ސްރީލަންކާ ގޯހުން ގޯހަށް، މައްސަލަތަަކަށް އަވަސް ހައްލެއްނެތި ގައުމުގެ މުސްތަގްބަލް ނޭނގުމެއްގެ ތެރޭގައި

ރައީސް ގޮތަބަޔަ އާއި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ

ރައީސް ގޮތަބަޔަ ރާޖަޕަކްސައާއި އިދިކޮޅު ލީޑަރުން އެއްގަލަކަށް އަރުއްވައިގެން ގައުމުގައި ވަރުގަދަ ސަރުކާރެއް އެކުލަވާލައިގެން އިގްތިސާދީ ތަދުމަޑުކަމުން ސަލާމަތްވުމަށް މަސައްކަތް ނުކުރާނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށާ މިގޮތަށް ކަން ނުކުރެވޭނަމަ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމުގައި އޭނާ ހުންނަވައިގެން ކުރެވޭނެ މާބޮޑުކަމެއްނެތް ކަމަށް ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމާ އެންމެފަހުން ޙަވާލުވެވަޑައިގެންނެވި ނަންދަލާލް ވިރަސިންގަ ދާދިފަހުންވަނީ ވިދާޅުވެފައެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސްރީލަންކާ ދެން ސަލާމަތް ކުރެވޭނީ އަވަހަށް ރައީސް ގޮތަބަޔައާއި އިދިކޮޅު ލީޑަރުން ސިޔާސީ ދެބަސްވުންތަކާއި ސިޔާސީ އަރާރުންތައް އެއްފަރާތް ކުރެއްވުމަށްފަހު ގައުމުގެ ރައްޔިތުންނަށް ޓަކައި އެއްގަލަކަށް އަރުއްވައިގެން ގައުމުގައި ވަރުގަދަ ސަރުކާރެއް އެކުލަވާލައި އެސަރުކާރުން އައިއެމްއެފްއާ އަދި ސްރީލަންކާއަށް ހެޔޮއެދޭ ގައުމުތަކާއެކު ލޯން މަޝްވަރާތަކަށް ގޮސް އަވަސްގޮތަކަށް ބޮޑު ލޯނެއް ހޯދައިގެންނެވެ.

ނަންދަލާލް ވިރަސިންގަ މިހެން ވިދާޅުވީ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވިގޮތަށް ރައީސް ގޮތަބަޔަ ވެސް އިސްތިއުފާ ދެއްވަންޖެހޭ ކަމަށާ ގޮތަބަޔަ އުފައްދަވާ އެއްވެސް ސަރުކާރެއްގައި ބައިވެރިނުވާނެކަމަށް އިދިކޮޅުން ބުނާބުނުން އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ތަކުރާރު ކުރެއްވުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ރައީސް އިއްޔެވަނީ އެގައުމުގައި އާސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ. ރައީސް ގޮތަބަޔަ މިހެން ވިދާޅުވީ ސްރީލަންކާގައި އަވަހަށް ސަރުކާރެއް އެކުލަވާލުމަށް ނަންދަލާލް ވިރަސިންގަ ގެ އިތުރުން އެ ގައުމުގެ އިސް ބައެއް ވިޔަފާރިވެރިންނާއި ބައެއް ޖަމްއިއްޔާތަކުންވެސް ގޮވާލުމާ ގުޅިގެންނެވެ.

ސްރީލަންކާގެ އިސް ވިޔަފާރިވެރިން ބުނާގޮތުންވެސް އިދިކޮޅާ ރައީސް ގޮތަބަޔަ ގުޅިގެން އައު ސަރުކާރެއް އެކުލަވާނުލައި އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ކަންކަން ދެން ނުކުރެވޭނެއެވެ. އަވަސް އިންތިޚާބެއް ބޭއްވުމަކީ މިވަގުތު މާލީ ހާލަތު އޮތްގޮތުންނާއި ރައްޔިތުން ރުޅިގަދަވެފައި ތިބުމުންނާ އަދި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އަސާސީތަކެތިވެސް ނުލިބޭތީ ކުރެވޭނެ ކަމެއް ނޫނެވެ.ސަރުކާރެއްނެތި ދިގުލައިގެންދާނަމަ ކަންކަންދާނީ މިހާރަށްވުރެވެސް ގޯސްކޮށް ކަމަށް ސްރީލަންކާގެ ތަޖުރިބާކާރުންވެސް ދެކެއެވެ.

