މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ހެޑް ކޯޗް އެރިކް ޓެން ހެގްގެ އެދުމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޯންގް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފިއެވެ.
ފުޓުބޯޅައިގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި ޓެން ހެގް، ޑިޔޯންގް ބޭނުންވެއެވެ. ޔުނައިޓެޑުން މިހާރު ޑިޔޯންގްއާ ވާހަކަ ދައްކައިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
"ޑިޔޯން ބޭނުންވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން،" ފަބްރީޒިއޯ ރޮމާނޯ ބުންޏެވެ.
ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައިވެފައިނުވާކަން މިހާރު ވަނީ ޔަގީންވެފައެވެ.
މި ސީޒަން ނިންމާލުމަށްފަހު ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ އެ ޓީމު ދޫކޮށްލާނެކަމަށް ބެލެވިފައިވާތީ އެ ތަން ފޫބެއްދުމަށް ޓެން ހެގް އެންމެ ބޭނުންވާ ކުޅުންތެރިއަކީ ޑިޔޯންގްއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އަޔެކްސް އިން 65 މިލިއަން ޕައުންޑަށް ބާސެލޯނާއާ ގުޅުނު ޑިޔޯން މިވަގުތު އެ ޓީމުގައި ހުރީ 2026 ވަނަ އަހަރާ ހަމައަށް އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް ބާސެލޯނާގެ މެދުތެރޭގައި ޕެޑްރީ ގޮންޒާލޭޒް އާއި ޕަބްލޯ ގަވީގެ މޮޅު ކުޅުން ފެންނަން ފެށުމާއެކު އޭނާގެ މުސްތަގުބަލު ވަނީ ޝައްކެއްގެ ތެރެއަށް ވެއްޓިފައެވެ.
ޑި ޖޮންގް ވަނީ ބާސެލޯނާގައި ގިނަ އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށް އެތައް ފަހަރެއްގެ މަތިން ފާޅުގައި ބުނެފައެވެ.
ސްޕެއިންގެ ކުލަބަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އާ ސީޒަނަށް ފަންޑު ކުރުމަށް އެހީތެރިވުމުގެ ގޮތުން ޑިޔޯންގް ވިއްކާލަން ޖެހިދާނެ ކަމުގެ ބިރު އެ ޓީމަށް މިހާރު ވަނީ ހީވެފައެވެ.
ޑިޔޯންގް އަކީ 2018/19 ވަނަ ސީޒަނުގައި ޓެން ހެގް އަޔެކްސްގެ ކޯޗުކަމުގެ ދަށުން ހީވެސް ނުކުރާވަރުގެ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. ނެދެލެންޑުގެ އެރެޑިވީސީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައި އަޔެކްސައާއެކު އެ އަހަރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް ކުޅެފައެވެ.