އުތުުރުކޮރެއާއިން ކޮވިޑް-19 ފެނުމުން މުޅިގައުމު ފުރަބަންދުކޮށްފި

އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންގް އުން

ޕިޔޮންގްޔަންގް (12 މޭ 2022): އުތުރުކޮރެޔާއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނިއްޖެކަމަށް އެގައުމުން އެއްބަސްވެއްޖެއެވެ. މިއީ އުތުރުކޮރެއާގައި ކޮވިޑް-19 ފެތުރެމުންދާކަމަށް އެގައުމުގެ ސަރުކާރުން އިއުތިރާފުވި ފުރަތަމަ ފަހަރެވެ.

އުތުރުކޮރެއާގެ ރަސްމީ ނޫސްއެޖެންސީން މިއަދު ފެތުރި ޚަބަރެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ އެންމެ ހަލުވިކޮށް ފެތުރޭ ވައްތަރު ކަމަށްވާ އޮމިކްރޯން ވެރިރަށް ޕިޔޮންގްޔަންގުން ފެނިފައިވާ ކަމުގައެވެ. ނަމަވެސް ފެނުނު ކޭސްތަކުގެ އަދަދު ހާމައެއް ނުކުރެއެވެ.

އުތުރުކޮރެއާގެ ރަސްމީ މިޑީއާ ބުނާގޮތުން އޮމިކްރޯންގެ ކޭސްތަކާއެކު ގައުމަށް ވަނީ ނުރައްކަލުގެ ހާލަތު ކުރިމަތިވެފައެވެ. މިއާއެކު ގައުމުގެ ކަންކޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19 އުތުރުކޮރެއާއަށް ވަނީ އެގައުމުން ގެންގުޅޭ ކަރަންޓީނު ނިޒާމުގައި ބާގަނޑެއް ހެދުމުގެ ސަބަބުންކަމަށާ 2020 ވަނައަހަރުގެ ފެބްރުއަރީން ފެށިގެން މިހާތަނަށް އައިއިރުވެސް ކޮވިޑުން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި އުތުރުކޮރެއާ އޮތީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެގައުމުގައި އޮތް ކަރަންޓީގެ ނިޒާމު ވަރުގަދަވެފައި އެނިޒާމު ދަމަހައްޓަން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ސަބަބުންކަމަށް އުތުރުކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.

އެއެޖެންސީ އިތުރަށް ހާމަކުރި ގޮތުގައި އެގައުމުގެ ޒައީމް ކިމްޖޮންގްއުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ގައުމުގެ ހުރިހާ ސަރަހައްދުތަކެއް ފުރިހަމައަށް ފުރަބަންދުކުރުމަށް އަމުރު ކުރައްވާފައެވެ.

އުތުރުކޮރެއާއަކީ މާގިނަބަޔަކު ގޮސް އުޅޭ ގައުމަކަށް ނުވެފައި އިންޕޯޓް އެކްސްޕޯޓު މަދު އަދި އެކަހެރި ގޮތެއްގައި އުޅޭ ގައުމަކަށްވާތީ އެހެން ގައުތަކުގައި ކޮވިޑް ފެތުރޭގޮތަށް އެގައުމުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ.

އުތުރުކޮރެއާ ބުނާގޮތުން މީގެކުރިން އެގައުމުގައި ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. އުތުރުކޮރެއާއާ ދުޝްމަންކަން ގެންގުޅޭ އަދި އެގައުމު އިނދަޖައްސާލަން މަސައްކަތްކުރާ އެމެރިކާއާއި ޖަޕާނުންވަނީ އުތުރުކޮރެއާއިން ކޮވިޑް ފެނިފައިނުވާކަމަށް މީގެކުރިން އެގައުމުން ދައްކާފައިވާ ވާހަކަތައް ގަބޫލުކުރަން ފަސްޖެހިފައެވެ. ނަމަވެސް އުތުރުކޮރެއާގައި ކުރިން ކޮވިޑް ފެތުރުނުކަން ޔަގީންކޮށްދިނުމުގައި އެމެރިކާއާއި ޖަޕާން ވަނީ ނާކާމިޔާބުވެފައެވެ.

