ލީޑްސް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ތާވަލްގެ ތިން ވަނަ ކަށަވަރުކޮށްފި

ލީޑްސް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް 3-0 އިން ބަލިކޮށް ޗެލްސީން ތާވަލުގެ ތިން ވަަނަ ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗަށް ޗެލްސީން ނިކުތްއިރު އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވޯލްސާއި އެ ޓީމު ވަނީ އެއްވަރުވެފައެވެ. ދެން އެ ޓީމު ލީގުގައި ބާކީ ކުޅެން ޖެހޭނީ އެންމެ މެޗެކެވެ.

އެ މެޗު ކުޅުމުގެ ކުރިން މިރޭގެ ނަތީޖާއާ އެކު އެ ޓީމު ވަނީ ލީގު ތާވަލްގެ ތިންވަނަ 70 ޕޮއިންޓައެކު ޔަޤީންކޮށްފައެވެ. އަދި މެޗުން ބަލިވި ލީޑްސް އޮތީ ރެލިގޭޝަން ޒޯނުގައެވެ. 34 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައި އޮތް ލީޑްސްއަށް އަންނަ ސީޒަނުގައި ޕްރިމިއާ ލީގު ކުޅުމުގެ ފުރުސަތު އަދި އެބައޮތެވެ.

މިރޭގެ މެޗު ފަށައިގެން ވެސް ޗެލްސީން ވަނީ މޮޅު ކުޅުމެއް ކުޅެ ލީޑްސްގެ ގޯލަށް ނުރައްކާ ހަމަލާތަކެއް ފޮނުވާފައެވެ. އެ ގޮތުން މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ޗެލްސީގެ މޭސަން މައުންޓް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މައުންޓް މި ގޯލު ޖަހައިފަައިވަނީ ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ލީޑްސް އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ 24 ވަނަ މިނެޓުގައި ލީޑްސްގެ ރީސް ޖޭމްސް ޗެލްސީގެ މަޓިއީ ކޮވަޗިޗްއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ޗެލްސީން ދެވަނަ ގޯލު ކާމިޔާބުކޮށް ލީޑު ވަނީ ފުޅާކޮށްފައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ޗެލްސީއަށް ކުޅެމުންއަންނަ އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިޗްއެވެ. އޭނާ އެ ގޯލު ޖަހައިފައިވަނީ ފުރަތަމަ ގޯލު ޖަހައިދިން މައުންޓު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ހަކީމް ޒިޔެޗްގެ އެހީތެރިކަމާއެކު ރޮމިއޯ ލުކާކޫ ވަނީ ޗެލްސީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެއީ ލުކާކޫ ޗެލްސީއަށް ކާމިޔާބުކޮށްދިން 34 ވަނަ ގޯލެވެ.

comment ކޮމެންޓް