފާރަލަމުން ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟

"ޒަރީނާއަށް ތި ހުރިހާ ކަމެއް އެނގޭ ދޯ؟..." ހަގީގަތް އެނގިހުރެ، ޔަގީންކޮށްލަން ބޭނުންވެފައިވާ ފަދައަކުން ސައްތާރު ސުވާލު ކުރިއެވެ.

ސައްތާރު ދެއްކީ އިރަމް އާއި އައިޒަކްގެ ކައިވެނީގެ ވާހަކަ ކަން އެނގުމުން، ޒަރީނާގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. ތަސްވީރުތައް އަތުން ދޫވެގެން ނުދިޔައީ ކިރިޔާއެވެ. ބުނާނެ އެއްޗެއް ނޭނގި ވިސްނަން އޭނާއަށް އިރުކޮޅަކު އިނދެވުނެވެ.

"އަހަންނަށްވެސް އެނގުނީ ވަރަށް ފަހުން... އަހަރެން ހުރީ އައިޒަކް ބޭނުންވެގެން ސައްތާރު ކައިރީ ބުނަންދެން މަޑުކޮށްގެން..." ޒަރީނާ ބުންޏެވެ.

"އައިޒަކް އެހެން ކަންތައް ކުރިޔަސް، އަހަރެން ހިއެއް ނުކުރަން ޒަރީނާ އަހަންނަށް އެވަރު ކަމެއް ސިއްރުކޮށްފާނެ ކަމަކަށް..." ސައްތާރު ހުރީ މާ ބޮޑަށްވެސް ހިތްހަމަނުޖެހިފައެވެ. ރުޅި ފިނިކުރަން އޭނާ ބޭނުންނުވާ ކަހަލައެވެ.

"ސައްތާރު... ހަމަޖެހިބަލަ..." ޒަރީނާ ހާސްވިއެވެ. "އެއީ އެކުދިންގެ އަމިއްލަ ދިރިއުޅުން..."

"އަހަންނަކަށް ނޭނގެ ކީއްވެކަމެއް އެންމެން އަހަންނަށް ކަންކަން ސިއްރުކުރަނީ... ވިޝްކާވެސް މީހަކާ ރައްޓެހިވެގެން އުޅޭއިރު، އަހަރެން ކައިރީ ބުނެވެސްނުލާ..." ސައްތާރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ދިރިއުޅުން މަތިން އޭނާ ފޫހިވެފައިވާލެއް ބޮޑުކަން ޒަރީނާއަށް އެނގުނެވެ.

"ވިޝްކާއޭ؟..." ޒަރީނާ ހައިރާންވިއެވެ.

"އަމިއްލަ ދަރިންގެ ކަންކަން ޒަރީނާއަށް ނޭނގެނީ ކީއްވެތަ؟... ބަލަ ވިޝްކާއަކީ ބޮޑުވެފަ ހުރި އަންހެން ކުއްޖެކޭ... އުޅޭނޫޅޭގޮތް ބަލަން ޖެހޭނީ ޒަރީނާއޭ... ދުވާލު ހަތަރުދަމު އަހަރެން މިއުޅެނީ މަސައްކަތުގަ... އެކަމަކު އަހަންނަށް އެނގޭވަރުވެސް ޒަރީނާއަށް ނޭނގޭ..." ސައްތާރު ހިތްހަމަނުޖެހިގެން ގޮސް އެނދުގައި އޮށޯވެ، އަނެއް ފަރާތަށް އެނބުރުނެވެ.

********

ހެނދުނުގެ ވަގުތެވެ. ގޭގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން، ޒިވިއަން ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި އިރަމް ފެނުމުން، ޒިވިއަންއަށް ބަލައިލެވުނީ، ސޯފާގައި އިށީނދެލައިގެން އިން މުހައިމިނަށެވެ. މުހައިމިނުގެ ނަޒަރު ހުއްޓިފައިވީ ޓީވީއަށެވެ. އިރުކޮޅަކު މުހައިމިނަށް ބަލަން ހުރެފައި، ޒިވިއަން އަނެއްކާވެސް އިރަމްއަށް ބަލައިލިއެވެ. އިރަމް ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

"އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟..." އިރަމް ގާތް ގޮތަކަށް ސުވާލުކުރިއެވެ.

"ނޫނޭ... ވަދޭ..." ދޮރުމަތިން ދުރަށްޖެހިލަމުން ޒިވިއަން ހިނިތުންވެލިއެވެ.