ރައީސް ގޮތަބަޔާ އިއްޔެ ވިދާޅުވެފައިވަނީ މިފެށޭ ހަފްތާގައި އައު ބޮޑުވަޒީރެއްގެ ލީޑާޝިޕްގެ ދަށުން އައު ކެބިނެޓެއް އެކުލަވާލެވޭނެކަމަށާ އައު ބޮޑުވަޒީރަށް އިތުރުބާރުތައްދޭ އިސްލާހެއް ފާސްކުރަން ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމުގައެވެ. ނަމަވެސް އިދިކޮޅުގެ އެއްބާރުން ނުލިބިއްޖެނަމަ ޕާލަމެންޓްގެ ތެރެއިން ކުރަންޖެހޭ ކަންކަން ރައީސް އަށް ނުކުރެއްވޭނެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިދިޔަ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވީ އިސްތިއުފާ ނުދެއްވާނެ ވިދާޅުވެ ގޮންޖެއްސެވުމާ ގުޅިގެން ސްރީލަންކާގެ އާންމުންގެ ރުޅިގަނޑު ފަޅައިގެންގޮސް ތަޅާފޮޅުމަކާ ހަމައަށް ދިޔުމާ ގުޅިގެންނެވެ. ރުޅިގަނޑު ފަޅައިގެން ދިޔައީ ސަރުކާރާ ދެކޮޅަށް ގޯލްފޭސް ސަރަހައްދަށް ނުކުތް އާންމުންނާ ކުރިމަތިލުމަށް މަހިންދަ ބަޔަކު ފޮނުވުމުންނެވެ.

މިއާއެކު އާންމުންވަނީ މަހިންދަ ފޮނުވި ކަމަށް ބެލެވޭ މީހުންނާ ތަޅާފޮޅައި އެމީހުން ބަލިކުރުމަށްފަހު މަހިންދައަށް ތާއީދުކުރާ ޕާލަމެންޓް މެންބަރުންނާ އަދި އޭނާގެ ސަރުކާރުގެ ވަޒީރުންގެ ގަޔަށްވެސް އަރައިގަނެ އެމީހުންގެ ގައިގައި ތަޅައި ބަރަހަނާކޮށް މަގުމަތީގައި ދަމައި ވަރަށް އިހާނާތްތެރި އަމަލުތައް އެމީހުންނާ ދެކޮޅަށް ހިންގާފައެވެ. މީގެތެރޭގައި ބަރަހަނާކޮށްލުމަށްފަހު އެމީހުންގެ ގެދޮރުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތައްވެސް ހިމެނެއެވެ.

މަހިންދަ އިސްތިއުފާ ދެއްވީ މިހިސާބަށް ކަންތައްތައް ދިޔުމުން އެހެން ގޮތެއް ނެތިގެންނެވެ. ނުރަސްމީ ޚަބަރުތައް ބުނާގޮތުން މަހިންދަ އިސްތިއުފާ ނުދެއްވައި ލަސްކުރެއްވި މައްސަލާގައި އޭނާގެ ކޮއްކޮ ރައީސް ގޮތަބަޔަ ވަނީ މަހިންދަ ދެކެވަރަށް ބޮޑަށް ކޯފާވެފައެވެ. މަހިންދަ އިސްތިއުފާ ދެއްވުމުން އައު ބޮޑުވަޒީރަކާއެކު އައު ސަރުކާރެއް އެކުލަވާލައިގެން ސްރީލަންކާގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ގޮތަބަޔަ ދެކެވަޑައިގަންނަވައެވެ.

ނަމަވެސް ސްރީލަންކާގެ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު ޕާޓީތަކުން އަދިވެސް ގެންދަނީ މަހިންދަ އިސްތިއުފާ ދެއްވިގޮތަށް ގޮތަބަޔަ ވެސް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ބުނެ ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ނަފްރަތު އިސްކުރަމުންނެވެ. މިގޮތުން ގޮތަބަޔަ އުފައްދަވާ އެއްވެސް ސަރުކާރެއްގައި ބައިވެރިނުވާނެކަމަށާ އަދި އެކަމަށް ޕާލަމެންޓްގައި އެއްބާރުލުންވެސް ނުދޭނެކަމަށް އިދިކޮޅުން ގެންދަނީ ބުނަމުންނެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން މަދުވެގެން 3.5 ނުވަތަ 4 ބިލިޔަން ޑޮލަރު އެއްފަހަރާ ބޭނުންވާކަމަށް ތަޖްރިބާކާރުން ވިދާޅުވާއިރު މިފަދަ ބޮޑު ލޯނެއް ލިބެން އަންނަނީ މިފަދަ ކަންކަމުގައި އެހީތެރިވާ ބައިނަލްއަގްވާމީ މާލީ އިދާރާކަމަށްވާ އައިއެމްއެފް އާ ވަރަށް ބޮޑަށް މަޝްވަރާކޮށްގެންނެވެ. މިކަން ކުރެވޭނީ ވަރުގަދަ ސަރުކާރެއް ސްރީލަންކާގައި ގާއިމްކޮށްގެންނެވެ.

އަނެއްކޮޅުން އައިއެމްއެފްގެ ޝަރުތުތައް ވަރުގަދަވެފައި އެއީ ސީދާ ރައްޔިތުންނަށް އިތުރަށް ދަތިވާގޮތަށް ސަބްސިޑީތައްވެސް ކަނޑާލަން ސަރުކާރަށް މަޖްބޫރުކުރާ ޝަރުތުތަކެއްކަމުން އެޝަރުތުތައް ގަބޫލުކުރުމަކީ އިދިކޮޅުގެ އެއްބާރުލުންވެސް ލިބޭ ސަރުކާރަކަށް ނޫނީ ކުރެވޭނެ ކަމެއްނޫނެވެ. އިގްތިސާދު ސަލާމަތް ކުރުމާއި ބަޖެޓް ގެ ބޮޑު އަރަނި ހަމަޖައްސާ ލޯންތައް ދޭ ހަމައެކަނި އިދާރާއަކީ އައިއެމްއެފް އެވެ.

