ފަހަތުން އަރައި ޖުވެންޓަސް ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

އިޓާލިއަން ކަޕް ކާމިޔާބުކުރި އިންޓަމިލާނުގެ ޓީމު

އިޓަލީގެ ގަދަބާރު ޖުވެންޓަސް ބަލިކުރުމަށް ފަހު އިންޓަ މީލާނުން އިންޓާލިއަން ކަޕް ކާމިޔާބުކޮށްފިއެވެ.

މިރޭ ކުޅުނު އިޓާލިއަން ކަޕްގެ ފައިނަލް މެޗުގައި 14 ފަހަރު އެ މުބާރާތް ކާމިޔާބުކުރި ޖުވެންޓަސް ކޮޅަށް ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ވެސް އިންޓާއިންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި އިންޓާ ނިކަލޯ ބަރެއްލާ ގޯލުޖަހައި އެ ޓީމަށް ވަނީ ލީޑު ނަގައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ މާރިއޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތުންނެވެ.

ދެވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އެލެކްސް ސާންޑްރޯ ވަނީ ޖުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑޫސަން ވާލްހޮވިޗް ޖެހި ގޯލުން ވަނީ ޖުވެންޓަސްއަށް ލީޑު ނަގައިދީފައެވެ.

އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓުގައި އިންޓާއިން ގޯލެއް ޖަހައި ނަތީޖާ ވަނީ އަނެއްކާ ވެސް އެއްވަރު ކޮށްފައެވެ. ޖުވެންޓަސްގެ ލިއޮނާޑްރޯ ބޮނޮއްޗީ އިންޓާގެ ލައުޓާރޯ މާޓިނޭޒްއަށް ގޯލު އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން އެ ގޯލު ކާމިޔާބުކޮށްދިނީ ހަކަން ޗަންގްލޫއެވެ.

ޖުވެންޓަސް އާއި އިންޓަ މިލާން ބައްދަލުކުރި އިޓާލިއަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން--

މެޗުގެ ފުރިހަމަ ވަގުތު 2-2ގެ ނަތީޖާ އެއްވަރުވެގެން ނިމުމާ ގުޅިގެން ނަތީޖާ ނެރުމަށް ދިން އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގެ ތެރޭގައި އިންޓައިން ގޯލު ޖަހައި އެ ޓީމުން ވަނީ އަލުން މެޗުގެ ލީޑު ނަގާފައެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ކޮރޯޝިއާގެ އިތުބާރު ފޯވާޑް އިވާން ޕެރެސިޗްއެވެ.

އޭގެ ތިން މިނެޓު ފަހުން ޕެރެސިން އަނެއްކާ ގޯލެއްޖަހައި އިންޓާއަށް ލިބިފައިވާ ލީޑު އިތުރަށް ވަނީ ފުޅާ ކޮށްފައެވެ.

އެ ނަތީޖާއާއެކު އެ ޓިމު ވަނީ މި ސީޒަނުގެ އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ. މިއީ އެ ޓީމު އެ މުބާރާތް ކާމިޔާބު ކުރި އަށް ވަނަ ފަހަރެވެ.

comment ކޮމެންޓް