އިރަމް އޭނާގެ އަތުގައި އޮތް މާބޮނޑި ޒިވިއަންއަށް ދިނެވެ. އިރަމްގެ ފަހަތުން އައިޒަކްވެސް އެތެރެއަށް ވަނެވެ.

"ކައިފިންތަ؟...." ޒިވިއަން ހުރިގޮތުން އިރަމް ސުވާލު ކުރިއެވެ.

"އާނ... ބައްޕައާއެކީ ދެންމެ ސައި ބޮއެފިން..." ޒިވިއަން ޖަވާބުދިނެވެ. "ހިނގާ އިށީންނަންދާން..."

ގެއަށް ބަޔަކު ވަން އަޑު އިވުމުން، މުހައިމިނު ފަސްއެނބުރި ބަލައިލިއެވެ. އިރަމް ފެނުމާއިއެކު މުހައިމިނު ފުންމައިގެން ތެދުވިއެވެ. އިރަމްއަށްވެސް ވީ އެވަރެވެ. ދެލޯ ބޮޑުކޮށްގެން މުހައިމިނަށް ބަލަން އޭނާ ހުރީ ބިރެއް ފެނުމުން ބަލާ ހެންނެވެ. އިރަމް މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. އައިޒަކްގެ ޓީޝާޓުގައި ހިފަހައްޓާލައިގެން އޭނާ ހުއްޓެވެ. އައިޒަކް ކުރިއަށް ހިނގައިގަންނަން އުޅުމުންވެސް، އިރަމް އެކަމަށް ހުރަސްއެޅިއެވެ.

"ހިނގާ ދާން..." އިރަމްއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

އިރަމް ބުނި އެއްޗެއް އައިޒަކަށް އަޑު އިވޭގޮތް ނުވި ނަމަވެސް ކައިރީގައި ހުރި ޒިވިއަންއަށް އެ އަޑު އިވުނެވެ. ޒިވިއަން ހުރީ އިރަމްއަށް ވީގޮތް ފެނި، ހައިރާންވެފައެވެ. އަނެއްކޮޅުން މުހައިމިނުވެސް އިރަމްއަށް ބަލަން ހުރީ ތަފާތު ނަޒަރަކުންނެވެ. އިރަމްއަށާއި މުހައިމިނަށް އެކަކު އަނެކަކު، އެނގޭކަން ޒިވިއަންއަށް ކަށަވަރުވީ ދެނެވެ.

"އިރަމް ކީއްވެ ބައްޕަ ފެނުނީމަ ބިރުގަންނަންވީ؟..." ޒިވިއަންގެ ހިތުގައި ބިރުވެރި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. "އަނެއްކާ އެ ދެ މީހުންގެ ދެމެދުގަ ކޮންމެސް ކަމެއް ހިނގާފަ އޮތީބާ؟..."

މުހައިމިނު ފެނުމުން އައިޒަކްވެސް ހުރީ ފޫހިވެފައެވެ. ރުޅި އައިސް ދެއަތް މުށްކެވިފައެވެ. ދަތްތަކަށް ބާރުކުރަމުންދިޔަ ވަރަކަށް އައިޒަކްގެ ދެ ބުމަ ކައިރިވަމުން ދިޔައެވެ. އޭނާއަށް ވެގެންވާނަމަ، މުހައިމިނުގެ ކަރުގައި ހިފައި، ނޭވާއަށް އުނދަގޫކުރީހެވެ. މަންމަ ދުނިޔޭގައި އެ މަންމައަށް ކުރި ޖެއްސުމާއި، ޖެއްސި ދަތި ހާލު މުހައިމިނަށް ޖައްސަން އައިޒަކް ބޭނުންވިއެވެ. ދުނިޔޭގައި ވޭނާއި ހިތާމައިގައި އުޅުމަކީ، ކޮބައިކަން އިހުސާސްކޮށްދޭން ހިތް އެދުނެވެ. އެހެނަސް، އޭނާ ކެތްތެރިވިއެވެ. މަންމަ ދުނިޔޭގައި ނެތްނަމަވެސް، އެ މަންމަގެ ތަރުބިއްޔަތަށް އުނިކަމެއް އަޔަނުދިނުމުގެ ގޮތުންނެވެ.

