ހެލްތު މިނިސްޓްރީގެ އެންގުމަށް، ފަޒީސް ހިޖާމާ ތެރަޕީގެ އޯނަރު ފަޒީލާ އުޘްމާން (ފަޒީ) ހިޖާމާ ޖެހުން ހުއްޓާލައިފިއެވެ.
ހިޖާމާޖެހުން ހުއްޓާލިކަން އިއުލާނުކުރަމުން ކުޑައިރުކޮޅެއްކުރިން ފަޒީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މިއަދު ހެނދުނު ހެލްތު މިނިސްޓްރިއާއި އޭނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދި ހެލްތު މިނިސްޓްރީގެ ހުއްދަނެތި ދިވެހިރާއްޖޭގައި ހިޖާމާ ކްލިނިކް ނުހިންގޭނެކަމަށް އެންގުމުން ހިޖާމާޖެހުން ހުއްޓާލަން ޖެހުނީކަމަށް ފަޒީ ބުނެފައިވެއެވެ.
މިހާތަނަށް ހިޖާމާޖަހާ އެއްވެސް ތަނެއް ހެލްތު މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައި ނުވާ ކަމަށް ފަޒީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި މިއަދަށް ފަހު އެހެން ބަޔަކު ހިޖާމާ ޖެހުމުގެ އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެނަމަ އެކަން ހެލްތު މިނިސްޓްރީއަށް އެންގުމަށްވެސް ފަޒީ އެދިފައިވެއެވެ.
ރާއްޖޭގައި ދެން ހިޖާމާޖެހުމުގެ މަސައްކަތް ކުރެވޭނީ ހެލްތު މިނިސްޓްރީންއަށް ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމަށްފަހު އެ މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.
ފަޒީ އިތުރަށް ބުނެފައިވަނީ އޭނާގެ ކޯސްނިމި މިނިސްޓްރީގެ ހުއްދަ ލިބުމާއެކު ހިޖާމާ ޖެހުމުގެ މަސައްކަތް އަލުން ފަށާނެކަމަށެވެ. އަދި އެކަން ކްލައިންޓުންނަށް އަންގާނެކަމަށް އޭނާ ބުނެފައިވެއެވެ.
ފަޒީ ހިޖާމާގެ މައްސަލަ ބޮޑުވީ ސިއްހީ ގިނަ ކަންކަން ހިޖާމާ ޖަހައިގެން ހައްލު ކުރެވޭ ކަމަށް އޭނާ ބުނުމުންނެވެ. އެގޮތުން ހަކުރު ބަލި އިންސިއުލިންނާ ނުލައި ހިޖާމާއިން ހައްލުވާ ކަމަށް އޭނާ ބުނުމުން ސިއްހީ ގިނަ ބަޔަކު އެކަން ދޮގުކުރިއެވެ.
ފަޒީއަކީ ހިޖާމާ ޖަހައިގެން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި މީހެކެވެ.