އައިއެމްއެފް އިން ނޫންތަނަކުން މިވަރުގެ ބޮޑު ލޯނެއް ނުލިބޭނެއެވެ. ވޯލްޑްބޭންކުންނާ އަދި ޗައިނާއާއި އިންޑިއާފަދަ ގައުމުތަކުން ބޮޑެތި ލޯންތައްދެނީ ތަރައްގީ މަޝްރޫއުތައް ހިންގުމަށެވެ. ނުވަތަ އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ. ބަޖެޓް ޑެފިސިޓް ފޫބައްދާކަށް ނޫނެވެ.

މިހާރު ސްރީލަންކާއަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އަވަށްޓެރި އިންޑިއާއިންނެވެ. ދެން ޗައިނާއިންނެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ސްރީލަންކާއާ އަޅާލާތަނެއް ނުފެނެއެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކްގައި މިހާރުހުރި ބޭރު ފައިސާގެ ރިޒާވްއަކީ އެންމެ 50 މިލިޔަން ޑޮލަރުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިއީ ދެ ހަފްތާއަށް އެގައުމަށް ބޭނުންވާ އަސާސީ ތަކެތި ގަތުމަށް ބޭނުންވާ ވަރަށްވުރެވެސް ކުޑަ މިންވަރެކެވެ.

ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ މައްސަލަ ތަކުގެ މައިގަނޑު ސަބަބަކީ ލޯންތަކެއްވެސް ނޫނެވެ. މައިގަނޑު ސަބަބަކީ ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ދެއަހަރެއްހާ ދުވަހަށް ގައުމުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރުމުން ގައުމަށް ލިބޭ 80 އިންސައްތަ އާމްދަނީން ދިގުމުއްދަތަކަށް ގައުމު މަހުރޫމު ވެގެން ދިޔުމެވެ. އެއީ ފަތުރުވެރިކަން ދެމިއޮތްނަމަ އިގްތިސާދީ ދަތިތައް ކުރިމަތިވިނަމަވެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދޭވަރަށް ބޭރުފައިސާ ލިބޭނެތީއެވެ. އެވަރުގައި އޮތްނަމަވެސް ގައުމު އެއްކޮށް އިނދަޖެހޭ ވަރަށް މާލީ ހާލަތު ދަށަކަށް ނުދާނެއެވެ.

ލޯންއަކީ އެއާނުލައި ޒަމާނީ ދިރިއުޅުމާއި ޒަމާނީ ތަރައްގީ ނުގެނެވޭނެ އެއްޗެކެވެ. ލޯންއަކީ އެއާއެކު އުޅެންޖެހޭ އެއްޗެކެވެ. ލޯންތައް އޮތަސް ފަތުުރުވެރިކަމުން ލިބޭ ޑޮލަރުތައް ސްރީލަންކާއަށް ލިބެމުންދިޔަނަމަ އެގައުމު އިގްތިސާދީ ގޮތުން އިނދަ ނުޖެހުނީހެވެ. ނަމަވެސް ލޯންތައް ގިނަވުމާއި ރަނގަނޅަށް މެނޭޖު ނުކުރެވުމާއި ސިޔާސީ މަންފާ ހޯދުމަށް ލޯނުގެ ބޭނުން ހިފުމާއި ކަޮރަޕްޝަން އަކީވެސް މައްސަލައެކެވެ. ސްރީލަންކާ ވަނީ އެތަށް ތަނަކުން ބޮޑެތި ލޯންތައް ނަގާފައެވެ. ވޯލްޑްބޭންކުންނާއި އޭޝިއަން ޑިވެލޮޕެމެންްޓް ބޭންކުންނާއި އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކުންނާއި ޗައިނާ އަދި އިންޑިއާއިންވެސް ބޮޑެތި ލޯންތައް ނަގާފައިވެއެވެ.

މިހުރިހާ ލޯންތަކަކީވެސް ގައުމަށް ދިމާވެފައިވާ އިގްތިސާދީ އިނދަޖެހުމުގެ އެންމެ މައިގަނޑު މައްސަލައެއް ނޫނެވެ. މައިގަނޑު މައްސަލައަކީ މާ ދިގުމުއްދަތަކަށް ގައުމުގެ ބޯޑަރުތައް ބަންދުކޮށް ގައުމަށް ލިބޭ އާމްދަނީން ގައުމު އެއްކޮށް މަހްރޫމު ކޮށްލުމެވެ. އާންދަނީ ލިބެމުންދިޔަަނަމަ މިވަރެއް ނުވީހެވެ.

comment ކޮމެންޓް