"އައިޒަކް!..." މުހައިމިނު ގޮވައިލީ ފާޑަކަށެވެ. "ކޮން ކަމަކުބާ؟..."

އައިޒަކް ޖަވާބެއް ނުދިނެވެ. މުހައިމިނު އޭނާގެ މަންމަ އާއި މެދުގައި ކަންތައްކުރި އިހާނެތިގޮތް އޭނާއަށް އެނގުނީ މަންމަ ނިޔާވެ، އައިޒަކްގެ ބައްޕަގެ މުދާތައް ފޭރިގަނެގެން، މުހައިމިނު ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ. މަންމަގެ ސިޓީ އައިޒަކަށް ފެނުނީ، އަލަމާރި ސާފުކުރި ދުވަހެއްގައެވެ. އެ ސިޓީގައި، މުހައިމިނުގެ ހަގީގަތް ހާމަކޮށްފައި އޮތީ ރޮމުންކަން، ކަރުދާހުގައިވާ ކަރުނައިގެ ތިކިތަކުގެ ނިޝާންތަކުން އައިޒަކަށް އެނގުނެވެ. މުހައިމިނު މަންމަދެކެ ލޯބިނުވާކަމާއި، އޭނާ ބޭނުންވީ، އައިޒަކްގެ ބައްޕަގެ މުދާތައް ކަމަށް ސިޓީގައި އޮތެވެ. މަންމަގެ އެތައް ނަސޭހަތަކާއިއެކު ދެރަނުވެ، ހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ވަސިއްޔަތްކޮށްފައި އޮތެވެ. އެއީ އައިޒަކަށް ނުހަނު އުނދަގޫ މަގެކެވެ. ހުރިހާ ކަމެއް ނޭނގޭކަމަށް ހަދައިގެން ހުންނަން އުނދަގޫވި ނަމަވެސް ،އައިޒަކް ހިފީ މަންމަ ދިން ނަސޭހަތުގައެވެ. އެއީ ހުރިހާ ކަމެއް އެނގި ހުރެމެ، ނޭނގޭކަމަށް ހެދުމެވެ. އަދި ކުށްވެރިންނަށް މައާފު ދިނުމެވެ. އެހެނަސް، އޭނާއަށް ޒިވިއަންއަށް މަޢާފުކުރަން އުނދަގޫވީ، ޒިވިއަންއަށް ހަގީގަތް އެނގި، މަންމައަށް އެހީނުވި ކަމަށް ހީކޮށްފައެވެ. އަދި ޒިވިއަންއަކީ، މުހައިމިނުގެ ލޭކަމަށް ވީތީއެވެ. އެކަމަކު، ހަގީގަތަކީ، މުހައިމިނު ޒިވިއަންވެސް ބެހެއްޓީ އަނދިރީގައި ކަމެވެ. ހަގީގަތް އޭނާ ވަނީ ޒިވިއަންއަށްވެސް އޮޅުވާލާފައެވެ. އެއީ ޒިވިއަން އޭނާގެ ކައިރީގައި ބެހެއްޓުމަށް މުހައިމިނު ރޭވި ރޭވުމެއްކަން އައިޒަކަށް ޔަގީންވިއެވެ.

"އަދިވެސް ހިތްހަމަނުޖެހިފަތަ؟..." މުހައިމިނު އަނެއްކާވެސް ސުވާލުކުރިއެވެ. "މާޒީއަކީ މާޒީ... އެކަން ދެން ހަނދާން ނައްތާލާ..."

މުހައިމިނަށް އެއްޗެއް ވިސްނުނު ފަދައިން ބުނެލިއެވެ. އޭނާ ކުޑަކޮށް ކުރިއަށް ޖެހިލުމުން އައިޒަކް ޖެހިލީ ފަހަތަށެވެ.

"ހަނދާން ނައްތާލާށޭ؟..." އައިޒަކްގެ ކެތްތެރިކަން ކޮޅުންލިއެވެ.