އުތުރު ކޮރެޔާގެ އާންމު ސިއްހަތާބެހޭ ނިޒާމަކީ ސަރުކާރުގެ ހިލޭއެހީގެ މައްޗަށް ބިނާވެފައިވާ އަދި ސަރުކާރުގެ ރަސްމީ މުއައްސަސާތަކުން ކުރިޔަށްގެންދާ އަދި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތްދޭ ނިޒާމެކެވެ. އުތުރު ކޮރެއާގެ އާންމު ސިއްހަތާބެހޭ ނިޒާމަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ސިއްހީ ނިޒާމަކަށްނުވި ނަމަވެސް އެގައުމަކީ އާންމު ސިއްހަތާބެހޭ ވަރަށް ސިސްޓަމެޓިކް ނިޒާމެއް އޮންނަ އަދި އަމިއްލަ ޓެކްނޮލޮޖީގައި ބޭހާއި ސިއްހަތާބެހޭ ވަސީލަތްތައް އުފައްދާ ގައުމެކެވެ.

ސިއްހަތާބެހޭ ނިޒާމު ތަރައްގީ ކުރުމުގައި އުތުރުކޮރެއާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމެރިކާ އިސްކޮށް އޮވެގެން އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރުތައް ފާސްކޮށްގެން އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި އަދި އަނިޔާވެރި ލާއިންސާނީ ފިޔަވަޅުތަކެވެ. މިފޔަވަޅުތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެގައުމުގެ އާންމު ރައްޔިތުންނަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ އުތުރުކޮރެއާއިން ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް ހަތިޔާރުތައް އުފައްދަމުން ގެންދާތީ ކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަކީ ނިއުކްލިޔާ ހަތިޔާރާއި އެނޫން ހަތިޔާރުތައް އުތުރުކޮރެއާއަށްވުރެ މާގިނައިން އުފައްދާ ގައުމުތަކެކެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން އުފައްދާ އެއްޗެއް އުތުރުކޮރެއާއިން އުފެއްދުމުން އެއީ މައްސަލައެއްކަމަށް އެމެރިކާ ދެކެއެވެ. ނަމަވެސް އުތުރުކޮރެއާ ބުނާގޮތުން އެގައުމަކީ އެމެރިކާ ގޮތަށް ގައުމުތަކަށް އިސްވެ ހަމަލާދީ މީހުން މަރައި އުދުވާން ހިންގާ ގައުމެއް ނޫނެވެ. އަދި އެމެރިކާ ގޮތަށް ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވެދެ ހަމަނުޖެހުމާއި ފިތުނަ އުފައްދާ ގައުމެއްވެސް ނޫނެވެ. އަދި ދުނިޔެއަށް އަތްގަދަ ކުރުމަށްޓަކައި އެމެރިކާ ހިންގާ ކަހަލަ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައްވެސް ހިންގާ ގައުމެއް ނޫނެވެ. މީގެއިތުރުން އެމެރިކާ ގޮތަށް ގައުމުތަކުގެ މުދަލާއި ފައިސާ ސިޔާސީ މަގްސަދުތައް ހާސިލު ކުުރމަށްޓަކައި ފޭރޭ ގައުމެއްވެސް ނޫނެވެ.

އުތުރުކޮރެއާއިންވަނީ ކޮވިޑް-19އާ ދެކޮޅަށް އަމިއްލަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުން ދާކަން ހާމަކޮށްފައެވެ. ދުނިޔޭ ގައުމުތަކަށް ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދެން ހިންގާ ކޮވެކްސް ޕްރޮގްރާމުގެ ދަށުން އުތުރު ކޮރެޔާއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭން ދުނިޔޭ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މަސައްކަތް ކުރި ނަމަވެސް ބޭރުގެ ވެކްސިން ބޭނުންނުވާކަމަށް ބުނެ އުތުރުކޮރެއާވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު