ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖެހި މައްސަލަ ބަލަނީ

ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށް ސްޕްރޭ ކޮށްފައި -- ފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޭ ދަންވަރު ކަޅުކުލައިގެ ސްޕްރޭއިން ޔާމީން ހައްޔަރު ކުރަން ލިޔެފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ރަސްމީ ދޮރަށާއި ގަރާޖު ގޭޓަށެވެ. އޭގެ އިތުރުން އެ ގޭކައިރި ހުންނަ ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ އެ ލިޔުން ސްޕްރޭ ކޮށްފައެވެ.

އޭގެ އިތުރުން ޔާމީނަށް ވައްކަމުގެ ތުހުމަތުކޮށްފައިވާ ލިޔުންތަކެއް ވެސް ވަނީ އެ ސަރަހައްދުތަކަށް އަޅައިފައެވެ.

https://sun.mv/164799

ފުލުހުން މިއަދު ބުނީ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ގެއްލުންދިން މައްސަލަ އެ މުއައްސަސާގެ ސަމާލުކަމަށް އައުމުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިފަދަ އަމަލެއް ހިންގާފައި މިވަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އެ ޝިއާރު ގޭގޭ ފާރުތަކުގައި ލިޔުމަށް ޔާމީން އަންގަވައިފައިވަނިކޮށެވެ. އަދި "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާތަކެއް ވެސް ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް ބައެއް ގެތަކުގައި ދެމިއެވެ. ފުލުހުން ވަނީ އެތަކެތި ނަގައިފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅު ހެދުމުގެ ގޮތުން މިފަހުން ބަޔަކު ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެ އިހުތިޖާޖު ވެސް ކޮށްފައެވެ.

comment ކޮމެންޓް