މުހައިމިނުގެ ހަގީގަތް މަންމަގެ ސިޓީގައި ހާމަކޮށްފައި އޮތީ، ވަކި މިންވަރަކަށް ކަމެއް އައިޒަކް ނުދެނަހުއްޓެވެ. މަރާއި ހަނގުރާމަ ކުރަމުންދިޔައީ، އަމިއްލަ ފިރިމީހާގެ ނުބައިކަމުން، ދިރިހުރުމާއި ގުޅިފައިވާ ގުނަވަންތައް ވިއްކާލުމުގެ ސަބަބުންކަން ދަރިއެއްގެ ކައިރީގައި ބުނާނެ ހިތްވަރު އެ މަންމަގެ ގައިގައި ނެތުނީކަން ކަށަވަރެވެ. އެ ހިތި ހަގީގަތް އެނގުމުން، ޔަގީނުންވެސް އައިޒަކްގެ ހިތް ފަޅައިގެން ދާނެއެވެ. މުހައިމިނުގެ ދިރިއުޅުން އެފުށްމިފުށަށް ޖަހައިލާނެވެ. އައިޒަކްގެ ހިތް ނަފުރަތުގެ އަލިފާނުން އަނދައިގެން ހިނގައިދާނެކަމުގެ ބިރު އެ މަންމަގެ ހިތުގައި ވާނޭކަން ޔަގީނެވެ. ބަދަލުހިފުމުގެ ރޫހުން، ލޯބިވާ ދަރިފުޅުގެ ދެ ދުނިޔެ ގެއްލިގެންދާކަށް މަޔަކު ނޭދޭނެއެވެ. ބައެއް ކަންކަމަކީ، ހާމަކުރުމަށްވުރެ، ސިއްރެއްގެ ގޮތުގައި ބޭއްވުން ރަނގަޅު ކަންކަމެވެ. އެއީ އެހެން މީހުންނަށްޓަކައެވެ.

"ހިނގާ ދާން..." އިރަމް އައިޒަކްގެ ޓީޝާޓުގައި ހިފާފައި ދަމަން ފެށިއެވެ.

"އަހަރެން މީ އެއް އިރަކު އައިޒަކްގެ ބައްޕައެއްގެ މަގާމުގަ ހުރި މީހެއް..." މުހައިމިނު ފާޑަކަށް ހީލިއެވެ.

"މަންމަ ނިޔާވި ދުވަހުން ފެށިގެން، އަހަރެންގެ ބައްޕައަކު މިދުނިޔެއަކު ނުހުންނާނެ... ހާއްސަކޮށް ތިކަހަލަ މީހަކަށް އަހަރެން ބައްޕައެއް ނުކިޔާނަން..." އައިޒަކް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ބްރަދަރ..." ޒިވިއަން ކަންބޮޑުވެފައި ގޮވައިލިއެވެ.

ފަހަރަކު މީހެއްގެ މޫނަށް ބަލަން، ޒިވިއަން ހުރީ ހާސްވެގެން ހަދާނެގޮތެއް ނޭނގިފައެވެ. ވެގެން އުޅެނީ ކިހިނެއް ހެއްޔެވެ؟ މުހައިމިނުދެކެ އެންމެން ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އެއްކޮޅުން އިރަމްއެވެ. އަނެއްކޮޅުން އައިޒަކެވެ. ދެމީހުންގެ މޫނުންވެސް މުހައިމިނަކީ ރަނގަޅު މީހެއް ކަމުގައި ބުނެ ނުދެއެވެ. ހަގީގަތަކީ ޒިވިއަންއަށް އެއްވެސް ވަރަކަށް މުހައިމިނުގެ އަނދިރިފަރާތް ނޭނގޭކަމެވެ. އޭނާއަށް ފެނިފައި ވަނީ ބައްޕަގެ ހިތްހެޔޮކަމާއި އޯގާތެރި މިޒާޖެވެ. މީހުންނަށް ބަހައްޓާ ގާތްކަމެވެ. އެކުވެރިކަމާއިއެކު މުއާމަލާތްކުރާ ގޮތެވެ.

"ދަރިފުޅާ ޒިވިއަން... ބޭބެއަށް ވިސްނައިދީބަލަ... ބޮޑެތި މީހުންނަށް އިހުތިރާމް ކުރަންވާނެއެއްނު... ކިތަންމެ މަތީ މަގާމެއްގަ އުޅުނަސް އަދަބުވެރިކަން ބަހައްޓަންވާނެ..." މުހައިމިނުގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. "ދަރިފުޅު ބުނެބަލަ... މަންމަ ނިޔާވުން އެއީ ބައްޕަގެ މައްސަލައެއްތަ؟... ކޮންމެ މީހަކުވެސް މަރުވާނެ... އެމީހަކު މަރުވާނެ ގޮތްވެސް މާކުރިން އޮންނާނީ ލިޔުއްވާފަ..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު